Advertisement

ހަ މަހަށް އޮންނަ ހުސްކަމުން، މުޅި މަޖިލީސް ވެސް ހުސްވުމުގެ ބިރު

3 މާރިޗު 2024 - 09:26 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ހަ މަހަށް އޮންނަ ހުސްކަމުން، މުޅި މަޖިލީސް ވެސް ހުސްވުމުގެ ބިރު

3 މާރިޗު 2024 - 09:26 1

"މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްކަމުގައިވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެނެއް ނުވާނެ އެވެ."

ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުން މި ހަ މަސް ދުވަސް ބެއިންދީ، ކެމްޕެއިނާއި ބައި-އިލެކްޝަނަށް ހިނގާ ދެ މަސް ފަހުން އާ މެންބަރަކު އިންތިހާބުކޮށްގެން ކުރު މުއްދަތަކަށް މަޖިލީހުގައި ބެއިންދުމަކީ ބޭކާރު ކަމަކަށް ފެނިގެނެވެ. ވަކިވަކި ފަރުދުންގެ އަތުން އަދި ދައުލަތުން ބޮޑު ހަރަދުތަކެއް ވެސް ހިނގާނެތީ އެވެ.

މި މުއްދަތު ދިމާ މި ވަނީ، ރިޔާސީ އިންތިހާބު ނިމި، އާ ސަރުކާރު އެކުލަވައިލަން އަންނަ ދުވަސްވަރާ އެވެ. އެ މުއްދަތުގެ ތެރޭގައި، ފުރަތަމަ ފަހަރަށް ސަރުކާރުގެ މަގާމަކާ ހަވާލުވުމަށް، މަޖިލިސް ގޮނޑި ދޫކޮށްލެއްވީ 2013، ގައި އޭރު ރައީސް ކަމަށް އިންތިހާބުވި އަބްދުﷲ ޔާމީނެވެ.

ދެން އައި ސަރުކާރު، 2018، ގައި ރައީސް ކަމަށް އިންތިހާބުވީ މަޖިލިސް މެންބަރަކަށް އިންނެވި އިބްރާހިމް މުހައްމަދު ސޯލިހެވެ. ނައިބު ރައީސް ކަމަށް ވެސް އައީ މެންބަރަކަށް އިންނެވި ފައިސަލް ނަސީމެވެ. މެންބަރުންގެ ގޮތުގައި ތިއްބެވި ފައްޔާޒު އިސްމާއީލް، އަހުމަދު މަހުލޫފު، މާރިޔާ އަހުމަދު ދީދީ، އަދި އަބްދުﷲ ޝާހިދު ވާޒިރުންގެ ކެބިނެޓަށް އައްޔަންކުރި އެވެ. މަޖިލީހުން އެ ފަހަރު ހަ ގޮނޑިއެއް ހުސްވި އެވެ.

މި ފަހަރު މަޖިލީހުން ހަތް ގޮނޑި ހުސްވި އެވެ. ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ވަޒީރުންގެ ގޮތުގައި މި ވަގުތު ތިއްބެވި އަހުމަދު ޝިޔާމް، މުހައްމަދު ސައީދު، އާދަމް ޝަރީފް، އަހުމަދު އުޝާމް، މުހައްމަދު ގައްސާން މައުމޫނަކީ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މަޖިލިސް މެންބަރުންނެވެ. މެންބަރަކަށް ހުންނެވި ފަޒުލް ރަޝީދު ވަނީ ސަރުކާރު ކުންފުންޏެއް ހިންގުމަށް ހަވާލުވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ކަންކަން ނިންމުމަށް އޮންނަނީ އެކި އަގުލަބިއްޔަތެވެ. އަދި މަޖިލީހުގެ ޖަލްސާ ފެށުމަށް ކޯރަމެއް ކަނޑައެޅިފައިވެ އެވެ. މަޖިލީހުގެ ޖުމުލަ އަދަދު މީގެ ކުރިން ހުސްވި ގޮނޑިތައް ހިމެނޭހެން ގުނި ނަމަވެސް މިހާރު އޮތް މަޖިލީހުގެ މެޖޯރިޓީއަށް ވިސްނުނީ އެއީ ހަމަޖެހޭ ގޮތެއް ނޫން ކަމެވެ. އެހެންވެ ހުސްވި ގޮނޑިތައް ނުހިމެނޭ ގޮތަށް، މި ހަ މަސް ދުވަހު ޖުމުލަ އަދަދުގެ ގޮތުގައި ބަލަން ނިންމި އެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުންގެ ވިސްނުމަކީ މަދު މެންބަރުންތަކެއް މަޖިލީހުގެ ނިންމުންތައް ނުނިންމުން ކަމަށް ކޯޓުން ކަނޑައަޅި އެވެ. އެ ހަ މަސް ދުވަހު، މަޖިލީހުގެ ކޯރަމަށް ވުރެ ވެސް މެންބަރުންގެ އަދަދު ތިރިވެ ހުއްޓުމަކަށް ގޮސްދާނެ ކަމީ، ހާއްސަ މަޖިލީހުން ތަސައްވުރު ކުރި ކަމެއް ނޫން ކަމަށް ކޯޓަށް ގަބޫލު ކުރެވުނެވެ.

"މަޖިލިސް އާންމު އިންތިހާބެއްގެ ކުރިން ގިނަ އަދަދެއްގެ މެންބަރުން އިސްތިއުފާ ދީ، ގިނަ އަދަދެއްގެ ގޮނޑި ހުސްވުން އެއީ ހާއްސަ މަޖިލީހުގެ ގާނޫނު އަސާސީގެ 78 ވަނަ މާއްދާގެ ބަހުސްތައް ކުރިއަށް ދިޔައިރު، މެންބަރުން ތަސައްވުރު ކޮށްފައި އޮތް ހާލަތެއް ނޫން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވި ފަނޑިޔާރު އަޒުމިރަލްދާ ޒާހިރުގެ ރައުޔުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ، ގާނޫނު އަސާސީގައި ފުރަތަމަ ބަޔާންކުރާ ދައުލަތުގެ ބާރެވެ. ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރުގެ ބާބު އަންނަނީ މަޖިލީހުގެ ބާބަށް ފަހުގަ އެވެ. ގާނޫނު އަސާސީގައި އެކަށައަޅާފައިވާ ދައުލަތުގެ އޮނިގަނޑުގައި މަޖިލީހަށް ދީފައިވަނީ ބޮޑު ދައުރެކެވެ. މުޅި ދައުލަތް އަމަލުކުރަންވީ ގޮތުގެ ގާނޫނުތައް ހެދުމުގެ އިތުރުން ގާނޫނުތަކާ އެއް ގޮތަށް ދައުލަތް ހިނގާތޯ ބެލުމަށް ފާރަވެރިވުމުގެ ޒިންމާ އެވެ.

ހާއްސަ މަޖިލީހުން ދެން ނިންމި ކަމަކީ، މަޖިލީހުގެ މެންބަރުންނަށް މެންބަރުންގެ އިނާޔަތްތައް ވެސް ހިމެނޭ ގޮތަށް މަޖިލީހުގެ ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު ދިނުމެވެ. ބޭނުމަކީ ކަރާމާތްތެރިކަމާއެކު، ދައުރު ނިމެންދެން މެންބަރުކަމުގެ ބޮޑު ޒިންމާ އަދާ ކުރުމުގައި ދެމިތިބުމަށް ބާރު އެޅުވުމެވެ. ތަސައްވުރު ކުރީ، އެ ހުރިހާ ބާރުތަކާއެކު ދައުރު ނިމެންދެން ދެމިތިބެވޭ ބަޔަކު މާ ބޮޑު ސަބަބެއް ނެތި މަގާމު ދޫކޮށްނުލާނެ ކަމަށެވެ.

ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މެންބަރު އަދި އޭރު މާލޭގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) އެ ސަބަބު ކިޔައިދެއްވި އެވެ.

"ގާނޫނު އަސާސީ ލިޔުނު އިރު އަޅުގަނޑުމެން އެކަކު ވެސް ތަސައްވުރު ކުރި ކަމެއް ނޫން، ވަޒީރު ކަން ލިބޭތީ މަޖިލީހުގެ މެންބަރުންތަކެއް ކުއްލިއަކަށް ގޮނޑި ދޫކޮށްލާނެ ކަމަށް، [ގާނޫނު އަސާސީން ދެވޭ ބާރުތަކާއެކު] އެ މަސްއޫލިއްޔަތު އޭނާ އަދާކުރާނެ ކަމަށްތާ ބަލަން ވާނީ،" އިބްރާ ވިދާޅުވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް މަޖިލިސް ހުސްވުމުގެ ބިރު ވެސް އޮތް ކަން މިހާރު އެބަ ތަސައްވުރު ކުރެވެ އެވެ. ސުޕްރީމް ކޯޓަށް ނުދެވުނު ހައްލެއް، ރައްޔިތުންގެ މަޖިލީހުން އެބަ ދޭން ޖެހެ އެވެ.

