Advertisement

ވެންޓިލޭޓަރުތަކުގެ ބަދަލު ލިބުން ވަރަށް ދުރު، މަސައްކަތް ކުރާނަން: އޭޖީ

6 މާރިޗު 2024 - 14:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ވެންޓިލޭޓަރު މައްސަލައިގައި ބަދަލު ދޭން އަމުރުކުރީ މޯލްޑިވްސް އާބިޓްރޭޝަނުން -- އަދަދު ފައިލް ފޮޓޯ


ވެންޓިލޭޓަރުތަކުގެ ބަދަލު ލިބުން ވަރަށް ދުރު، މަސައްކަތް ކުރާނަން: އޭޖީ

6 މާރިޗު 2024 - 14:43 0

ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއިން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ސަރުކާރަށް ދެއްކުމަށް މޯލްޑިވްސް އާބިޓްރޭޝަނުން ހުކުމް ކުރިއަސް، އެ ބަދަލު ލިބުމަކީ ވަރަށް ދުރު ކަމެއްގެ ގޮތުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ސިފަކުރައްވައިފި އެވެ.

ދުބާއީ ކުންފުނި އެގްޒެކިއުޓާސްއަށް ކުރީގެ ސަރުކާރުން ހަވާލުކުރީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު ނުލިބެ އެވެ.

އެ ތަކެތީ ޖުމުލަ އަގު 31,052,025ރ. އަށް އަރަ އެވެ. ތަކެތި ނުލިބުމުގެ ސަބަބުން ލިިބިފައިވާ ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32,574,750ރ. އަދި އާބިޓްރޭޝަން ފީއަށް ހަރަދުކުރި 132،865.56ރ. ދެއްކުމަށް އާބިޓްރޭޝަނުން ހުކުމްކުރީ ފެބްރުއަރީ 26، ގަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ދުބާއީ ކުންފުނި ހާޒިރުނުވާ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަނާޅާ ކަމަށެވެ. ކުންފުނި "ވީ ތަނެއް ނޭނގޭ" ކަމަށެވެ.

"އާބިޓްރޭޝަނެއްގައި ދެ ފީ ވެސް ދައްކައިގެން މައްސަލަ ކުރިއަށް ގެންދާނީ، އާބިޓްރޭޓާ، އާބިޓްރޭޝަން މައްސަލަ ރައްދުވާ ފަރާތުން ވެސް ފީއެއް ދައްކަން ޖެހޭ، އާބިޓްރޭޝަނަށް ދެކޮޅުން ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހުނީ ސަރުކާރަށް،" އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅީ މިދިޔަ ސަރުކާރުން ކަމަށެވެ. ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ ކޮންމެ މަސައްކަތް ކުރުމަކީ މި ސަރުކާރުން ވެސް ގެންގުޅޭ ސިޔާސަތު ކަމަށެވެ.

އެކަމަކު، އެ ފައިސާ ދައުލަތަށް ލިބުމަކީ ވުން ދުރު އަދި ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

"މިހާތަނަށް މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރުގައި ވަރަށް އަންލައިކްލީ [ފައިސާ ދައުލަތަށް ލިބުން]، އެހެން ނަމަވެސް އެ ފައިސާ ހޯދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނަން،" އުޝާމް ވިދާޅުވި އެވެ.

ފައިސާ ހޯދުމަށް ޓަކައި ދެން ކުރަން ހުރި މަސައްކަތަކީ ދުބާއީގެ ކޯޓުތަކަށް މައްސަލަ ހުށަހެޅުން ކަން އުޝާމް ފާހަގަ ކުރެއްވި އެވެ. އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

ދުބާއީ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.

ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.