Advertisement

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ފަޒީލް ފެށީ 5000 މީޓަރު ރޭހުގެ އެއް ވަނަ ހޯދައިގެން

6 މާރިޗު 2024 - 23:59 1

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ހުސެއިން ފަޒީލް ހާރޫން ދުވަނީ،--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ފަޒީލް ފެށީ 5000 މީޓަރު ރޭހުގެ އެއް ވަނަ ހޯދައިގެން

6 މާރިޗު 2024 - 23:59 1

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި، މިދިޔަ އަހަރުގެ މި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު، ހުސައިން ފަޒީލް ހާރޫން (ފްލޭޝް)، މި ފަހަރުގެ ޗެމްޕިއަންޝިޕްގައި 5000 މީޓަރު އިވެންޓުން އެއް ވަނަ ހޯދައިފި އެވެ.

މިދިޔަ ފަހަރު އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ފަޒީލް ހޯދީ 800، 1500 އަދި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެންނެވެ.

މި ފަހަރުގެ 5000 މީޓަރުގެ ރޭހުން ފަޒީލް އެއް ވަނަ ހޯދީ، ފައިނަލްގައި 16 މިނިޓް، 45.90 ސިކުންތުން ދުވެގެންނެވެ. އިވެންޓްގެ ދެ ވަނަ ދިޔައީ، އައިލެންޑް ރަނާސް މޯލްޑިވްސްގެ މުހައްމަދު އިރުފާން އެވެ. އޭނާ ރޭސް ނިންމީ، 17 މިނިޓް، 10.52 ސިކުންތުންނެވެ. ތިން ވަނަ ހޯދި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުމަދު ސަޖަން ޝާހިދު، ރޭސް ނިންމީ، 18 މިނިޓް، 26.76 ސިކުންތުންނެވެ.

މިއަދު ވަނީ، 200 މީޓަރު ދުވުމުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޕްރިލިމިނަރީ ހީޓުތައް ނިމިފަ އެވެ. ދުއިސައްތަ މީޓަރު ދުވުމުގެ ފިރިހެން، ފައިނަލުން ފުރުސަތު ހޯދީ، އަހުމަދު ނަޖުދާން އަބްދުﷲ، ހަސަން ސާއިދު، އިބްރާހިމް ނާހިލް ނިޒާރު، އަހުމަދު އައިހަމް ހަމްޒާ، އިސާކް ޔުއާބް ހަސަން، މުހައްމަދު ލަޔާން އަހުމަދު، މުހައްމަދު ރީހާން އިބްރާހިމް އަދި މުހައްމަދު އީޒާން މުހުތާޒް އެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުގެ ފައިނަލަށް ދަތުރުކުރި ދުވުންތެރިންނަކީ، ހައްވާ މުޒްނާ ފާއިޒު، އައިޝަތު ނަ އާދު އައްސަދު ވަޖުދީ، ރިފާ މުހައްމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ޒަފާ ޒައިން، ރައިން މުހައްމަދު، މާވީ ޔޫސުފް އޮލާ ގަމާގެ އަދި އަައިޝަތު ނުބްލާ ނާހިދު ޝައުގީ އެވެ.

އަންހެނުންގެ 400 މީޓަރު ދުވުމުގެ ފައިނަލުން ފުރުސަތު ހޯދި އެތުލީޓުންނަކީ، މުޒްނާ، ނަ އާދު، ރިފާ، އައިމިނަތު ލޫޔާ އަހުމަދު، ފާތިމަތު ދާނާ ސައީދު، އައިޝަތު އިމްޝާ ލުޖާޒް އަދި ނުބްލާ އެވެ. ފިރިހެނުންގެ 400 މީޓަރު ފައިނަލަށް ދަތުރުކުރީ، އާދަމް ރިއްފަތު، ޒުއިޒް މުހައްމަދު ސުއާދު، ޔޫސުފް އައިޝް މުހައްމަދު، އަބްދުﷲ ރަޝީދު އިސްމާއިލް، ހުސެއިން ޒީކް ސުއާދު، ލަޔާން، މުހައްމަދު އަނޫފް އަދި އިބްރާހިމް އާދަމް އެވެ.

މި އިވެންޓްތަކުގެ ފައިނަލް އޮތީ މާދަމާ އެވެ.