Advertisement

"ވާނުވާ" ބަންދު މައްސަލާގައި ޕީޖީ ގޮވައިލީ ކޯޓުތަކަށް ވަސީލަތް ދޭން

6 ފެބުރުވަރީ 2024 - 11:01 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް: ވާނުވާ ބަންދުގެ މައްސަލާގައި ޕީޖީ އޮފީހުން ލިޔުމެއް ޝާއިއުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


"ވާނުވާ" ބަންދު މައްސަލާގައި ޕީޖީ ގޮވައިލީ ކޯޓުތަކަށް ވަސީލަތް ދޭން

6 ފެބުރުވަރީ 2024 - 11:01 0

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓާ މުއްދަތު ދިގުލައިގެން ދިޔުމުގެ މައްސަލަ ނުވަތަ "ވާނުުވާ" ބަންދުގެ މައްސަލާގައި ކޯޓުތަކުގެ ދުވެލި ރަނގަޅުކޮށް، ވަސީލަތްތައް އިތުރު ކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ގޮވާލައިފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ މައްސަލަ ނިމުމަކަށް ގެނައުމަށް ޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ "ހަބަރުފީތާ" ވެބްޕޭޖުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަށް ފަހު ޝަރީއަތް ބޭއްވޭނެ ދުވަހެއް އަދި ހުކުމް ކަނޑައެޅޭނެ ދުވަހެއް ނޭނގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ކޯޓުތައް ހިނގާ ދުވެލި ކަމަށެވެ. އަދި ދުވެލި ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ.

"ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ޕްރޮސިކިއުޓާ ޖެނެރަލް އުފާކުރައްވާ، އެކަ މުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެ ކަމަށް އުންމީދުކުރަން،" ޕީޖީގެ ލިޔުމުގައިވެ އެވެ.

ގާނޫނަށް ގެންނަން ސަރުކާރުން ގަސްދުކުރާ އިސްލާހުތަކާ ގުޅިގެންނާއި، ސަރުކާރުގެ ކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ގާނޫނީ ހަމަތަކުގެ މަތިން އެ އޮފީހުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ކަން ވެސް ދީފައިވެ އެވެ. އަދި އެ ކަމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.

މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަސައްވުރެއް މި އޮފީހުން މިހާރު ވެސް ގެންގުޅޭ ކަން ވެސް ފާހަގަ ކުރި އެވެ. އެ އޮފީހުގެ ސިޔާސަތަކީ ޖިނާއީ ކުށުގެ އަމަލުތަކުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާހު ވުމުގެ ފުރުސަތު ގާނޫނު ތަންދޭ ފުޅާ މިނެއްގައި ފަހިކޮށްދިނުން ކަމަށް ބުންޏެވެ.

ކޯޓުތަކުގެ ޖާގައިގެ މައްސަލަ ރަނގަޅު ކުރުމަށް ޕީޖީން ގޮވާލި އިރު، މިދިޔަ އަހަރުގެ ފަހު ދުވަހާއި މި އަހަރުގެ ކުރީކޮޅު މާލެއަށް ކުރި ވިއްސާރާގައި، ކްރިމިނަލް ކޯޓުގެ ބާ އިމާރާތުގައި ހުރި ތަކެތި ވަނީ އެ ތަނުން ނަގަން ޖެހިފަ އެވެ. ކްރިމިނަލް ކޯޓުގެ އެ ތަކެތި މި ވަގުތަށް ބަހައްޓާފައިވަނީ ޝަރީއަތްތައް ބޭއްވުމަށް އެ ކޯޓުގައި ހާއްސަކޮށްފައިވާ ކޮޓަރިތަކުގަ އެވެ.

އެހެންވެގެން މިދިޔަ މަހެއްހާ ދުވަހު ކޯޓުގައި ގިނަ އަޑުއެހުންތަކެއް ނުބޭއްވެ އެވެ. ދުވާލެއްގެ މައްޗަށް ކޯޓުން ތާވަލުކުރަމުން ދަނީ ދުވާލެއްގެ މައްޗަށް އަޑުއެހުމެއް ނުވަތަ ދެ އަޑުއެހުމެކެވެ. ދެން ބާއްވަނީ މުއްދަތު މަޖިލީހުގެ އަޑުއެހުންތަކެވެ. ކްރިމިނަލް ކޯޓުގެ ބެކްލޮގު ބޮޑުވަމުންދާ މައްސަލައަކީ، ޝަރުއީ ދާއިރާގައި، މި ވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ.