Advertisement

ގެދޮރުގެ އެހީއަށް ފައިސާގެ އަދަދެއް ކަނޑައަޅައި ދޫކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ބިލެއް

5 މާރިޗު 2024 - 15:18 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދު: ސޯޝަލް ހައުސިން ދޫކުރުމަށް ފަހު، މާލީ އެހީގެ ފައިސާއެއް މިނިސްޓަރު ކަނޑައަޅަން ޖެހޭ ގޮތަށް ބިލެއް ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގެދޮރުގެ އެހީއަށް ފައިސާގެ އަދަދެއް ކަނޑައަޅައި ދޫކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ބިލެއް

5 މާރިޗު 2024 - 15:18 0

ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލާވަލައި، އާމްދަނީ ދަށް މީހުންނަށް ހައުސިން ބެނެފިޓްގެ ގޮތުގައި މާލީ އެހީގެ ފައިސާގެ އަދަދެއް ހައުސިން މިނިސްޓަރު ކަނޑައަޅައި ދޫކުރަން ޖެހޭ ގޮތަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. ފައިސާގެ އަދަދެއް މިނިސްޓަރު ކަނޑައަޅަން ޖެހޭ ކަމަށް ބިލުގައި ބުނާއިރު، ތަފާތު ގިންތިތަކަށް ތަފާތު އަދަދުތަކެއް ކަނޑައެޅުމުގެ ބާރު ވެސް މިނިސްޓަރަށް ލިބޭ ކަމަށް އޭގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އެ ބިލުގައި ވަނީ، ތަފާތު އަދަދުތައް ކަނޑައަޅާ ހާލަތުގައި ކަނޑައެޅޭ ފައިސާގެ މިންވަރުތައް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތައް ނިންމާނީ އެ ފަރާތްތައް ގިންތިތަކަކަށް ބަހާލައި ޕޮއިންޓް ދެވޭ އުސޫލުތައް ބަޔާންކޮށް، ހަދާ ގަވާއިދެއްގެ ދަށުން ކަމަށެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު ކަނޑައެޅުމުގައި އެ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި ގޭބިސީއެއްގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދަށާއި އެ ގޭބިސީއެއްގެ ބޭނުންތަކަށް ބިނާކޮށް ދިރިއުޅޭ ތަނުގެ ނިދާ ކޮޓަރީގެ އަދަދުތަކަށް ރިއާޔަތް ކުރަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ހައުސިން ބެނެފިޓްގެ ގޮތުގައި ދެވޭ މާލީ އެހީގެ އަދަދުތައް، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރު ކަނޑައެޅުމަށް ފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހެ އެވެ.

ޝަރުތު ފުރިހަމަވާ މީހުންނަށް ހައުސިން ބެނެފިޓް ދޫކުރެވޭނީ ގަވާއިދުގައި ބަޔާން ކުރާ ގޮތެއްގެ މަތީން މަހުން މަހަށް ދޫކުރެވޭ މާލީ އެހީއެއް ގޮތަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެކި ގިންތީގެ ފަރާތްތަކަށް ދޫކުރެވޭ ހައުސިން ބެނެފިޓް ދޫކުރެވޭނެ ގޮތްތަކާއި އިތުރަށް ދެއްކޭ އަދަދުތައް އަޅައިކެނޑޭނެ ގޮތްތަކާއި މަދުން ދެއްކޭ އަދަދުތައް ފަހުން ދައްކާނެ ގޮތުގެ އުސޫލުތައް ވެސް ގަވާއިދުގައި ބަޔާންކުރަން ޖެހޭ ކަމަށް އޭގައިވެ އެވެ.

