Advertisement

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި އަހަރު ދާނަން: ރައީސް

6 މާރިޗު 2024 - 12:47 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުއިއްޒު މ. މުލަކަށް ވަޑައިގެން، މަރުހަބާ ދަންނަވަން ސަފުގައި އެތުރިފައިވާ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި އަހަރު ދާނަން: ރައީސް

6 މާރިޗު 2024 - 12:47 0

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް، މި އަަހަރުގެ ތެރޭގައި ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ފެށި ފަހުން އެމަނިކުފާނު ގެންދަވަނީ އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. މިހާތަނަށް އެމަނިކުފާނު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފަ އެވެ.

ދ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށް އިއްޔެ ދަތުރު ފެއްޓެވިއިރު ރައީސް މުއިއްޒު މިއަދު މ. މުލަކުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ކުރިއާލާ ރަށްރަށަށް ވަޑައިގެން ރަށު މީހުނާއި ރަށު ކައުންސިލުން ބޭނުންވާ ގޮތަށް އެ ރަށުގެ ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރަން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ހިންގަން، ކައުންސިލްގެ ފަރާތުން އެ ކަންކަން ސާފުކޮށްފައި، ހަގީގީ މާނައެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އަމަލީ ގޮތުން އެ ނިޒާމު ތަންފީޒު ކުރުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފެއްޓެވީ އެ ބޭނުމުގައި ކަމަށެވެ. އެ ގޮތުން އިންތިޒާމުތަކެއް ރާވައި އޭގެ ތެރެއިން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި އަހަރު ނިމުމުގެ ކުރިން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ރަމަޟާން މަހާއެކު ގިނަ ރަށްތަކަކަށް އެބަ ދެވޭ، މި އަހަރުގެ ބާކީ މި އޮތް ދުވަސްތަކުގައި، ހުރިހާ ރަށްތަކަށް އަޅުގަނޑު ދާނަން، އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އަމާޒަކީ ރިޔާސީ ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރަކު ޒިޔާރަތްކޮށް މަޝްރޫއުތައް ގާތުން ބައްލަވައި، ރައްޔިތުންގެ ހިޔާލު ހޯއްދެވުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަދި އެއް އަހަރު ފަހުން، 2025، ގެ ފަހުން، 2025، ގައި ވެސް މީގެ ދެވަނަ ބުރެއް ކުރިއަށް ގެންދަން ޕްލޭން ކޮށްފަ ވަނީ، ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދާ ގޮތަށް، އެހެންކަމުން ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މަދުވެގެން ދެ ފަަހަރު ކޮންމެ ރަށަކަށް ވެސް ދާން،" އެމަނިކުފާނު ވިދާޅުވި އެވެ.