Advertisement

ބަންދުގެ އިޖުރާއަތް ލާޒިމު، "ވާނުވާ" ވަނީ އިންތިޒާމުގެ ދޯހަޅިކަމުން!

14 ފެބުރުވަރީ 2024 - 03:40 0

މުހައްމަދު އުޝާމް

މ

ޖަލެއްގައި މީހަކު ބަންދުކޮށްފައި ހުރި ކަން ދައްކުވައިދޭ އާޓް ވޯކެއް - ގްރެފިކްސް: އަދަދު


ބަންދުގެ އިޖުރާއަތް ލާޒިމު، "ވާނުވާ" ވަނީ އިންތިޒާމުގެ ދޯހަޅިކަމުން!

14 ފެބުރުވަރީ 2024 - 03:40 0

Advertisement

"ވާނުވާ ބަންދު"، އެއީ ޝަރުއީ ލަފުޒެއް ވެސް ނޫނެވެ. މި ލަފުޒު ވުޖޫދުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެއް ބަޔަކު ޖަލުތަކުގައި ތިބިއިރު، އެއިން މީހެއްގެ ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގޭތީ އެވެ. ޝަރީއަތް ނިމޭނެ ތާރީހު "ވާނުވާ" އަށް ގޮސް "ވާނުވާ ބަންދު" ކިޔަން ފެށީ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ދުވެލި އޮތީ މަޑުގިނީގަ އެވެ. ކައިރިކައިރީ އަޑުއެހުންތަކެއް ނުބޭއްވެ އެވެ. މިހެން ބަންދުގައި އެތައް ދުވަހަކު ތިބެން ޖެހުމަށް ފަހު، ކުށް ސާބިތު ނުވާ ފަހަރު ވެސް ގިނަ އެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ އެ ކަން ހައްލު ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެނައުމެވެ. އެކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އޭގެ ގާނޫނީ އޮނިގަނޑެއް ފޮނުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

"ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން، އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގައި ބޭއްވި މަޖިލިސް ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

"ވާނުވާ އުވާލާ" ނަމުގައި ހަރަކާތެއް ވެސް ފަށާފައި އެބަ އޮތެވެ. ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކާއި ޒުވާނުންގެ ގްރޫޕްތައް ވެސް ހިމެނޭހެން "އިންސާނީ ހައްގުތަކަށް" ވަކާލާތު ކުރާ ހަރަކާތުން ހުކުރު ދުވަހު އެއްވުމެއް ބާއްވާނެ ކަމަށް ވެސް ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ހެއްޔެވެ؟

ކުށް ސާބިތު ނުވަނީސް ބަންދު ކުރުމާ މެދު އެކި ކަންބޮޑުވުންތައް ވެސް އެބަ ފެނެ އެވެ. އެ ގޮތަށް ބަންދުގައި އެތައް ދުވަހަކު ތިބުމަށް ފަހު ކުށް ސާބިތުނުވެ އެބަ ހުއްޓެވެ. ދައުވާ އަނބުރާ ގެންގޮސްފައި ވެސް އެބަ ހުއްޓެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތް ނިންމާނެ ތާރީހެއް ލިޔެވިއްޖެ އެވެ. ޝަރީއަތުގެ ބައެއް މަރުހަލާތައް ގެންދާނެ މުއްދަތު ވެސް ލިޔެވިއްޖެ އެވެ. ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމުމަށް ފަހު، ހުކުމާ ދެމެދު ގެންދެވޭނެ މުއްދަތު ވެސް ލިޔެވިއްޖެ އެވެ. މަހަކު އެއް ފަހަރު ބަންދު މުރާޖައާ ކުރަން ވެސް ހިމެނިއްޖެ އެވެ.

