Advertisement

"ވާނުވާ"ގައި 450 މީހުން، ހަރަދު 108 މިލިއަން ރުފިޔާ!

4 މާރިޗު 2024 - 06:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޖަލުގައި ދުވަސް ހޭދަކުރާ މީހަކު ތާރީހު ދެނެގަތުމަށް ފާރުގައި ރޮނގުތަކެއް ކުރަހާފައި. ޝަރީއަތްތައް ލަސްވުމާ ނިޒާމު ރޭވިފައި އޮތް ގޮތުން އެތައް ބަޔަކު ވާނުވާގައި އެބަތިބި --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


"ވާނުވާ"ގައި 450 މީހުން، ހަރަދު 108 މިލިއަން ރުފިޔާ!

4 މާރިޗު 2024 - 06:44 0

ވާނުވާ ބަންދުގެ އަޑަކީ ސަރުކާރުތައް ބަދަލުވާ ދުވަސްވަރު ނިކަން ގަދަ އަޑެކެވެ. ކައިރި މާޒީއަށް ޖެހިލާއިރު ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރަން އަންނަން އޮތް ސަރުކާރަކުން ވައުދު ނުވާ ފަހަރެއް ނުދެ އެވެ. މިހެނަސް މައްސަލަ އަދިވެސް އޮތީ އޮތް ގޮތަށް ހައްލު ނުވެ އެވެ.

"އަދަދު" ނޫހުން ތަފްސީލު މައުލޫމާތު އެއްކޮށް, ބެލިބެލުމުން އެނގުނު ގޮތުގައި ގިނައިން "ވާނުވާ" އަށް ޖަހާފައި ތިބީ ޒުވާނުންނެވެ. އަށާރަ އަހަރާއި 35 އަހަރާ ދެމެދުގެ 266 މީހުން "ވާނުވާ"ގައި ތިބިއިރު 36 އަހަރާއި 53 އަހަރުގެ އުމުރުފުރާގެ 155 މީހުން ވާނުވާ ބަންދުގައި ޖަލުގައި އެބަ ތިއްބެވެ.

މި މީހުންގެ ތެރޭގައި ގިނައީ ނޫކަށިފުރައިގެ ޒުވާނުން. އޭގެ ތެރޭގައި ވެސް ގިނައީ މަސްތުވާތަކެއްޗާ ގުޅިގެން ވާނުވާ ޖަހާފައި ތިބި މީހުން --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


އުމުރުން 54 އަހަރާއި 71 ދެމެދުގެ 26 މީހުން "ވާނުވާ" ގައި ތިބިއިރު އެއަށްވުރެ ދުވަސްވީ ދެ މީހުން އެބަތިއްބެވެ. ލިބިފައިވާ މައުލޫމާތުން އުމުރު ސާފު ނުވާ އެކަކު ހުއްޓެވެ.

އެންމެ ގިނަ މީހުންނަށް "ވާނުވާ" ޖަހާފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި, ބޭނުންކުރުމާއި އަދި ވިއްކުމާ ގުޅޭ ތުހުމަތުތަކުގަ އެވެ. އެފަދަ 134 މީހުން ތިބީ މުއްދަތެެއް ނެތް ގޮތަށް ޖަލު ބަންދުގަ އެވެ. ދެވަނައަށް އެންމެ ގިނައީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ.

މި 450 މީހުންނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ މައިގަނޑު ދާއިރާތައް. މީގެ ތެރެއިން ބައެއް މީހުންނަށް އެއް ތުހުމަތަށް ވުރެ ގިނަ ތުހުމަތު ވެސް އެބައޮތް. މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެކަންކަމުގެ ދަށުން އަންނަ ކުށްތައް ވެސް ހިމެނޭ --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


ކުޑަކުދިން ގްރޫމް ކުރުމާއި, އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި, ޖިންސީ ގުނަވަން ހާމަކުރުން ފަދަ، އެ ޒާތުގެ ކުށްތަކުގައި 129 މީހުން މުއްދަތެއް ނެތް ގޮތަށް ޖަލު ބަންދުގައި އެބަތިއްބެވެ.

މީހުން މެރުމާ ގުޅޭ ކުށްތަކުގައި 38 މީހުން، މާރާމާރީ ހިންގުމުގެ ކުށުގައި 66 މީހުން ވާނުވާގައި އެބަތިއްބެވެ. ހަށިވިއްކުމާ ގުޅޭ ކުށްތަކުގައި ހައްޔަރުކުރި 12 މީހުންނަށް "ވާނުވާ" ޖަހާފައިވާއިރު ޖިންސީ ގޯނާ ކުރުމުގެ ކުށްތަކުގައި 11 މީހުން ބަންދުގައި އެބަތިއްބެވެ.

