ރައްޔިތުންގެ ވެރިކަމާއި މަޖިލީހުގެ ދައުރު، އާޒިމްގެ ފިހިން!

7 އޮކްޓޯބަރު 2022 - 12:15 0

މުހައްމަދު ނަސީމް

މ

ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތުން އެއްވަނަ އަށް ދިޔަ ކުރެހުން. އާޒިމް ބުނި ގޮތުގައި މިއީ 10 ވަރަކަށް ދުވަހުގެ މަސައްކަތް. ފޮޓޯ: މަޖިލީހުގެ އިދާރާ


ރައްޔިތުންގެ ވެރިކަމާއި މަޖިލީހުގެ ދައުރު، އާޒިމްގެ ފިހިން!

7 އޮކްޓޯބަރު 2022 - 12:15 0

ކުރެހުމުން އެ ދައްކައިދެނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް، އަދި އެ ޖުމްހޫރިއްޔަތު ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ފެތުނު ގޮތް ކަމަށް ވެދާނެ އެވެ. ކުރެހުމުގެ ދެފަރާތު އަރިމަތީގައިވާ ދެ ބޭފުޅުންގެ ތަސްވީރަށް ބަލާފައި ހީކުރެވުނީ އެހެންނެވެ. އެއީ އެންމެ ފަހު ރަސްގެފާނާއި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކުރެއްވި ރައީސް އެވެ.

އެކަމަކު، ޅެމުގެ މާނަ އޮންނާނީ ޝާއިރުގެ ބަނޑުގައޭ ބުނާ ބީދައިން، ކުރެހުމަކުން ފެންނަ މަންޒަރެއްގެ މާނަ ވެސް ތެދަށް އެނގޭނީ ކުރެހުންތެރިޔާ އަށެވެ. މި ކުރެހުމާ ބެހޭ ގޮތުން އއ. ތޮއްޑޫ، ޖަނބުރޯލުގަސްދޮށުގެ، އަލީ އާޒިމް (މަޝްހޫރު ނަމުން ނަމަ ޒިމް) ކިޔައިދޭ ވާހަކަ މުހިއްމު ވަނީ އެހެންވެ އެވެ. ބައިނަލް އަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތުން އެއް ވަނަ ލިބުނީ އާޒިމްގެ މި ކުރެހުމަށެވެ.

ކުރެހުމުން ދައްކައިިދޭން އޭނާ މަސައްކަތް ކުރި މަންޒަރު، އާޒިމް ކިޔައިދިން އިރު، ކުރިން ހީކުރެވުނު ގޮތާ މުޅިން ތަފާތެވެ. ކުރެހުމުން އެ ފެންނަނީ އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ކަންތައްތަކެކެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ބޭއްވި ކުރެހުމުގެ މުބާރާތުން އެއްވަނައަށް ދިއުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާޒިމަށް އިނާމު ދެއްވަނީ.


ކުރެހުމުގެ ވައަތް ފަރާތުގައި ކަޅާއި ހުދުން ސިފަކޮށްފައި އެހެރީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ފެށުމެވެ. ވައަތް ފަރާތު އަރިމަތީގައި އެވަނީ އައް ސުލްތާން މުހައްމަދު ފަރީދުލް އައްވަލުގެ ތަސްވީރެކެވެ. މި ކުރެހުމުގައި އެ ތަސްވީރު ހިމެނީ އެކަމަކު ރަސްކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތަކުން ނޫނެވެ.

"އެންމެ ފުރަތަމަ މަޖިލީހުގެ ރައީސްކަން ކުރެއްވީ ފަރީދު ދީދީ، އެހެންވީމާ ފަރީދު ދީދީ ކުރަހާފައި، ދެން އެހެރީ އޭރުގެ ރައްޔިތުންގެ މަޖީހުގެ ބޭރުން ނަގާފައި ހުރި ފޮޓޯއެއް،" އާޒިމް ބުންޏެވެ.