މަޖިލީހުގެ ފަލްސަފާ އާއި އެ ބާރު ދެމިއޮތުމުގެ ބޭނުން

ސަރުކާރުގެ އެކި ވުޒާރާތަކުގެ އިތުރުން ސަލާމަތީ ހިދުމަތްތަކާއި ގާނޫނު އަސާސީންނާއި ގާނޫނުތަކުން އެކުލަވާލާ މުއައްސަސާތަކާއި އިދާރާތައް ޖަވާބުދާރީކުރުވުމަކީ މަޖިލިހުގެ އެންމެ ބޮޑު ދައުރެވެ.

އޭގެ ވިސްނުމަކީ ރައްޔިތުންނަށް އެ މަސައްކަތް ހަވާލު ކުރުމެވެ. އެކަމަކު ހުރިހާ ރައްޔިތުންނަށް އެ މަސައްކަތުގައި ބައިވެރިވެރި ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ ރައްޔިތުންގެ ތަމްސީލުވުން ކުޑަ ނުވާނެ ނިސްބަތަކާއި މެންބަރުންގެ އަދަދު ވެސް ދަށް ނުވާނެ ގޮތަކަށް ބައްޓަންކޮށް މަޖިލިސް އެކުލަވާލީ އެވެ.

ޑިމޮކްރެޓިކް އޮނިގަނޑުތަކުގައި މަޖިލީހުގެ ފަލްސަފާއަކީ އެއީ އެވެ. މަޖިލީހުގެ ކޮންމެ ނިންމުމެއް ނިންމަނީ އަގުލަބިއްޔަތު ވޯޓަކުންނެވެ. އެއީ މަދު ބަޔަކު ނިންމާ ނިންމުމެއް ނޫނެވެ. މަޖިލީހުގެ ނިންމުމެއްގެ މައްޗަށް ގޮތެއް ކިޔޭނެ ހަމައެކަނި ބަޔަކަށް ތިބޭނީ ރައްޔިތުންނެވެ.

"އެއީ މީގެ ފަލްސަފާ، ދެ ތިން މީހުން، ނޫނީ ވިއްސަކަށް މީހުން ވެސް ނިންމާ ނިންމުމެއް ނޫނޭ. ދެން އެ މީހުން ނިންމާ ނިންމުމަކަށް ގޮތް ކިޔާނެ އިތުރު ބަޔަކު ނުތިބޭނެ، ރައްޔިތުން ތިބޭނީ، އެ މީހުން ގޯސްކޮށް ކަމެއް ނިންމީމައި އިންތިހާބުން ރައްޔިތުން އޭގައި ފިޔަވަޅު އަޅާނެ،" އިބްރާ ތަފްސީލްކޮށްދެއްވި އެވެ.

މަޖިލީހުގެ އޮނިގަނޑު އެކުލަވާލުމުގެ ތެރެއިން ހާއްސަ މަޖިލީހުގެ މެންބަރުންގެ ބަހުސް ހުއްޓުނީ ވެސް އެ ކަމަށެވެ. އެއް ކަމަކީ މެންބަރުންތަކެއް ޒިންމާދާރު ނުވެގެން މަޖިލިސް ހުއްޓިގެން ނުވާނެ އެވެ. އަނެއް ކަމަކީ ގައުމުގެ ބޮޑެތި އުސޫލީ މައްސަލަތައް މަދު ބަޔަކަށް ނިންމަން ފުރުސަތު އޮވެގެން ނުވާނެ އެވެ.

ރައީސް، ނައިބު ރައީސް އަޒުލުކުރުމާއި ފަނޑިޔާރުން ވަކިކުރުން އަދި ގާނޫނު އަސާސީއަށް ބަދަލެއް ގެނެވެން ވާނީ މަޖިލީހުގެ ގިނަ މީހުން އެ ކަމަށް ރުހިގެން ނިންމޭ ގޮތަށް ކަމަށް ގާނޫނު އަސަސީގައި ބަޔާން ކުރި އެވެ.

"މި ވަރުގެ ނިންމުންތައް ނުވާނޭ، ވޯޓުގައި ބައިވެރިވާ މަދު މެންބަރުންތަކަށް ދޫކޮށްލެވޭ ވަރުގެ ކަމަކަށް. އަދި ހާއްސަ މަޖިލީހުގެ މެންބަރުން ދެކެމުން ވެސް އައީ، ރައީސް އަޒުލު ކުރުން ފަދަ ބޮޑު ކަމެއް ނަމަ، ކޮންމެ މެންބަރަކު ވެސް ބަލާނެއޭ، ބަލި ނުވެ ހުރިއްޔާ، އައިސް އޭނާގެ ވޯޓު ދޭން،" އިބުރާ ވިދާޅުވި އެވެ.

މި ހަ މަސް ދުވަހު، މަޖިލީހުގައި ހުސްވާ ގޮނޑިތައް ވެސް ހިމެނޭ ގޮތަށް މަޖިލީހުގެ ޖުމުލަ އަދަދު ގުނަން ސުޕްރީިމް ކޯޓުން ނިންމީ ވެސް ހާއްސަ މަޖިލީހުގެ މެންބަރުން އެ ކަމަކަށް ދެއްވާފައިވާ އަހަމިއްޔަތުކަން ބޮޑުކަމުން، އެ ކަންކަމަށް ވަރަށް ބޮޑަށް ހަވާލައި ދެއްވުމަށްފަހެވެ.

"ހާއްސަ މަޖިލީހުގެ ޔައުމިއްޔާއަށް ބެލުމުން އެނގިގެން ދަނީ އެކި ކަންކަން ފާސްކުރުމަށް އެކި އުސޫލު ބަޔާންކޮށްފައި ވަނީ ގަސްތުގައި އެންމެ ހައްސާސް ކަންކަން ހިމާޔަތް ކުރުމުގެ ނުވަތަ ފަސޭހައިން ވިޔަ ނުދިނުމުގެ ނިޔަތުގައި،" ފަނޑިޔާރު އަޒުމިރަލްދާ ޒާހިރުގެ ރައުޔުގައި ވެސް ބުނެފައިވެ އެވެ.

އެހެންވިޔަސް މަޖިލީހުގެ މަސައްކަތްތައް ހުއްޓި ނުދިނުން ވެސް އެއީ މުހިންމު ކަމެއް ކަން އިބްރާ ފާހަގަ ކުރެއްވި އެވެ. މުޅި މަޖިލީހުގެ އަގުލަބިއްޔަތުގެ ބަދަލުގައި ވޯޓުލީ މެންބަރުންގެ އަގުލަބިއްޔަތުން ބައެއް ކަންކަން ފާސްވާ ގޮތަށާއި ކޯރަމަކަށް ހަތަރުބައިކުޅައެއްބައި ފަދަ ކުޑަ ނިސްބަތެއް ލިޔުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ވެސް މަޖިލިސް ހުއްޓޭނަމަ، ބައި އަހަރުގެ މުއްދަތަކަށް މި ހުއްޓިގެން ދަނީ ދައުލަތުގެ ފާރަވެރިވުމަށް އެކަށައަޅާފައިވާ މުޅި ނިޒާމެވެ. މަޖިލީހަކީ، ގާނޫނު ހެދުމުގެ މަސައްކަތުގެ އިތުރުން ދައުލަތުގެ ޓެކްސް ފައިސާއަށް ފާރަވެރިވުމާއި ބަޖެޓު އެކުލަވާލުމުގެ ބޮޑު ޒިންމާއެއް ވެސް އޮތް ބަޔެކެވެ.

އިބްރާ ގަބޫލު ކުރައްވާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ ހާލަތަކީ އާ ހާލަތެކެވެ. މި ހާލަތުގައި ފަރުވާ ދެވޭނީ މަޖިލީހަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި މަޖިލީހުން އެ ކަމަށް ވިސްނާފައި ގެނައި ބަދަލަކީ ބުއްދި ހަމަޖެހޭ އުސޫލެކެވެ.

"މިއީ ވަރަށް ހާއްސަ ހާލަތެއް، ހާއްސަ ސުވާލެއް މި ހާލަތުގައި މި އަންނަނީ. ގާނޫނު އަސާސީ އޮތް ގޮތުން އެ ތަނަށް [ދާއިރާއަށް] ނެތް މެންބަރުން އިންތިހާބު ކުރެވެން ވެސް. މި ފަހަރު ހަތް މެންބަރުން. ދެން މާދަމާ މިސާލަކަށް 50 މެންބަރުން ދިޔައީއޯ، އެ މުއްދަތުގައި ފާރަވެރިވާ ނިޒާމު މި ނެތިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ، މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން

ފެންނަން އޮތް އެއް ހަގީގަތަކީ މި މަޖިލީހަކީ އުމުރު ހަމަވާން ގާތްވެފައިވާ މަޖިލީހެއް ކަމެވެ. މަޖިލީހުގެ އަގުލަބިއްޔަތު އޮތް ޕާޓީއަކީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި، ރައްޔިތުންގެ އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއެއް ނޫނެވެ. ވަކިވަކި އަތޮޅުތަކާއި، ވަކިވަކި ރަށްރަށް ބެލިޔަސް އެ ކަން އޮތީ އެހެނެވެ. އަދި މަޖިލީހުގެ ދާއިރާތައް ބެހިފައިވާ ގޮތުން ބެލިޔަސް އެންމެ ގިނަ ވޯޓު ލިބުނީ މުޅި ވޯޓުން އިންތިހާބުވި ސަރުކާރަށެވެ.

މިހާރު އޮތް ޕީއެންސީ ސަރުކާރުގެ އިސް ބޭފުޅުން ދައްކަވަނީ މި ވާހަކަ އެވެ. އުފައްދަވާ ސުވާލަކީ، މި މަޖިލީހަށް ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ވާނެ ހެއްޔެވެ؟

"އެމްޑީޕީގެ 44 މެންބަރުން ތިބި ދާއިރާތަކުން ވެސް ގިނަ ވޯޓު ލިބުނީ އަޅުގަނޑުމެންނަށް، އެކަމަކު މި ވަގުތު ދާއިރާގެ ގޮނޑީގައި، ގޮތް ނިންމަން އެއިނީ އެމްޑީޕީގެ މެންބަރެއް. އެއީ މީގެ ފަސް އަހަރު ކުރިން ރައްޔިތުން ނިންމި ގޮތް، މިއަދު ތިބި ގޮތެއް ނޫން،" ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ސަރުކާރުގެ މަގާމެއްގައި ހުންނެވުމުން، ނަން ނެޖުހުމަށް އެދިވަޑައިގެން، އޭނާ ވިދާޅުވީ އެކަން ތަސައްވުރު ކުރެވޭތީ މަޖިލީހުގައި ތިއްބެވި ޕީއެންސީ/ޕީޕީއެމްގެ މެންބަރުން ތިބުމަށް ވެސް ވިސްނަމުން ގެންދިޔަ ކަމަށެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕާޓީއަށް ފެނުނީ ސަރުކާރު ހިންގަން ރަނގަޅު ބަޔަކު އައްޔަން ކުރުމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އެއީ މި ވާ ގޮތަކީ، އިދިކޮޅުގައި އޮންނަ ވަގުތު ބޭނުން ވާނެ، މަޖިލީހުގައި، ސަރުކާރު ޖަވާބުދާރީ ކުރަން ކޮލިޓީ ހުރި މީހުން، ވެރިކަމަށް އައިމާ، ސަރުކާރު ހިންގަން މި މީހުން ބޭނުންވޭ، އެމްޑީޕީ އައިމަ ވެސް، ފެނުނު ދޯ މަޖިލީހުގައި ތިބި ވަރުގަދަ މީހުން ކެބިނެޓަށް ގެންދިޔަ ތަން،" އޭނާ ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާއި ހެޔޮ ވެރިކަމުގެ އިލްމުގެ މައުޟޫއުގައި ތަގުރީރު ކުރައްވާ އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ހިންގަން މަގާމުތަކަށް މެންބަރުންތަކެއް ދާނެ ހާލަތު ތަޖުރިބާ ކުރަން ޖެހުމުން، އޭގެ މާނައަކީ ސަރުކާރެއްގެ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމުގެ ދަހިވެތިކަމުގައި މަޖިލިސް ހުއްޓުވުމުގެ ގަސްތާއި ފުރުސަތު ދޭން ވެސް މެންބަރުންތަކެއް ބޭނުންވާނެ ދުވަސް ވެސް ފެނުން ގާތްވުމެވެ.

"އެއީ ސަރުކާރަކުން ބޭނުން ކަމެއް ކުރަން އޮންނަ ލައިންސަކަށް ވެގެން ނުވާނެ. މާދަމާ ވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންވީމަ، މި ހަ މަސް ދުވަހު ގިނަ މެންބަރުންތަކެއް އޭނައާ އެކު ހުރިއްޔާ، ހަމަ އިސްތިއުފާ ދީފައި، މަޖިލިސް މި ހަ މަސް ދުވަހު ހުއްޓުވާފައި ބާއްވަން ފުރުސަތު އޮވެގެން ނުވާނެ،" އިބްރާ ވިދާޅުވި އެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މި އޮތް ކަންބޮޑުވުމަށް ހައްލު ގެނެވޭނެ އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ތާރީހެއްގައި، އެކުގައި ބޭއްވުމެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖު ބާރު އަޅުއްވަނީ އެ ކަމަށެވެ.