ބެނެފިޓް ދޫކުރާނީ ދަފްތަރެއް އެކުލާވާލައިގެން

ހައުސިން ބެނެފިޓް ފޯރުކޮށްދިނުމަށް ޓަކައި ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލައި މިނިސްޓްރީން ބަލަހައްޓަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ދަފްތަރުގައި ހިމެނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ލިބޭ ގޮތަށް ބިލު ފަރުމާކޮށްފައިވާއިރު، އެ ކަމަށް އެދި ހުށަހަޅާއިރު ހިމަނަން ޖެހޭ މައުލޫމާތުތަކަކީ؛

  • ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އާމްދަނީގެ މައުލޫމާތު
  • ބޭންކު އެކައުންޓުގެ މައުލޫމާތު، އަދި ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ބޭންކު ސްޓޭޓްމަންޓް
  • ކުލީގެ އެއްބަސްވުން
  • ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ، ކުލީގެ ގޮތުގައި ފައިސާ ދައްކާފައިވާ ކަމުގެ ރަސީދު ނުވަތަ ބޭންކް ސްޓޭޓްމަންޓް
  • ގަވާއިދުގައި ބަޔާންކުރާ، މިލްކުވެރިކަމުގެ ދަށުގައި ހުރި މުދަލާ ބެހޭ މައުލޫމާތު

ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ޕްރޮގްރާމެއްގެ ދަށުން ސޯޝަލް ހައުސިން ލިބުމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާ ފަރާތްތައް މައުލޫމާތުތައް ފުރިހަމަކޮށްގެން ދަފްތަރުގައި ހިމެނުމަށް އެދި ވަކިން ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ހައުސިން ބެނެފިޓް ލިބޭ މީހުންގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހެޅުމާއި، ހުށަހަޅާ ފަރާތްތަކުގެ ޝަރުތު ފުރިހަމަވާ ކަން ކަށަވަރު ކުރުމާއި އެ ފަރާތްތައް ދަފްތަރުގައި ހިމެނުމަށް ނިންމުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް ގަވާއިދުގައި ބަޔާން ކުރަން ޖެހެ އެވެ.

ބިލުގައި ބުނާ ގޮތުން ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފްތަރު ކޮންމެ އަހަރަކު އެއް ފަހަރު މިނިސްޓްރީން މުރާޖައާކޮށް، އާންމު ކުރަން ޖެހެ އެވެ. އަދި ދަފްތަރު އާންމުކުރަން ވާނީ ކޮންމެހެން އާންމު ކުރަން ޖެހޭ ޒާތީ މައުލޫމާތު ހިމަނައިގެން ކަމަށެވެ.

ހާލަތު ބަދަލުވި ކަން ނުވަތަ ވަމުންދާ ކަން މިނިސްޓްރީން ޔަގީން ކުރަން ޖެހެ އެވެ. ހާލަތު ބަދަލުވި ކަން ކަނޑައެޅުމުގައި ބަލަން ޖެހޭނެ ކަންކަމަކީ؛

  • ގޭބިސީގެ ޖުމުލަ އާމްދަނީއަށް
  • ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދަށް
  • ދިރިއުޅުމުގެ ހަރަދުތައް، އަދި ހަރަދުތައް ދެކޮޅު ޖެއްސޭ މިންވަރުގެ މާލީ ހާލަތަށް.
  • ގޭބިސީގައި އުޅޭ ނުވަތަ އުޅުނު ކޮންމެ ވެސް ފަރާތްތަކަކަށް ވަކިން ބޯހިޔާވަހިކަމެއް ހަމަޖެހުން

ސަރުކާރުން ހުށަހެޅި ބިލުގައި ސޯޝަލް ހައުސިން ޕްރޮގްރާމްތަކުގެ ފެންވަރާއި، ސޯޝަލް ހައުސިން ހުންނަން ޖެހޭ މިންގަނޑުތަކުގެ އިތުރުން ހިންގާނެ ގޮތުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ. މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކުލާވަލައި މަޖިލީހަށް ފޮނުވުމަށް އަމާޒުކުރި ގިނަ އަދަދެއްގެ ބިލުތަކުގެ ތެރެއިން ބިލެކެވެ.