Advertisement

ލިވަޕޫލް ނުރުހުނަސް ސަލާހު ފިޓްވެއްޖެނަމަ މިސްރު ޓީމަށް ވެސް ނަގާނެ

6 މާރިޗު 2024 - 11:36 0


ލިވަޕޫލް ނުރުހުނަސް ސަލާހު ފިޓްވެއްޖެނަމަ މިސްރު ޓީމަށް ވެސް ނަގާނެ

6 މާރިޗު 2024 - 11:36 0

ލިވަޕޫލް (މާޗް 6) - ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އަކުން ރިކަވާވާން މަސައްކަތް ކުރަމުން އަންނަ ފޯވާޑް، މުހައްމަދު ސަލާހުގެ ފިޓްނަސް ރަނގަޅުވެއްޖެނަމަ، ލިވަޕޫލްގެ ނުރުހުމުގައި ވެސް މިސްރު ޓީމަށް އޭނާ ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ސަލާހަށް ލިބުނު އަނިޔާއާ ހެދި އޭނާ ފަރުވާ އަށް، ޓީމުގެ ކޭމްޕް ދޫކޮށް، ލިވަޕޫލަށް އައުމުން ވެސް މައްސަލަ ގޯސްވި އެވެ.

ސަލާހު، އެ އަނިޔާ އިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައީ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން ލިވަޕޫލް މޮޅުވި މެޗުގައި ބަދަލެއްގެ ގޮތުގަ އެވެ.

އެކަމަކު، މީގެ 17 ދުވަސް ކުރިން، ބްރެންޓްފޯޑް މެޗުގައި އަނިޔާވެގެން، ސަލާހު އަނެއްކާ ވެސް ކުޅުމާ ދުރަށް ދާން ޖެހުނެވެ. ސަލާހު މިހާރު މަޑުމަޑުން ފިޓްވަމުން އަންނައިރު، ލިވަޕޫލުން އެންމެ އަވަހަށް ކުޅޭ މެޗުތަކުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ.

އެ ގޮތުން، ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުގައި، ސްޕާޓާ ޕްރާހާއާ ދެކޮޅަށް ކުޅޭ މެޗާއި އާދިއްތަ ދުވަހުގެރޭ، ލިވަޕޫލުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ މެޗުގައި ސަލާހު ކޮންމެ ވެސް ހިސާބަކުން ބޭނުންކުރެވޭ ވަރަށް ފިޓްވޭތޯ ލިވަޕޫލްގެ މެޑިކަލް ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ މެޗުތަކުގައި ސަލާހު ވަކި ވަރަކަށް ކުޅުނު ނަަމަވެސް ސީޒަނުގެ ބާކީ ބަޔަށް އޭނާ ފިޓްކޮށް ބަހައްޓަން ބޭނުންވޭތީ، މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގައި ސަލާހަށް އަރާމު ކުރަން ފުރުސަތު ހޯދައިދޭން ލިވަޕޫލުން ބޭނުންވެ އެވެ.

އެހެންވެ، ލިވަޕޫލުން މިސްރުގެ އެފްއޭ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މި މަހު ކުޅޭ ގައުމީ ޓީމުގެ މެޗުތަކަށް، މިސްރުގެ ގައުމީ ޓީމުގެ ސްކޮޑަށް ސަލާހު ނުނެގުމަށް އެދޭ ކަމަށެވެ. އެހެން ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން، މިސްރު އެފްއޭގެ ނިންމުމަކީ، ސަލާހު ލިވަޕޫލްގެ މެޗުތަކުގައި ކުޅެވޭ ވަރަށް ފިޓްނަމަ، މިސްރު ޓީމަށް ވެސް ނެގުމަށެވެ.

ސަލާހު ވަނީ މި ސީޒަނުގައި ކުޅުނު 28 މެޗުން 19 ގޯލު ޖަހައި، 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.