3 މާރިޗު 2024 - 10:56 0
އަހުމަދު އާއިދު
އެލްޖީއޭގެ ސީއީއޯ ޒުލްފާ އަދި އެ އިދާރާގެ ބައެއް އޮފިޝަލުން : ރައީސް މުއިއްޒުއާ ބައްދަލުނުކުރީ ކީއްވެތޯ ބަލަން އެލްޖީއޭއިން ވެލިދޫ ކައުންސިލާ ސުވާލުކޮށްފި - ފޮޓޯ: އެލްޖީއޭ
3 މާރިޗު 2024 - 10:56 0
މިދިޔަ ހަފުތާ ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެމަނިކުފާނާ ބައްދަލުކުރުމަށް ނ. ވެލިދޫ ކައުންސިލުން އެ އަތޮޅު ހޮޅުދޫއަށް ދަތުރުނުކުރި ސަބަބު ހޯދުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސުވާލުކޮށްފި އެވެ.
ވެލިދޫ ކައުންސިލުން ރައީސާ ބައްދަލުކުރަން ދެކޮޅު ހެދީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ރައީސް އެ ރަށަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެންގުމުންނެވެ.
ވެލިދޫ ކައުންސިލުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދަތުރުގައި އެ ރަށަށް ވަޑައިގަތުމަށް މީގެ ކުރިން ނިންމާފައިވާ އޮތް ނަމަވެސް ވަޑައިގަންނަވާ ރަށްތަކުގެ ލިސްޓުން ވެލިދޫ އުނި ކުރީ ވަކި ސަބަބެއް ބަޔާން ނުކޮށް ކަމަށެވެ.
މިކަމާ ގުޅިގެން ވެލިދޫ ކައުންސިލްގެ ރައީސް އާތިފު ހުސެއިން "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް އާ ބައްދަލުނުކުރީ ކީއްވެކަން ސާފުކުރުމަށް އެލްޖީއޭގެ ލީގަލް ޓީމުން ކައުންސިލާ ސުވާލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"ހޮޅުދޫގައި ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މިވަގުތު ބައިވެރިވުމަކީ އެންމެ މަސްލަހަތުހުރި ގޮތް ކަމަށް މި ކައުންސިލަށް ނުފެންނާތީ މި ކައުންސިލުގެ މެންބަރުންނާއި ވެލިދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ގޮތަށް ނިންމާފައިވާ ކަމުގައި ދެންނެވިން," ވެލިދޫ ކައުންސިލުން ރައީސް މުއިއްޒުއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ހަމަ މި ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށްވެސް އެލްޖީއޭއިން ވަނީ އަންގާފަ އެވެ.
ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކުރި އެވެ.
Comment