ގާނޫނަށް ދެން ގެންނަން އޮތީ ކޮން ބަދަލެއް ހެއްޔެވެ؟ ބަޔަކު ކުރަމުންދާ ވަކާލާތާ އެއް ގޮތަށް، އެ އިޖުރާއަތް މުޅިން އުވާލުމަކީ ހައްލު ހެއްޔެވެ؟

ގާނޫނުގެ މަފުހޫމާއި ދުނިޔެވީ ތަޖުރިބާ

ޝަރީއަތް ނިމެންދެން ބަންދު ކުރުން، ނުވަތަ "ރިމާންޑު" އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮންނަ ހަމައެކެވެ.

ވިސްނުމަކީ، އިންސާނެއްގެ ހައްގު ނިގުޅައިގަންނަ ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަންނަ ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ދޭން ޖެހޭ "ހައްގު" އަދަބެއް ދިނުމެވެ. އެ މީހަކު ޝަރީއަތަށް ހާޒިރުވެ އެއްބާރުލުން ދޭނެކަން ޔަގީންކުރަން ބަންދު ކުރަން ޖެހިދާނެ ހާލަތްތަކުގައި ބަންދު ކުރުމެވެ.

ޖިނާއީ އިޖުރާއަތުގެ ތެރޭގައި މި ކަން ހިމަނަން ޖެހުނީ ތިން ކަމެއް މެދުވެރިވާތީ އެވެ. އެއް ކަމަކީ، ޝަރީއަތް ހިނގަމުންދާ ގައުމު ދޫކޮށް ގޮސް ފިލުމުގެ އިހުތިމާލު އޮތުމެވެ. ދެން އޮންނަ ހާލަތަކީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިލާމު އޮތުމެވެ. އަދި މުޖުތަމައަށް ނުރައްކަލެއް އޮވެދާނެ ކަމުގެ އިހުތިމާލު އޮތުމެވެ.

މިއިން އެއްވެސް ކަމަކީ، އެ ކަމެއް ވެދާނެ ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ހާލަތެއް ނަމަ، ޝަރީއަތް ނިމެންދެން އެ މީހަކު ބަންދު ކުރެ އެވެ. މީގައި ދެން އެކި ގައުމުތަކުގައި ތަފާތުވާ ކަމަކީ، އެ ކަން ކުރުމުގައި އިސްކަން ދޭނެ ނޫނީ ލާޒިމުވާ ވަކި ކުށްތަކެއް ކަނޑައަޅާފައި އޮތުމެވެ.

އޭގެ ތެރޭގައި ވެސް ގިނަ ކުށްތަކަކީ ގިނަ ގައުމުތަކުގައި އެއް ކުށްތަކެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މީހުން މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގޭންގު ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ ކުށްތަކުގެ އިތުރުން މަނީ ލޯންޑަރިންނާއި މާލީ އެކި ކުށްތައް އޭގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖޭން ވެސް ބަލައިގަނެ، އަމަލު ކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގައި އޮންނަނީ ހަމަ މި މަފުހޫމެވެ. ގިނަ ގާނޫނީ ވަކީލުން ވެސް އެއްބަސްވާ ގޮތުގައި މިއީ އޮންނަން ޖެހޭ ކަމެކެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އިޖުރާއަތްތަކެއް އޮންނަން ޖެހެ އެވެ.

ޖިނާއީ އިޖުރާއަތުގައި މި ހަމަތައް ބަޔާން ކުރުމަށް ފަހު ވެސް، އެކަށޭނަ ފިޔަވަޅުތައް ނޭޅި ދިޔުމުން، ދޫކޮށްލާ ފަހުން ފިލައިގެން ގޮސްފައި އެބަ ހުއްޓެވެ. ހެކިބަސް ދޭ މީހުނަށް އަންނަ ނުފޫޒާއެކު، ހެކިބަސް އަނބުރާ ގެންގޮސްފައި އެބަ ހުއްޓެވެ. ދޫކޮށްލާފައި ހުއްޓައި، މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދޭން އުޅެނިކޮށް އަނެއްކާ ހައްޔަރުކޮށްފައި ވެސް އެބަ ހުއްޓެވެ. މާޒީގައި ރާއްޖޭން މި ކަން ތަޖުރިބާކޮށްފައި އެބަ ވެ އެވެ.

