Advertisement

"ވާނުވާ"ގައި 343 މީހެއް، ހަ އަހަރުވީ މީހުން ވެސް އެބަތިބި

7 ޖުލައި 2021 - 16:27 1

ނާޒިމް ހަސަން

ނާޒިމް ހަސަން

މާލެ ޖަލު: ވާނުވާ ބަންދުގައި މީހުން ތިބޭ މައްސަލައަށް ހައްލެއް ނުފެނި ވަނީ ދިގުލައިގެން ގޮސްފައި.


"ވާނުވާ"ގައި 343 މީހެއް، ހަ އަހަރުވީ މީހުން ވެސް އެބަތިބި

7 ޖުލައި 2021 - 16:27 1

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ "ވާނުވާ" ބަންދުގައި މި ވަގުތު ވެސް 343 މީހުން އެބަ ތިބި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓްގައިވާ ގޮތުން، 2015 ވަނަ އަހަރުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ތިން މީހަކު އެބަ ތިއްބެވެ. އަދި، 2016 ވަނަ އަހަރުން ފެށިގެން ބަންދުގައި ތިބި ފަސް މީހަކު އެބަ ތިއްބެވެ.

މިއީ ކޮން ތުހުމަތުތަކެއް ހައްޔަރުކޮށްފައި ތިބި ބައެއް ކަމެއް ސާފެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުގައި 34 މީހަކާއި 2018 ވަނަ އަހަރުން ފެށިގެން 19 މީހަކު އެބަ ތިއްބެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 އަހަރުން ފެށިގެން 52 މީހަކު "ވާނުވާ"ގައި އެބަ ތިއްބެވެ. މިދިޔަ އަހަރު އެ ބަންދަށް 152 މީހަކު ގެންދިޔައިރު، މި އަހަރު 40 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިއްބެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 343 މީހަކު ތިބިއިރު، އޭގެ ތެރެއިން 38 މީހަކީ ޖާގައިގެ ދަތިކަމާހުރެ ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. އޭގެ ތެރޭ 219 ދުވަސް ވެފައިވާ މީހުން ވެސް އެބަ ތިއްބެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، ރިޕޯޓްގައި ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެމީހުންގެ މައްސަލަތައް އަވަސްކުރުމާ ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކާއެކި ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

"ނަމަވެސް އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބަލާއިރު ކޮވިޑާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ދަތިކަން ހުރިހާ އިދާރާތަކަކަށް ވެސް އެބަ އޮތް، ޖަލުތަކުގައި ފެތުރެން ފެށުމާއެކު އިތުރު ގޮންޖެހުންތައް ކުރިމަތިވެ މުޅި މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ފާލުން ނެއްޓިފައި،" ޝަމީމް ވިދާޅުވި އެވެ.

ވާނުވާއަށް ގާނޫނުން ހައްލެއް ހޯދަން ވެސް ފެއިލްވެއްޖެ

ޝަމީމް، ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވަޑައިގަތީ ޝަރުއީ ނިޒާމްގެ ތެރޭގަ އާއި ޖަލުތަކުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް "ވާނުވާ"ގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަމާ އެކު އެވެ.

އެގޮތުން، އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮންމެ 30 ދުވަހަކުން ބަންދު ރިވިއު ކުރުމަށް ހުށަހަޅަން ސިޔާސަތަށް ބަދަލު ގެންނެވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ ކޮންމެ މީހެއްގެ ވެސް ބަންދު ކޮންމެ 30 ދުވަހަކުން ރިވިއުކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ގާނޫނުގައި އެހެން ގޮތުމުން ކޮންމެ 30 ދުވަހަކުން ބަންދު ކޯޓުން ރިވިއު ކުރި ނަމަވެސް، އެކަން ކުރުމަށް ޝަރީއަތުގެ އަޑުއެހުމެއް ކޮންމެ ފަހަރަކު ނުބާއްވަ އެވެ. އެހެންވުމާއެކު، ޝަރީއަތްތައް ކުރިއަށްދާ މިންވަރު ވަކި އަވަހެއް ނުވި އެވެ. ބަންދުގައި ތިބެންޖެހޭ މީހުންގެ ބަންދަށް ދުވަސްތައް އިތުރުވެގެން ދިޔުން ނޫން ނަތީޖާއެއް އެކަމުން ނުނުކުތެވެ.

