Advertisement

ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ނޮވެމްބަރުން ފެށިގެން ފުރުވާލައިފިން: އިމިގުރޭޝަން

6 މާރިޗު 2024 - 17:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް -- ފޮޓޯ: އަދަދު


ގަވާއިދާ ހިލާފަށް އުޅޭ 817 ބިދޭސީން ނޮވެމްބަރުން ފެށިގެން ފުރުވާލައިފިން: އިމިގުރޭޝަން

6 މާރިޗު 2024 - 17:45 0

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިހައިތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 817 ބިދޭސީން ބޭރަށް ފުރުވާލައިފައިވާ ކަމަށް އިމިގުރޭޝަނުން ބުނެފި އެވެ.

އިމިގުރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި "ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" ގެ ނަމުގައި ހޯމް މިނިސްޓަރީން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފައިވާ ކަމަށާއި އެ ޓާސްކު ފޯހުން ފާއިތުވި މުއްދަތުގެ ތެރޭގައި 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އޭގެއިތުރުން ފުލުހުންނާއި އިމިގުރޭޝަންގެ އިންޓެލިޖެންސާއި ގުޅިގެން ޖުމުލަ 15 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް އެ އިމިގުރޭޝަނުން ބުންޏެވެ.

ފުލުހުންނާއި ހޯމް މިނިސްޓަރީ އަދި އިމިގުރޭޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމިގުރޭޝަނުގެ ކޮންޓުރޯލަރު، މުހައްމަދު ޝައްމާން ވިދާޅުވީ ބޭރަށް ފުރުވާލި ބިދޭސީންގެ ތެރެއިން 527 މީހުންނަކީ ރީ އިންޓަގުރޭޝަން ޕުރޮގުރާމުގެ ދަށުން ފުރުވާލި ބިދޭސީން ކަމަށެވެ. ބާކީ 290 މީހުން ކުރީ ޑީޕޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭރަށް ފުރުވާލި ބިދޭސީންގެ ތެރޭގައި އެކި ކުށްތަކަށް އަރައިގަނެފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަށް ޝައްމާން ވިދާޅުވި އެވެ. އެގޮތުން ވައްކަމާއި މަސްތުވާތެކެތީގެ މައްސަލަތަކުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާ ބިދޭސީން އޭގެތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެމީހުން ބޭރަށް ފުރުވައިލުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޝައްމާން ދެއްވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގެ މައްސަލައަކީ ދެހާހުގެ ފަހުކޮޅުން ފެށިގެން ބޮޑުވެފައިވާ މައްސަލައެެކެވެ. އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މީގެ ކުރީގެ އެކި ސަރުކާރުތަކުން ވެސް ބުރަ މަަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އެންމެ ގިނައިން އުޅޭ ބިދޭސީން ނިސްބަތްވާ ބަންގުލަދޭޝްއިން ރާއްޖެއަށް ލޭބަރުން ނުގެނެވޭ ގޮތް ހަދައިފަ އެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ބަންގުލަދޭޝްއިން "އަންސްކިލްޑް" ލޭބަރުން ގެނެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފަ އެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.

އިމިގުރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް މީގެ ކުރިން އޮތީ ނުބަލައި ކަމަށް ބުނެފަ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ވަނީ ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ސަރުކާރުން ކުރިއަށްގެންގޮސްފަ އެވެ.

އެ ޕްރޮގުރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން ކުރި އެންމެ ބޮޑު މަސައްކަތެވެ.