ކުރީގެ މަންޒަރުތައް ކަޅާއި ހުދުން ކުރެހީ އޭނާ ބުނި ގޮތުގައި އެއީ ވަރަށް ކުރީގެ މަންޒަރުތަކެއްކަން ދޭހަކޮށްދޭށެވެ. އެ ބައިގައި ދެން ފެންނަން ހުރި މަންޒަރަކީ އޭރުގެ މަޖިލީހުގެ ޖަލްސާއަކާއި މިނިވަންކަމާ އެކު އުދުހޭ ދޫނިތަކެކެވެ. އެއީ މިނިވަންކަން ސިފަކޮށްދިނުމަށެވެ.

ކުރެހުމެއްގައި ރައްޔިތުންގެ ވެރިކަން ސިފަކޮށްދޭން އެކަމަކު އާޒިމް ތަންކޮޅެއް ބޮޑަށް ވިސްނަން ޖެހުނެވެ.

"ރައްޔިތުންގެ ވެރިކަން ދައްކުވައިދޭންވެގެން ވަރަށް ބޮޑަށް ވިސްނިން. އަތްތަކެއް ކުރަހާނީ ބާއޭ، ނޫނީ ވޯޓު ލާތަން ކުރަހާނީ ބާއޭ، ވޯޓުފޮއްޓެއް ކުރަހާނީ ބާއޭ[ހިތަށް އެރި]، "އާޒިމް ބުންޏެވެ.

އެއަށް ލިބުނު ރަނގަޅު ހައްލަކީ ރާއްޖޭގެ ގާނޫނު އަސާސީތައް ސިފަކޮށްދޭ މަންޒަރަކާއެކު ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގޭގައި ވެސް ބޭނުންކުރާ މުގުރެއް ކުރެހުމެވެ. އެހެންވެ އާޒިމް ކުރެހީ އެންމެ އަޑީގައި ފުރަތަމަ ގާނޫނު އަސާސީ، މެދުގައި ނޫ ގާނޫނު އަސާސީ އަދި އެންމެ މައްޗަށް މިހާރުގެ ގާނޫނު އަސާސީ އޮންނާނެ ހެންނެވެ. އޭގެ މަތީގައި މުގުރެވެ.

ކުރެހުމުގެ ކަނާތްފަރާތުގައި ކުލަކޮށް ހުރި ބައިގައި އެންމެ ބޮޑުކޮށް ހުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތަސްވީރެކެވެ. އެމަނިކުފާނުގެ ތަސްވީރެއް ހިމެނީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ޝަހުސިއްޔަތެއްގެ ހައިސިިއްޔަތުންނެވެ.

އާޒިމްގެ ކުރެހުމަށް އެއް ވަނަ ލިބުނީ އެ ތަސްވީރުގެ ސަބަބުންނޭ ބުނެ ބައެއް މީހުން ފާޑުކީ ކަމަށާއި އެހެން ނަމަވެސް އެއީ ސިޔާސީ ގޮތުން ކުރާ ތާއީދަކާ ގުޅުވައިގެން ހިމެނި ބައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއްވެސް ވަރަކަށް ޕޮލިޓިކަލް މައުލޫމާތެއް އަޅުގަނޑުގެ ނެތް. އެކަހަލަ މައުލޫމާތު ހުރި އާޓިސްޓަކަށް ކަންނޭނގެ އެކަހަލަ ސިފައެއްގައި ކުރެހުމެއް އެގޮތަށް ކުރެހޭނީ. މިކުރެހުން ކުރަހާފައި އޭނީ ހަމަ އާޓިސްޓެއްގެ ހައިސިއްޔަތުން، މައުލޫ ދިނީމާ މައުލޫއަށް،" އާޒިމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަނަ ލިބުނީ ހަމަ އޭނާ ކޮށްފައިވާ އާޓިސްޓިކް މަސައްކަތަށެވެ. އެއީ ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކޮށްފައިވާ ބުރަ މަސައްކަތެއްކަން، ކުރެހުމަށް ބަލައިލުމުން ވެސް އެނގެ އެވެ. އާޒިމް ބުނި ގޮތުގައި އޭނާ އެ މަަސައްކަތަށް 10 ވަރަކަށް ރޭ ހޭދަކުރި އެވެ.