ލިބިފައިވާ މައުލޫމާތު ފުރާނާލިއިރު، 25 މީހަކު "ވާނުވާ ބަންދު" ގައި ތިބި ތުހުމަތެއް ނޭނގެ އެވެ. އެހެން ގޮތަކުން ބުނާ ނަމަ އެ މީހުން ވާނުވާގައި ތިބީ ކީއްވެގެންކަން ވެސް ވަނީ ވާނުވާގަ އެވެ.

ނަމަވެސް މި ލިޔުން ޝާއިއު ކުރި ފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ލިބުނު މައުލޫމާތުން އެނގުނީ އެ 25 މީހުންނަކީ ތަހުގީގު ބަންދުގައި ތިބި ބައެއް ކަމެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިން ކަމަށްވާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ މީހުން ވެސް އެބަތިބި --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


"ވާނުވާ" ގައި ތިބި 450 މީހުންގެ ތެރެއިން 373 މީހުންނަކީ ދިވެހިންނެވެ. ބަންގްލަދޭޝްގެ 36 މީހުންނާއި ޕާކިސްތާނުގެ 13 މީހުން އެ ލިސްޓުގައި އެބައޮތެވެ. އޭގެ އިތުރުން ތައިލޭންޑުގެ އަށް މީހުންނާއި އިންޑިއާގެ ހަތަރު މީހުންނާއި ބްރެޒިލްގެ ތިން މީހުން އެބަތިއްބެވެ.

ނޭޕާލް, އުޒުބެކިސްތާން, ތުރުކީ އަދި އިނގިރޭސިވިލާތުގެ ދެ މީހުން "ވާނުވާ" ބަންދުގައި އެބަތިއްބެވެ. އޭގެ އިތުރުން, ކެންޔާ, ފިލިޕީންސް, ލެޓްވިއާ, ސިންގަޕޫރު އަދި ސްވިޓްޒަލޭންޑުން ކޮންމެ ގައުމަކުން އެކަކު ބަންދުގައި އެބަތިއްބެވެ.

މި 450 މީހުންގެ ތެރޭގައި ގިނައީ ފިރިހެނުން. އަންހެނުންގެ ތެރޭގައި ތިބި 19 މީހުންގެ ތެރެއިން ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވާނުވާ ޖަހާފައިވާ މީހުން --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


މީގެ ތެރެއިން 19 މީހުންނަކީ އަންހެނުން ކަމަށްވާއިރު 431 މީހުންނަކީ ފިރިހެނުންނެވެ. އެހެންކަމުން, "ވާނުވާ" ގައި ތިބި 95.8 ޕަސެންޓަކީ ފިރިހެނުންނެވެ.

މި ލިޔުމުން ބިނާކޮށްފައި މިވަނީ މީގެ ހަފުތާއެއްހާ ދުވަހުގެ ކުރިއާ ހަމައަށް ލިބިފައި ހުރި މައުލޫމާތުގެ މައްޗަށެވެ.

"ވާނުވާ" ގައި ތިބި މުއްދަތު

  • އެއް އަހަރު ދުވަހާ ހަމައަށް - 120 މީހުން
  • އެއް އަހަރާއި ދެ އަހަރާ ދެމެދު - 114 މީހުން
  • ދެ އަހަރާއި ތިން އަހަރާ ދެމެދު - 76 މީހުން
  • ތިން އަހަރާއި ހަތަރު އަހަރާ ދެމެދު - 84 މީހުން
  • ހަތަރު އަހަރާއި ފަސް އަހަރާ ދެމެދު - 23 މީހުން
  • ފަސް އަހަރާއި ހަ އަހަރާ ދެމެދު - ހަތް މީހުން
  • ހަ އަހަރާއި ހަތް އަހަރާ ދެމެދު - 20 މީހުން
  • ހަތް އަހަރާއި އަށް އަހަރާ ދެމެދު - އެކަކު
  • އަށް އަހަރާއި ނުވަ އަހަރާ ދެމެދު - ފަސް މީހުން
  • ޖަލުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސް ހުކުމެއް ނެތި 330 މީހުން ވަނީ ހޭދަކޮށްފައި --- ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު


ކުރަން ޖެހެނީ ބޮޑު ހަރަދެއް

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖަލުތަކަށް 417,413,268.00ރ. (ހަތަރު ސަތޭކަ ސަތާރަ މިލިއަން ހަތަރު ލައްކަ ތޭރަ ހާސް ދުއިސައްތަ ފަސްދޮޅަސް އަށް ރުފިޔާ) ބަޖެޓު ކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި 20, 2023 ގައި އޭރުގެ ޕްރިޒަންސް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު މުހައްމަދުފުޅު ހާމަކުރައްވާފައިވާ ގޮތުގައި ގައިދީއަކަށް އެވްރެޖުކޮށް ދައުލަތުން 20,000ރ. މަހެއްގެ މައްޗަށް ހަރަދުކުރާ ކަމަށެވެ.

