Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ލޯންޗްކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

11 އޮގަސްޓު 2024 - 08:02 0

އަތޫފް އާތިފް

އަތޫފް އާތިފް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން (ކ) އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން


ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ލޯންޗްކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

11 އޮގަސްޓު 2024 - 08:02 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު ލޯންޗްކޮށްދެއްވައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މީގެ ކުރިން ކައުންސިލްތަކަށް ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު، މިއަދު ކައުންސިލްތަކުން ބައިވެރިނުވާ ރަށްރަށުގެ ޖަމިއްޔާތަކަށް ވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ މި މުބާރާތް ލޯންޗްކޮށްދެއްވައި، ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވިދާޅުވީ, މި މުބާރާތަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ޝާމިލްވުން އޮވެގެން ހިންގަމުން ގެންދާ މުބާރާތެއް ކަމާށާއި, މިއަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދެވިފައިވަނީ ވަރަށް ފޯރީގައި ކަމަށެވެ. އެހެންވެ، އަންނަ އަހަރު މުބާރާތް މި އަހަރުގެ މުބާރާތައް ވުރެ ފޯރިގަދަކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދައި، ކުޅިވަރާ ބެހޭ ވުޒާރާއިން ވެދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"މި އަހަރުގެ މުބާރާތް ވެގެންދިޔައީ ވަރަށް ފޯރިގަދަ މުބާރާތަކަށް. މި މުބާރާތަކީ ވަރަށް ގިނަ ކުޅުންތެރިން, ވަރަށް ގިނަ ޒުވާނުން ޝާމިލްވާ މުބާރާތެއް،" ރާފިއު ވިދާޅުވި އެވެ.

މި އަހަރުގެ މުބާރާތުގައި 129 ޓީމުން ބައިވެރިވިއިރު, މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބ. އޭދަފުށި އެވެ. އޭދަފުށިން ޗެމްޕިއަންކަން ހޯދީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން ފައިނަލުގައި ބަލިކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ, އަންނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކަމާ އެކު, ނިންމާލުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ޓީމުން ދުރާލާ މުބާރާތައް ތައްޔާރުވާނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ދެއްވާ އެއްބާލުން ރިލްވާން ވަނީ ފާހަގަކޮށްފަ އެވެ. އަދި ރަށްރަށުގެ ކައުންސިލުން މުބާރާތަށް ބަހައްޓާ އަހައްމިއްޔަތުކަން ފެނިފައި، މި މުބާރާތް އިތުރަށް ފުރިހަަމަކުރަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މަސައްކަތްކުރާ ކަމަށެވެ.

އަހަރަކުން އަހަރަކަށް ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތައް އިތުރުވަމުން އަންނައިރު, މި އަހަރުގެ މުބާރާތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން ޓީމުތައް ކުޅުނު މުބާރާތެކެވެ. އަދި މި އަހަރުގެ މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅުނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި މުބާރާތް ނުބޭއްވި ދިޔައީ، ކޮވިޑް-19ގެ ސަަބަބުން އައި މެދުކެނޑުމާ ހެދި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ތ. ތިމަރަފުށިން ތިން ފަހަރު، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު އަދި ހެންވޭރު އެވެ.

އަންނަ އަހަރު ފަށާނީ، ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުންނެވެ. ބައްދަލުކުރާނީ، ގަމާއި އޭދަފުށްޓެވެ.