Advertisement

ގަޑި ހުއްޓައިގެން ކުޅުން އެއީ އޭދަފުއްޓަށް އެޑުވާންޓޭޖެއް

4 މާރިޗު 2024 - 09:33 0

އަތޫފް އާތިފް

އަތޫފް އާތިފް

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އޭދަފުށިން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގަޑި ހުއްޓައިގެން ކުޅުން އެއީ އޭދަފުއްޓަށް އެޑުވާންޓޭޖެއް

4 މާރިޗު 2024 - 09:33 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލް މެޗުގައި ގަޑި ހުއްޓައިގެން ކުޅުން އެއީ ބ. އޭދަފުއްޓަށް އޮތް އެޑުވާންޓޭޖެއް ކަމަށް އެ ޓީމުގެ ކޯޗު ފައުޒާން ހަބީބް (ފައު) ބުނެފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން އޭދަފުށި ޖާގަ ހޯދީ, ކުއާޓާ ފައިނަލުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ޕެނަލްޓީގައި ބަލިކޮށްގެންނެވެ. އެކަމަކު، ސެމީ ފައިނަލުގައި އެ ޓީމުން ނުކުންނަ ގާފަރުން ވަނީ މި ފަހަރުގެ މުބާރާތުގެ ޒޯން ބުރުގައި އޭދަފުއްޓާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

ފައުޒާން ބުނީ އެ ޓީމަށް މީގެ ކުރިން ދިމާވީ ލަނޑު ޖެހުމުގެ މައްސަލަ ކަމަށެވެ. އެކަމަކު، އެކަން މިހާރު ރަނގަޅު ވެއްޖެ ކަމަށް ފައުޒާން ބުންޏެވެ.

ލަނޑު ނުޖެހޭ މައްސަލަ އަށް ހައްލެއް ލިބުނުއިރު, ޑިފެންސް ފޫއަޅާ މައްސަލަ ފާހަގަވެފައިވާ ކަމަށާއި, އެއީ ކުޅުންތެރިން ވަރުބަލިވުމުން ދިމާވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި, އެކަމަކު ގަޑި ހުއްޓައިގެން ކުޅޭއިރު, އެކަން ހައްލުވާނެ ކަމަށް ފައުޒާން ގަބޫލުކުރެ އެވެ.

"ދެން މި ކުޅެނީ ސްޓޮޕް ކޮށްގެން, ސްޓޮޕް ކޮށްގެން ކުޅޭއިރު, ގިނަ ޕްލޭޔަރުން ޓީމުގައި އެބަތިބި އެހެންވެ, އޭގެން އޭދަފުއްޓަށް އެޑުވާންޓޭޖް އެބައޮތް." ކަމަށް ފައުޒާން ބުންޏެވެ.

ފައުޒާން ބުނީ ސެމީގައި ގާފަރާ ދެކޮޅަށް ނުކުންނައިރު, ޓީމުގައި އަނިޔާގައި ހުރީ ހަމްޒާ މުހައްމަދު (ހަމްޕު) އެކަނި ކަމަށާއި, ހަމްޕު ފިޓްނުވި ނަމަވެސް ދެން ހުރި ހުރިހާ ކުޅުންތެރިން ފިޓް ކަމަށެވެ.

އަދި އޭދަފުށި ޓީމުގެ ކޮންފިޑެންސް ރަނގަޅު ކަމަށާއި, ކުޅުންތެރިން ތިބީ ތައްޓާ ހަމައަށް ދިޔުމަށް ރަނގަޅު ރޫހެއްގައި ކަމަށެވެ. އެކަމަކު ތައްޓާ ހަމައަށް ދެވޭނީ ކުޅެގެން ކަމަށް ފައުޒާން ފާހަގަ ކުރި އެވެ.

ސެމީ ފައިނަލުގައި އޭދަފުށިން މިރޭ 22:15 ގައި ނުކުންނާނީ, ގާފަރާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރެހެންދި އެއް ނަމްބަރު ދަނޑުގަ އެވެ.