"ދޫކޮށްލިޔަސް އެޅެން އޮތް އެއް ފިޔަވަޅަކީ ޓެގު، ޓެގު އަޅާފައި ވެސް ދޫކޮށްލިޔަސް، ކުޑަކުއްޖަކަށް ގޯނާ ކުރި ކަމުގެ ތުހުމަތު އޮތް މީހެއް ނަމަ، މުޖުތަމައަށް އެ ނުރައްކާ އޮތް ކަމަށް މި ބެލެވެނީ، ދެން ކިހިނެއްތޯ ވަކި ޓެގު އަޅުވާފައި ވެސް ދޫކޮށްލާނީ،" މި ރިޕޯޓަށް ވާހަކަ ދެއްކެވި، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ސީނިއާ ވަކީލަކު ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނަކީ ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނެވެ. ކުށްކުރި ކަމަށް ބާރު ލިބޭ ހެކިތަކާއެކު، ކޯޓަށް ދައުވާ ހުށަހަޅާފައިވާ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ވެސް ކުޑަކުދިންނަށް ގޯނާ ކުރުމާއި މީހުން މަރާލުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ޓެރަރިޒަމްގެ ކުށްތަކުގެ މައްސަލަތަކުގައި، ބަންދުކޮށްފައި ތިިބި މީހުނެވެ.

ވަސީލަތް އެބަހުރި، އެކަމަކު އިންތިޒާމު ދޯހަޅި

ބޮޑެތި ޖިނާއީ ހުރިހާ މައްސަލައެއް އަދި މާލޭގައި ހިނގާ ޖިނާއީ ހުރިހާ މައްސަލައެއް ބަލަނީ ކްރިމިނަލް ކޯޓުންނެވެ.

ކްރިމިނަލް ކޯޓު ބާ އިމާރާތެއްގައި ހިނގަމުން ގެންދާތާ އަހަރުތަކެއް ވެއްޖެ އެވެ. އިމާރާތުގެ ހާލަތު ވަޒަން ކުރުމަށްފަހު 2017 ވަނަ އަހަރު ގެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރު ފެބްރުއަރީ މަހު، ހަތަރު ބުރީގެ އެ އިމާރާތް ބޭނުން ކުރުން ހުއްޓާލި އެވެ. އެ ކޯޓަށް 2019 ވަނަ އަހަރުން ފެށިގެން އައްޔަނުކުރެވުނު އައު ފަނޑިޔާރުންނާއެކު، ބާރު ދުވެލީގައި ހިނގަން ފެށުމަށްފަހު، ކޯޓު އިމާރާތް ބޭނުންކުރުން ހުއްޓާލުމުން ޝަރީއަތްތަކުގެ ދުވެލި ވަރަށް ބޮޑަށް ދަށްވި އެވެ. މިހާރު ބޭނުން ކުރާ އިމާރާތުގައި ހުންނަނީ، ޝަރީއަތް ބޭއްވުމަށް ފަސް ކޮޓަރި އެވެ. އެއިން ކޮންމެ ކޮޓަރިއަކީ ވެސް މާ ބޮޑު ތަންތަނެއް ނޫނެވެ.

ހަތަރު ބުރީގެ އިމާރާތް، ޝަރީއަތްތައް ބޭއްވުމަށް ބޭނުން ނުކުރި ނަމަވެސް ކޯޓުގެ ބައެއް ވަސީލަތްތައް ބަހައްޓާފައި ހުރީ އެ އިމާރާތުގަ އެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު މާލެއަށް ކުރި ވިއްސާރާގައި، ހަތަރު ބުރީގެ އިމާރާތުގައި ބަހައްޓާފައި ހުރި އެތައް އެއްޗެއް މިހާރު ބޭނުންކުރާ އިމާރާތަށް ބަދަލުކުރަން ޖެހުނެވެ.

"މުއްދަތު މަޖިލިސްތަކަށާއި ޝަރީއަތަށް ކޮޓަރިއެއް ހުރެފައި، ދެން ހުރި ކޮޓަރިތަކުގައި މި ތަކެތި ބަހައްޓާފައިވީ، އެކަމަށް ކޯޓު ރޫމުތައް އޮކިއުޕައި ވެފައި އޮތީމަ އަޑުއެހުމެއް ތާވަލު ނުކުރެވި މި އުޅެނީ، އަޑުއެހުންތައް ބާއްވަން ފެށޭނެ ދުވަހެއް ބުނަން އަދި ދަތި،" ކްރިމިނަލް ކޯޓުގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ދެކޭ ގޮތުގައި މުޅި ޖިނާއީ އަދުލުގެ ނިޒާމު، އެންމެ އެއް ބުރީގެ އިމާރާތެއްގައި ތާށިވެގެން ނުވާނެ އެވެ. ޝަރީއަތްތައް ބޭއްވޭނެ އެހެން އިންތިޒާމުތައް ރާވަން ޖެހެ އެވެ. ދައުލަތުގައި ވަސީލަތްތައް އެބަ ހުއްޓެވެ. އަދި ޖުޑިޝަރީގައި ވެސް ވަސީލަތްތަކެއް އެބަ ހުއްޓެވެ. އެ ވަސީލަތްތައް ބޭނުން ކުރާނެ އިންތިޒާމެއް ހަމަޖެހުމުން މި މައްސަލަ ހައްލުވީ އެވެ.

"ކްރިމިނަލް ކޯޓަށް ވެސް ރަނގަޅު ޖާގަ ތަނަވަސް އިމާރާތެއް ހުންނަން ޖެހޭ، ސީދާ އެ ކޯޓަށް ވަސީލަތްތައް ވެސް ދޭން ވާނެ، އެހެންވިޔަސް އެ ކަންކަން ހަމަޖެހެން ދެން މުޅި ޖިނާއީ އަދުލު ހުއްޓުވާފައެއް ވެސް ނުބޭއްވޭނެ، ހުރި ވަސީލަތްތައް ބޭނުން ކުރާނެ ގޮތެއް ހޯދުމުން މި މައްސަލަ ފަސޭހައިން ހައްލުވާނެ،" ޕީޖީ އޮފީހުގެ ސީނިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޖީ އޮފީހުގައި ވެސް މިހާރު މީގެ އޮނިގަނޑެއް ރާވައި އެއަށް އަމަލު ކުރަމުން އެބަ ދެ އެވެ. ޕީޖީ އޮފީހުގެ ގޮތްޕެއްގައި މަސައްކަތް ކުރާ އޮފިސަރުންނަކީ، ހަމައެކަނި އެ ގޮފީގެ މަސައްކަތަށް އެކަނި ހާއްސަވެގެން ހުންނަ މުވައްޒަފުންނެއް ނޫނެވެ. ބައެއް ގޮފިތަކުގައި އެއްވެސް މަސައްކަތެއް ނުހުންނަ ދުވަސްތަކުގައި، އެ މުވައްޒަފުން އެހެން ގޮފީގެ މަސައްކަތްތަކުގައި ބައިވެރިވެ އެވެ.

"ކުޅުދުއްފުށީ އޮފީހުގައި ހުންނަ މުވައްޒަފަކު ވަދެދާނެ ލ. އަތޮޅު މައްސަލައަކަށް، ލ. އަތޮޅުގައި ހުންނަ މުވައްޒަފަކު ވަދެދާނެ އައްޑު އަތޮޅުގެ މައްސަލައަކަށް ވެސް، ކަމެއް ނޯންނަ ދުވަސްތަކުގައި ވަރަށް ގިނައިން ހުންނާނެ ބައިވެރިވެފަ ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓު މައްސަލަތަކުގަ ވެސް،" ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

މީގެ 11 އަހަރު ކުރިން، ޖަލުގައި އީވާން ނަސީމް މަރާލި މައްސަލާގައި ދައުވާކުރި މީހުންގެ މައްސަލަތައް ގެންދިޔައީ ދަރުބާރުގޭގަ އެވެ. ދަރުބާރުގެއާއި ސިވިލް ކޯޓުގެ އިތުރުން، މައި ޖަލު ހުންނަ ރަށް ކަމަށްވާ މާފުށީގައި ވެސް މެޖިސްޓްރޭޓް ކޯޓެއް އެބަ ހުއްޓެވެ. އަދި އެއްވެސް މައްސަލައެއް ނޯންނަ ކިތަންމެ މެޖިސްޓްރޭޓު ކޯޓެއް އެބަ އޮތެވެ.

ސަރުކާރުގައި މި ވަގުތު މަސައްކަތް ކުރައްވަމުން ގެންދަވާ، ޝަރުއީ ދާއިރާގެ ތަޖުރިބާކާރަކު މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ގޯސްކުރެއްވީ ސަރުކާރު ނޫން އެހެން ހުރިހާ އިދާރާތަކެކެވެ. އޭނާ ފާހަގަ ކުރައްވާ ގޮތުގައި މައްސަލަތައް ލަސްވުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ފަނޑިޔާރުންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިންތިޒާމުތަކުގެ ފެއިލްވުމެކެވެ.

"ފަނޑިޔާރުން، މި ކިޔަނީ، ހައިބަތެއް، އަދި ކެރުންތެރިކަމެއް ތިބެން ޖެހޭ ބަޔަކަށް، އިމާރާތުގަ ޖާގަ ނެތިއްޔާ ޓެންޓު ޖަހައިގެން ވެސް ކުރަން ތައްޔާރަށް ތިބެވޭނެ ބަޔަކަށް، މި ބުނަނީ ޓެންޓު ޖަހާށެކޭ ނޫން، އެކަމަކު މި ވަގުތު މާފުށީ ކޯޓާއި، އޮންލައިން މެކޭނިޒަމްތައް ބޭނުންކޮށްގެން ގޮތެއް ހޯދެން އެބަ އޮތް، އެކަމަކު އެކަން ނުކޮށް ފަނޑިޔާރުން އަތް އުރާލައިގެން ތިބޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް، ކޯޓަށް ދިމާވެފައި އޮތް ޖާގައިގެ މައްސަލަވެސް އެއީ ހަގީގަތެއްކަން އޭނާވެސް ގަބޫލުކުރައްވަ އެވެ.

"ސަރުކާރުތަކުން ކޯޓުތަކަށް ވަސީލަތްތައް ވެސް ނުދެވޭތީ، އެ ކަން ނުކުރާތީއާ ވެސް އެކީ (މައްސަލަތައް ލަސްވަނީ)،"

ގާނޫނަށް ގެންނަން އޮތީ ކޮން އިސްލާހެއް؟

ޝަރުއީ ދާއިރާ ވަރުގަދަ ކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުން އަންނަ އޮފިޝަލް ވިދާޅުވި ގޮތުގައި ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ބަންދުގެ އިޖުރާއަތްތައް މުޅީން އުވާލުމެއް ނޫނެވެ. އެ ކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ވުރެ ސަރުކާރުގެ ވިސްނުން ހުރި ކަމަކީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ކޯޓު ބަދަލުކުރުމުން ވަގުތީ ހައްލެއް އަންނާނެ އެވެ. އަދި ހުޅުމާލޭގައި މިހާރު އަޅަމުންދާ ކޯޓު ކޮމްޕްލެކްސް އިމާރާތް ނިމުމުން، ޖުމުލަ ބޮޑު ހައްލެއް އެބަ އާދެ އެވެ. އެއީ ކުރިން ސާރުކާރުން ފެށި މަސައްކަތެކެވެ.

"މި ކަންކަން ހަމަޖެއްސުން ސަރުކާރުގެ ވިސްނުން ވެސް ބޮޑަށް މި ހުރީ، މައްސަލައަކީ ވެސް ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުހިފުން، އަދި ވަސީލަތްތައް މަދު އިރު، އެހެންވެ އެ ކަންކަން ހަމައަކަށް އެޅުވުމަށް ވާނުވާގައި ބަންދު ބޭތިއްބުން ނިމުމަކަށް ގެންނަ ވާހަކަ މި ކިޔަނީ،" އޭނާ ވިދާޅުވި އެވެ.

ގާނޫނު ފުރިހަމަ ކުރުމަށް މަސައްކަތްކުރަމުންދާކަން އެޓާނީ ޖެނެރަލްގެ އޮފީހުން ޔަގީންކޮށްދެ އެވެ. އެ އޮފީހުން ބުނި ގޮތުގައި އެ މަސައްކަތް އަދި އޮތީ ހިޔާލަށް ހުޅުވާލައި، ކަމާ ބެހޭ މާހިރުންގެ ހިޔާލު ހޯދުމުގެ މަސައްކަތުގަ އެވެ.

މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކެވި، ސަރުކާރުގެ ސީނިއާ އޮފިޝަލް ވިދާޅުވީ ގާނޫނަށް ގެންނަން ގަސްތުކޮށްފައިވާ އިސްލާހަކީ ކަފާލާތުގެ އުސޫލާއި އޭގެ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތުގައި ލިޔުމެވެ. ބޭނުމަކީ، އެންމެ ބޮޑެތި ޖިނާއީ ކުށްތަކުގައި ހިމެނޭ ކުށަކަށް ނުވާނަމަ، ބަންދު ކުރެވޭ މީހަކު ނުވަތަ ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކުރާ މީހަކަށް ވެސް ކަފާލާތުގެ ހައްގު ހޯދައިގެން "ވާނުވާ" އިން ސަލާމަތް ވެވޭނެ އިންތިޒާމެއް ހަމަޖެހުމެވެ.

"ގެންނަން މި އުޅޭ ބަދަލަކީ، އަވަހަށް ޝަރީއަތް ހިންގާނެ މަގެއް ފަހިކޮށްދީފައި، ކަފާލާތުގެ ނިޒާމު ލުއިކުރަނީ، އާދައިގެ ކުށްތަކުގަ އަމުރަކުން ބަންދުކުރިޔަސް ނޫނީ ހުކުމަކުން ބަންދުކުރިޔަސް، ކަފާލާތުގެ ނިޒާމުން ޝަރުތުތަކާއެކު ދޫކޮށްލުން،" އޭނާ ވިދާޅުވި އެވެ.

ބަންދު ކުރުމުގެ އިޖުރާއަތަކީ، އޮންނަން ޖެހޭ، ލާޒިމު އިޖުރާއަތެކެވެ. ޝަރީއަތަށް ފިލައިގެން "ކުށްވެރިއަކު" ދިޔުމަކީ ގައިމު ވެސް އިންސާފު ގާއިމު ނުވުމެވެ. ދައުލަތާއި ޖުޑިޝަރީގެ އިންތިޒާމު ބައްޓަން ކުރަންވީ އެ ދިމާއަކަށް ނޫނެވެ. ކުރަންވީ ކަމަކީ، މިހާރު އިންތިޒާމުގައި ހުރި ދޯހަޅި ކަންކަން އިސްލާހުކޮށް، ޝަރީއަތްތަކަކީ ހުއްޓިފައި އޮންނަ ކަމެއްގެ ބަދަލުގައި ހިނގަހިނގާ ހުންނަ ކަމަކަށް ހެދުމެވެ.