އެކަން، ޝަމީމް ވެސް ފާހަގަ ކުރައްވައި މީގެކުރިން ވިދާޅުވެފައިވަނީ، "އަޅުގަނޑު އުއްމީދުކުރީ ސިޔާސަތަށް ގެނައި ބަދަލާއެކު ހައްލުވާނެ ކަމަށް، އެކަމެއް ނުވި، ގާނޫނަށް ގެނައި ބަދަލާއެކު ހައްލުވާނެ ކަމަށް، އެކަމެއް ނުވި،" ކަމަށެވެ.

"އެ ދެ ކަންތަކުގައި އަޅުގަނޑުމެން ފެއިލްވެއްޖެ!" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ރިވިއު ކުރުމަކީ އޭގެ ޒާތުގައި ހައްލެއް ނޫން ކަމަށާއި ހައްލެއް އައި ކަމަށްވާނީ ރިވިއު ކުރުމާއެކު ޝަރީއަތްތައް ވެސް ހިންގިގެންނެވެ. އޭނާ އުއްމީދު ކުރައްވަނީ ޝަރީއަތްތައް 75 ދުވަސް ތެރޭ ނިމިގެން ދިޔުން ކަމަށެވެ. އޭރަށް މައްސަލައަށް ހައްލެއް ލިބިގެންދާނެކަން ޝަމީމް އުއްމީދު ކުރައްވަ އެވެ.

ޕީޖީ ޝަމީމް ވިދާޅުވި ގޮތުގައި، "ވާނުވާ" މައްސަލައަށް އެކަށީގެންވާ ހައްލެއް އައި ކަމަށް ގަބޫލު ކުރެވޭނީ އެގޮތަށް ބަންދުގައި ތިބޭ މީހުންގެ އަދަދު ދަށް ކުރެވިގެންނެވެ. އަދި، ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އާންމު އުސޫލު ނޫން ކަމާއި އިސްތިސްނާ ހާލަތްތަކުގައި މެނުވީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ބަދަލުވެގެން ދިޔުމުން ކަމަށެވެ.

"އަޅުގަނޑު މި މަގާމުން ވަކިވާއިރު ވެސް ހާސިލުވާން ބޭނުންވާ ކަމަކީ އެއީ،" ޝަމީމް ވިދާޅުވި އެވެ.

މިހާތަނަށް އެކަން ކާމިޔާބު ނުވި ނަމަވެސް، ޝަމީމް ވިދާޅުވި ގޮތުގައި "ވާނުވާ" މައްސަލައަށް ހެއްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވަ އެވެ. އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ފަސްނުޖެހޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އާންމު ގޮތެއްގައި މަހަކު 16 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާ ކަމަށާއި އެހެންކަމުން، މައްސަލައަށް ހައްލު އަންނާނީ މަހަކު 16 މައްސަލަ ކްރިމިނަލް ކޯޓުން ނިމިގެން ކަމަށެވެ.

"ހޯދަން ޖެހޭ ނަންބަރު މިވަނީ އެނގިފައި. ދެން އޮތީ އެ ނަންބަރާ ހަމައަށް ދާނެ ގޮތެއް،" ޝަމީމް ވިދާޅުވި އެވެ.

އެކަމަށް ވާސިލްވުމުގެ ގޮތުން ހުރިހާ ފަރާތެއް ވެސް ގުޅިގެން މަސައްކަތްކޮށް، މައްސަލައަށް އަވަސް ހެއްލެއް ގެނައުމަށް އުއްމީދު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.