Advertisement

ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން މިއަދުވެސް ހާމައެއް ނުކުރި!

28 އޭޕްރީލް 2024 - 13:11 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސަރުކާރަށް ފަސް މަސްދުވަސް ވެގެންދިޔައިރު، ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން ސަރުކާރު ވަނީ ނުކުޅެދިފައި -- ފޮޓޯ: އަދަދު


ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން މިއަދުވެސް ހާމައެއް ނުކުރި!

28 އޭޕްރީލް 2024 - 13:11 2

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ސުވާލު ކުރުމުން ވެސް ފަހުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނު އެ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހައްދަވައިފި އެވެ.

ތިން މަސްދުވަހަށްފަހު ނޫސްވެރިންނާ ބައްދަލު ކުރުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ އައު ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވީ އެ މައުލޫމާތު ވަރަށް އަވަހަށް ނޫސްވެރިންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

"ސިޔާސީ މަގާމުތަކުގެ ވާހަކަ ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ފަރާތްތަކުން އެބަދައްކާ، ދެން މީގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އަޅުގަނޑު ސިޔާސީ މަގާމުތަކުގެ އެގްޒެކްޓު ފިގާ ތިބޭފުޅުންނާ ހަމައަށް ގެނެސްދޭނަން އިނގޭތޯ،" ހީނާ ވިދާޅުވި އެވެ.

"އެ ފިގާ އަޅުގަނޑުމެން ތިބޭފުޅުންނާ ހަމައަށް ވަރަށް އަވަހަށް ގެނެސްދޭނަން، އެ މައުލޫމާތު ފޯރުކޮށްދޭނަން ނޫސްވެރިންނާ ހަމައަށް."

ވަރަށް އަވަހަށް އެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއިރު، މި ސަރުކާރު ވެރިކަމަށް އައިފަހުން ފަސްމަސްދުވަސް ފާއިތުވީއިރު، ސިޔާސީ މަގާމުތަކުގެ ފުރިހަަމަ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރިކޯޑު އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. އެކަން ކަށަވަރު ކުރުމަށް މިހައިތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

އެ މައުލޫމާތު ހޯދުމަށް އެދި މިދިޔަ ޑިސެމްބަރު 17 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ މަހޯލި ޕޯޓަލް މެދުވެރިކޮށް "އަދަދު" އިން ހުށަހެޅުމުން ރައީސް އޮފީހުން ވަނީ އެ ހުށަހެޅުން ބަލައިގަނެފަ އެވެ.

އާރުޓީއައި ގާނޫނުގައި އެފަދަ ހުށަހެޅުންތަކަށް ޖަވާބު ދިނުމަށް އޮންނަ 21 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ރައީސް އޮފީހުން ވަނީ އެ މައުލޫމާތު ފޯރުކޮށްދޭން އިތުރު 14 ދުވަހުގެ މުއްދަތަކަށް އެދިފަ އެވެ.

ނަމަވެސް އެއަށްފަހު ރައީސް އޮފީހުން އެއްވެސް މުއާމަލާތެއް ރައީސް އޮފީހުން އެ މައުލޫގައި ކޮށްފައެއް ނުވެ އެވެ.

އެކަމުގެ ޝަކުވާ އައިކޮމްއަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ އެތައް ފަހަރެއްގެ މަތިން އެ މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރުމަށް މަސައްކަތް ކުރި އެވެ. އެއިން އެއްވެސް ފަހަރެއްގައި ރައީސް އޮފީހުން އެއްބާރުލުން ދީފައެއް ނުވެ އެވެ.

އެންމެފަހުން ރައީސް އޮފީހުގެ ގައިރުހާޒިރުގައި އައިކޮމްއިން ވަނީ މިދިޔަ މަހުގެ 30 ގައި ސިޔާސީ މަގާމުތަކުގެ މައުލޫމާތަކީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމުން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި މި މައުލޫމާތު ދޭންޖެހޭނެ ކަމަށް ނިންމައިފަ އެވެ.

ނަމަވެސް އެ މުއްދަތު މިމަހުގެ 18 އަށް ހަމަވިއިރު ވެސް އައިކޮމްއަށް އެ މައުލޫމާތު ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.