29 އޭޕްރީލް 2024 - 19:57 0
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ އިމާރާތަށް މީހަކު ވަންނަނީ - ފޮޓޯ: ހުސައިން ޝައްޔާހް / އަދަދު
29 އޭޕްރީލް 2024 - 19:57 0
ސިވިލް ސާވިސް ވަޒީފާއިން ދުރުވެފައިވާ މީހުންނަށް އަލުން އެ ވަޒީފާއަށް އަންނަން ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމައިފި އެވެ.
މި ގޮތަށް ނިންމީ، އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމަށް ރައީސް އޮފީހުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ މީގެ ކުރިން ވެސް ރައީސް މުއިއްޒު ހާމަކުރައްވާފައިވާ ސިޔާސަތެކެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ސިއްހީ ހިދުމަތްތެރިން އަނބުރާ ވަޒީފާއަށް ނުކުމެވޭ ގޮތަށް ހަމަޖައްސަން މީގެ ކުރިން ސަރުކާރުން ނިންމި އިރު ސިވިލް ސާވިސަސްގެ ހުރިހާ ވަޒީފާއަކުން ވަކިވެފައިވާ އެންމެނަށް އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކާއި ވަގުތީ ގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާ އަދާ ކުރަން ޝައުގުވެރިކަން ހުރި، ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފްތަރެއް އެކުލަވައިލަން ވެސް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖައްސަން ވެސް ވަނީ ނިންމައިފަ އެވެ.
އެކިއެކި ޓެކްނިކަލް ދާއިރާތަކުން ތަމްރީނު ވެގެން ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރު އެޅުމަށް ޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމަކަށް ވާތީ އެ ފަރާތްތަކަށް ހާއްސަ އޮނިގަނޑެއް އެކުލަވައިލަން ވެސް ނިންމި އެވެ.
މީގެ އިތުރުން ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ހާއްސަ ކުރުމަށް ނިންމާފައިވެ އެވެ.
އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސަރިވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސާވިސްއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment