Advertisement

ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

5 މާރިޗު 2024 - 19:29 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަނީ - ފޮޓޯ: ރައީސް އޮފީސް


ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

5 މާރިޗު 2024 - 19:29 1

ދ. ކުޑަހުވަދޫއަކީ މި ސަރުކާރުން ގާއިމުކުރާނެ ކަމަށް ވައުދުވެފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނެ ރަށެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ރައީސް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުތަކުގެ ތެރެއިން، މިއަދު ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ އެ ރަށުގައި ވިޔަފާރި ބަނދަރެއް ހަދައިދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

"މި ދެންނެވި ހަތް އާބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދޫއަކީ އެއްތަންކަން އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުން، ހަގީގަތުގަ ދެން އިތުރު ވާހަކައެއް ނުދެއްކިޔަސް ހުރިހާ ސުވާލަކަށް ޖަވާބު ވެސް މި ދެވުނީ،" ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫގައި އާބަން ސެންޓަރެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުންނާނެ ކަމަށެވެ. އެގޮތުން އެ ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމާއި ހޮސްޕިޓަލުގެ އާ އިމާރާތެއް އެޅުމާއި ތައުލީމީ ހިދުމަތް ތަރައްގީ ކުރުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާ ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރޭގަ ހަމަ ކޮމާޝަލް ބަނދަރުވެސް، ކޮމާޝަލް ހާބަރެއް ހަމަ މިތަނަށް އަންނަން ޖެހޭނެ، އަދި އޭގެ ފައިދާ މުޅި ސަރަހައްދަށް ކުރާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޑަހުވަދޫ ވިޔަފާރި ބަނދަރަކީ އަބަދު ބަޖެޓުގައި ޖަހާފައި އޮންނަ މަޝްރޫއެއްގެ ބަދަލުގައި އެކަން ކޮށް ނިންމަވާނެ ކަމަށެވެ. އަދި ރަށް ގިރުމާއި އެއާޕޯޓަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އާބަން ސެންޓަރުތަކެއް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގަ އެވެ.

"އެއީ ސަރަހައްދީ ތަރައްގީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފްހޫމެއް. އެކަމަށްޓަކައި މެދު ރާސްތާގެ އަމާޒުތަކަކާއި ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ" ރައީސް ނޮވެމްބަރު 17، 2023 ގައި ވިދާޅުވި އެވެ.