"އެބަ ފެނޭ މައްސަލަތަކެއް، ދަތިތަކެއް، ސަރުކާރަކުން ހިދުމަތް ދޭން ބެލިޔަސް، އަދި މަޖިލީހަކުން ސަރުކާރަށް ފާރަވެރިވާން ބެލިޔަސް، ހަރަދުގެ ގޮތުން ބެލިޔަސް އެންމެ ފައިދާ ބޮޑީ ދެ އިންތިހާބު އެކީ ބޭއްވީމަ. ކައުންސިލް އިންތިހާބު ވެސް އެކީ ބާއްވަންވީ،" ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާނަމަ، މަޖިލީހަށް ކުރިމަތިލާނީ އެ ހިދުމަތުގެ ގަސްތު އޮތް މީހުންނެވެ. ސަރުކާރުގެ މަގާމަށް ދާން ނިންމައިގެން ތިބި މީހުން މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރާނެ އެވެ. މަޖިލިސް އިންތިހާބު ހަމަ ނިމޭ އިރަށް ސަރުކާރުގެ މަގާމަަކަށް، ގޮނޑި ދޫކޮށްލިޔަސް، ދެން އެ އޮންނަ މުއްދަތުގައި ބައި-އިލެކްޝަނެއް ބޭއްވޭނެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވާ ގޮތަށް ބަދަލު ކުރުމަށް ފަހު ދެން އަޅަންވީ ފިޔަވަޅަކީ މަޖިލީހުން މި ފަހުން ޖުމުލަ އަދަދު ގުނަން ނިންމި ގޮތަށް ގާނޫނު އަސާސީ އާއި މުޅި ނިޒާމު ބައްޓަން ކުރުމެވެ. އޭރަށް ސަރުކާރު ހިންގާ ޕާޓީ އަދި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ވެސް ގޮނޑީގައި ދެމިހުރުން މުހިންމު ވާނެ އެވެ.

"މަޖިލީހުން ކަނޑައެޅި ގޮތަށް ޖުމުލަ އަދަދު ގުނުން، އޭރުން ދެން މަޖިލީހުގެ މެންބަރުން ކެބިނެޓަށް ދާން އުޅޭނެ ކަމަށް ނުބެލެވޭ. އޭރަށް ރައީސަކަށް ހުންނަ މީހާ ވެސް އެ ކަމަށް ސަމާލުވާނެ. މަޖިލިސް މެންބަރުން އެ ގޮތަށް އެއްފަހަރާ ކެބިނެޓަށް ނުނެގުންތާ ހައްލަކީ ވެސް،" މިނިސްޓަރުކަމާއި ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޖަމީލު ވިދާޅުވި އެވެ.

މިއީ ފުންކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ. ކަމެއް ތަސައްވުރު ކުރެވޭނީ ވެސް އެ ވަގުތަކު ކުރިމަތީގައި ފެންނަން އޮތް ހާލަތަކާއި މާޒީގައި ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށެވެ. ހާއްސަ މަޖިލީހަށް ކުރިން މި ކަން ތަސައްވުރު ނުކުރެވުނު ނަމަވެސް މި ހާލަތު މިއަދު ކުރިމަތީގައި މި އޮތީ ފެންނާށެވެ. އަދި މާޒީގައި ވެސް މިކަން ވަނީ ތަޖުރިބާ ކުރެވިފަ އެވެ.

ހަ މަސް ދުވަހަށް މި ބެއިންދި ހުސްކަމުން، މުޅި މަޖިލިސް ހުސްކަމަށް ގޮސްދާނެ ކަމުގެ ބިރު ހަމަ އެބަ އޮތެވެ. މި ހާއްސަ އަދި އާ ހާލަތު މެދުވެރިވަނީ ބައި-އިލެކްޝަން މަނާކޮށް ހުސްކޮށް ބައިންދާ ހަ މަސް ދުވަސް، އާ ސަރުކާރެއް އެކުލަވާލާ މީހުން މަގާމުތަކަށް އައްޔަންކުރާ ދުވަސްވަރާ ދިމާވާތީ އެވެ. އިންތިހާބުތަކުގެ ކަންކަން އެހެން ގޮތަކަށް ތަރުތީބު ކުރަން މި އޮތީ ޖެހިފަ އެވެ.