Advertisement

ހައި ކޯޓުން ދެކެނީ ޔާމީންގެ އިސްތިއުނާފު ހުކުމް އިއްވުން އަދި ލަސްނުވާ ކަމަށް

6 މާރިޗު 2024 - 10:40 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން: އާރަށު މައްސަލާގައި އެމަނިކުފާނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ ހުކުމް ލަސްނުވާ ކަމަށް ހައި ކޯޓުން ބުނެފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު


ހައި ކޯޓުން ދެކެނީ ޔާމީންގެ އިސްތިއުނާފު ހުކުމް އިއްވުން އަދި ލަސްނުވާ ކަމަށް

6 މާރިޗު 2024 - 10:40 1

ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލިތާ ތިން މަސް ވެގެން ދިޔަ ނަމަވެސް ހުކުމުގެ އަޑުއެހުން ތާވަލުކުރުން އަދި ލަސްނުވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެ މުއާމަލާތުގެ ތެރެއިން، 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.

ހުކުމް ކުރުމުގެ އަޑުއެހުން އަދި ތާވަލުނުކުރާއިރު ޔާމީނުގެ ވަކީލުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، އަޑުއެހުން ތާވަލުކުރެވޭނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ހައި ކޯޓުން ބުނީ އަދި އަޑުއެހުން ކޯޓުގެ ތާވަލުގައި ހިމަނާފައި ނުވާ ކަމަށެވެ.

"ހައި ކޯޓުން ނުދެކެން އެ އަޑުއެހުން ލަސްވެއްޖެ ކަމަކަށް، އެއީ 2023، ގެ ފަހުކޮޅު އަޑުއެހުންތައް ނިންމައިލި މައްސަލައެއް، ކޯޓުގައި އެބަ އޮތް 2017، 2018، 2019، ގައި ހުށަހެޅުނު އެތައް މައްސަލައެއް ވެސް އަދި ނުނިމި،" ހައި ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ގިނަ އެވެ. އަދި އެ ނުކުތާތައް އިއްވުމަށާއި އެއަށް ދައުލަތުން ހުށަހެޅި ރައްދުގެ ނުކުތާތައް އިއްވުމާއި ތަފްސީލްކުރުމަށް 12 އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުންތަކުގެ ލައިވް ސްޓްރީމިން ގަޑިއިރުގެ ނިސްބަތް، 35 ގަޑިއިރު އަރަ އެވެ. އެއީ އެކަމަކު، ހުސް ވަގުތުތައް ވެސް ހިމެނޭ ގޮތަށެވެ.

އެހެންކަމުން ހުކުމް ކަނޑައެޅުމުގެ ކުރިއަށް، ދިރާސާ ކުރުމާއި ބަޔާންތައް ތައްޔާރު ކުރަން ވެސް ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

އެގާރަ އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. ފަހުން އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.

މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވާ މައްސަލައިގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައި އަޑުއެހުންތަކެއް ވެސް ބޭއްވި އެވެ. ނަމަވެސް ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ވެސް ބާއްވާފައެއް ނުވެ އެވެ.