Advertisement

މާލެ ރީތި ކުރެވޭނީ ޓިޝޫއެއް ވެސް މަގަށް ވައްޓާނުލި ދުވަހަކު: އާޒިމް

1 މާރިޗު 2024 - 11:13 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: މިރާން / އަދަދު


މާލެ ރީތި ކުރެވޭނީ ޓިޝޫއެއް ވެސް މަގަށް ވައްޓާނުލި ދުވަހަކު: އާޒިމް

1 މާރިޗު 2024 - 11:13 1

މާލެ ރީތި ތަނަކަށް ހެދޭނީ މަގުމައްޗަށް ޓިޝޫއެއް ވެސް އުކާނުލާ ދުވަހަކުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ އާޒިމް ވިދާޅުވީ މާލޭގައި ދިރިއުޅޭ ދެ ލައްކަ މީހުންގެ ތެރެއިން ކޮންމެ މީހަކު މަގުމައްޗަށް ޓިޝޫއެއް އުކާލުމުން މުޅިތަން ގޮނޑަކަށްވާނެ ކަމަށާއި ކުނި އުކާލާތަނަކީ ގޭގެ ޑަސްބިނަށް ހެދުމަށް އޭނާ ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

މަގުމަތިން ދާއިރު ކުނިތައް މަގުމައްޗަށް އުކައި ނުލާން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނަށް ގޮވާލައި އާޒިމް ވިދާޅުވީ ދަރިފުޅު ކައިރީ ބަހައްޓައިގެން އެފަދަ ކަންތައް ކުރުމުން ދަރިފުޅަށް ވެސް އެފަދަ ކަންކަން ދަސްކޮށްދެވޭ ކަމަށެވެ.

"ޗެމްޕިއަންޝިޕް ވިން ކުރެވޭނީ ހުރިހާ އެންމެން މަސައްކަތް ކޮށްގެން. ކޮންމެ ދުވަހަކު ހުރިހާ މެޗެއް އެއް އަމާޒަކަށް ކުޅެފިއްޔާ ޗެމްޕިއަންޝިޕް ވިން ކުރެވޭ. އެންމެން އެއް އަމާޒަކަށް މަސައްކަތް ނުކޮށްފިއްޔާމުން އެއް ދުވަހު މޮޅުވާނެ އަނެއް ދުވަހު ބަލިވާނެ. މާލޭ ރައްޔިތުން ކިބައިން އަޅުގަނޑު އެދެނީ މާލެއަކީ ރީތި ތަނަކަށް ހަދަން އެންމެން ހިނގާށޭ މަސައްކަތް ކުރަމާ،" އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ މާލޭގައި އުޅޭ ބިދޭސީން ވެސް މަގުމައްޗަށް ކުނި އަޅާތަން ފެނުމުން އެމީހުންނަށް އެކަން ނުކުރަން ނަސޭހަތްދޭން ޖެހޭ ކަމަށާއި ކަންކަން ހައްލު ކުރެވޭނީ މަޖުބޫރު ނުކޮށް އޯގާތެރިކަމާއެކު ކަންކަން ކޮށްގެން ކަމަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ކުނި އެޅުން ހުއްޓާލުމަށް މިއަދުން ފެށިގެން ވެސް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި ބޭނުންވާ ރީތި މާލެއެއް ލިބޭނީ އެކަންތައްތައް ހުއްޓިގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން ކުރަމުން އަންނައިރު، އެކި ހިސާބުތަކަށް އަޅާފައި ހުންނަ ކުނިތައް ފާހަގަކޮށް ސިޓީ ކައުންސިލުން އަންނަނީ އެ ކުނިތައް ނަގައި ސާފު ކުރަމުންނެވެ.