Advertisement

މަޖިލިސް ހުއްޓުނަސް ކުޑަ އަދަދަކުން އަޒުލު ކުރުން ފަދަ ބޮޑެތި ނިންމުން ނިންމަން ބަންޑާރަ ނައިބު ދެކޮޅު

21 ފެބުރުވަރީ 2024 - 12:58 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ ނިންމުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަނީ - ފޮޓޯ: ސުޕްރީމް ކޯޓު ލައިވް ސްޓްރީމް ވީޑިއޯ ޝޮޓް


މަޖިލިސް ހުއްޓުނަސް ކުޑަ އަދަދަކުން އަޒުލު ކުރުން ފަދަ ބޮޑެތި ނިންމުން ނިންމަން ބަންޑާރަ ނައިބު ދެކޮޅު

21 ފެބުރުވަރީ 2024 - 12:58 0

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓޭނެ ހާލަތަކަށް ދިޔަ ނަމަވެސް ކުޑަ އަދަދަކުން މަޖިލީހުގެ ބޮޑެތި ނިންމުންތައް ނިންމޭ ގޮތަށް މަޖިލީހުގެ މެންބަރުން ގުނާ ގޮތް ބަދަލު ކުރުން ރަނގަޅު ނޫން ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ވަކާލާތުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ތިރިވީ އެވެ.

ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި އެދިފައިވަނީ މަޖިލީހުގެ ޖުމުލަ އަދަދަކީ، އެ ދައުރަކަށް އިންތިހާބު ކުރާ ޖުމުލަ މެންބަރުން ގޮތުގައި ބެލުމަށެވެ.

ރާއްޖޭގެ ޝަރުއީ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ބަންޑާރަ ނައިބުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. މައިގަނޑު ސުވާލުތައް އަމާޒުކުރީ މަޖިލިސް އިންތިހާބާ ދެމެދު ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެނަމަ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ނުކުރަން، ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާއާ ގުޅޭ ގޮތަށެވެ.

މިވަގުތު މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވީ ވެސް، އާ ސަރުކާރުގެ މަގާމުތައް ލިބިގެން ހަތް މެންބަރަކު މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި އިރު ދެން އޮންނަ މަޖިލީހުގެ އިންތިހާބާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް ނެތުމުންނެވެ. މިއީ މިދިޔަ ރިޔާސީ ދައުރުގައި ވެސް ތަޖުރިބާ ކުރި ކަމެކެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ހުސްނުއްސުއޫދުގެ އެއް ސުވާލަކަށްވީ އެ ހަ މަސް ދުވަހުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމް ވެސް ހަމަނުވާ އަދަދަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދެއްވައިފި ހާލަތެއްގައި ކަން ވާނެ ގޮތަކާ މެދުގަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމަކީ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައެވެ.

ބަންޑާރަ ނައިބުގެ ވަކީލު، އަދި އެ އޮފީހުގެ ކައުންސެލަ ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ އެފަދަ ހާލަތެއްގައި މަޖިލީހުގެ ޖުމުލަ އަދަދުން ކޯރަމް ހަމަވާ އަދަދު ނޯންނާނެތީ މަޖިލިސް ހުއްޓޭނެ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު މަޖިލީހުން މާނަކޮށްފައިވާ ގޮތަށް، ގުނާ ނަމަ ގާނޫނުއަސާސީ އިސްލާހު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ފަދަ ބޮޑެތި ނިންމުންތައް ނިންމޭނީ ވަރަށް ކުޑަ އަދަދަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ދެ ފަޅީގެ ހައްގު ވެސް އެބަ ބަލަން ޖެހޭ، ހުސްވެފައިވާ ދާއިރާއެއްގެ ރައްޔިތުން ވެސް ތަމްސީލްވެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ފަދަ ބޮޑެތި ނިންމުންތައް ނިންމަން ވާނީ،" ވަކީލު ވިދާޅުވި އެވެ.

"މިސާލަކަށް މަޖިލީހުގައި ތިބީ 20 މެންބަރުން، ބިލެއް ވެސް ފާސްވާނެ އޭރަށް 11 މެންބަރުންގެ ވޯޓުން، އެހާ ކުޑަ އަދަދަކުން ނިންމާނަމަ މަޖިލީހުގައި ރައްޔިތުންގެ ޖުމުލަ ތަމްސީލެއް ނެތި އެ ނިންމެނީ،" އޭނާ ވިދާޅުވި އެވެ.

މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.

ނަމަވެސް މަޖިލީހުން ޖުމުލަ މެންބަރުންނަކީ 80 މެންބަރުން ކަމަށް ބަލައިގެން ފާސްކޮށްފައިވާ ބައެއް ނިންމުންތަކާއި ބިލުތަކާ މެދު ގާނޫނީ ސުވާލު އުފެދުމުގެ ފުރުސަތު ވެސް އޮތް މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން އެ ކަން ސާފުކޮށްދީފައެއް ނުވެ އެވެ.

މަޖިލީހުގެ ޔައުމިއްޔާތައް ހޯދުމަށް ފަހު ބަންޑާރަ ނައިބު ހުށަހެޅުމުން އެއާ ގުޅިގެން އިތުރު ކަންކަން ސާފު ކުރަން ހުރެއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވަން ޖެހިދާނެ ކަމަށް، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުން، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވީ އެވެ.

މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 56 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުމުގައި އެމްޑީޕީން ވަނީ ރައީސް އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފަ އެވެ. ނަމަވެސް މި މައްސަލަ އަދި މަޖިލީހަށް ހުށަނާޅަ އެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ، އެ މައްސަލަ މަޖިލީހަށް ވައްދާނީ އެ ކަމަށް "އެންމެ ރަނގަޅު" ވަގުތު ޖެހުމުން ކަމަށެވެ.