މި އަދަދުން ހިސާބުކުރާއިރު "ވާނުވާ" ގައި ތިބި މީހުންނަށް މަހެއްގެ މައްޗަށް ދައުލަތުން ނުވަ މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އަހަރެއްގެ މައްޗަށް 108 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މިހެންކަމުން ދައުލަތުގެ ބަޖެޓުން ޖަލުތައް ބެލެހެއްޓުމަށް ފާސްކޮށްފައިވާ އަދަދުގެ 25 ޕަސެންޓަށްވުރެ ބޮޑު އަދަދެއްގެ ހޭދަކުރަނީ "ވާނުވާ" ގައި ތިބި މީހުންގެ ކަންކަން ހަމަޖެއްސުމަށެވެ.

"ވާނުވާ" ބަންދު ޖަހާ ހާލަތު

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ދެ ހާލަތެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ފަނޑިޔާރަށް ނެރެވިދާނެ އެވެ.

އެއީ، ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ" އަދި އެމީހާ ދޫކޮށްލައިފިނަމަ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮވެއްޖެނަމަ އެވެ.

އެ ހަތަރު ހާލަތަކީ، ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެތީ، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެތީ ނުވަތަ ފިލައިފާނެތީ ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

މި ހާލަތްތަކުން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށް ގާނޫނުގައި ލިޔެފައިވެ އެވެ.

އާންމު ގޮތެއްގައި މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށް މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެ އެވެ.

ކޯޓުތަކުގެ ދުވެލި ލަސް, ގާނޫނަށް އިސްލާހު ގެނެސް "ވާނުވާ" ނިންމަނީ

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފެބްރުއަީ މަހުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވެ އެވެ.

މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު މި ދައުުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން، އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން، ރައީސް އެ ވިދާޅުވި ވާހަކަ ތަރުޖަމާ ކުރެއްވީ، ޝަރީއަތްތައް އަވަސް ކުރަން މަސައްކަތް ކުރަން ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ދެއްކެވި ވާހަކައެއްގެ ގޮތުގަ އެވެ.

ގާނޫނަށް އިސްލާހު ގެނައުމާ އެކު "ވާނުވާ" ނިންމުމަށް ކޯޓުތަކުގެ ވަސީލަތްތައް އިތުރުކޮށް މައްސަލަތައް ނިންމާ ރޭޓާއި ވަގުތު އަވަސް ކުރަން ޖެހޭ ކަމަށް ޕީޖީ ދެކެވަޑައިގަންނަވަ އެވެ.

އެ އޮފީހުގެ "ހަބަރުފީތާ" ބުނީ "ވާނުވާ" އަށް ޖެހުމަށް ފަހު ޝަރީއަތް ބޭއްވޭނެ ދުވަހެއް އަދި ހުކުމް ކަނޑައެޅޭނެ ދުވަހެއް ނޭނގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ކޯޓުތައް ހިނގާ ދުވެއްޔާ ކަމަށެވެ. އެކަން ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.

"ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ޕްރޮސިކިއުޓާ ޖެނެރަލް އުފާކުރައްވާ، އެކަ މުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރަން،" ޕީޖީގެ ލިޔުމުގައިވެ އެވެ.

އެ އޮފީހުގެ ސިޔާސަތަކީ ޖިނާއީ ކުށުގެ އަމަލުތަކުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާހު ވުމުގެ ފުރުސަތު ގާނޫނު ތަންދޭ ފުޅާ މިނެއްގައި ފަހިކޮށްދިނުން ކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި "ވާނުވާ" ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުމެވެ.

މި ލިޔުމުގައި މި ވަނީ "ވާނުވާ" ގެ ހާލަތު ސާފުކޯށް ދެވިފަ އެވެ. ބަންދުގައި ތިބި ގިނަ އަދަދެއްގެ މީހުންނަކީ ބޮޑެތި ތުހުމަތު އޮތް މީހުންނެވެ. އެ މީހުން ތިބި ބަންދަކީ ހަރަދު ބޮޑު ބަންދެކެވެ. ޝަރީއަތްކޮށް މައްސަލަތައް ނިންމުން ވެސް ލަހެވެ. އެހެންވެ، ވާނުވާ ހައްލުކުރަން ކުރަންވީ ކަމަކީ، އެ އެންމެން ދޫކޮށްލުމެއް ނޫނެވެ. ވާންވީ ވައުދަކީ، ކުރަންވީ ކަމަކީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކަށް ޖުމުލަ ހައްލެއް އަވަހަށް ހޯދައި ދިނުމެވެ. އޭރުން ވާނުވާ ވެސް ނިމޭނެ އެވެ.