ެރައްޔިތުންގެ މަޖިލީހުގެ އިދާރާ --ފޮޓޯ: އަދަދު
މަރުވެފައި އޮތް ކަންބަޅިއެއް ހިފައިގެން ފިރުއައުނުގެ ދަރުބާރަށް އައި ނިކަމެތި މުސްކުޅި ފުރައިގެ އަންހެނެކެވެ. އޭނާ ބައްދަލުވީ ފިރުއައުނުގެ އިސްވަޒީރު ހާމާނާ އެވެ. އޭނާ ހާމާނުގެ ކައިރީ ބުންޏެވެ. އަހަރެންގެ ކަލާނގެ ފިރުއައުނާ ބައްދަލުކޮށްލަން ބޭނުމެވެ. ކޮން ކަމަކާތޯ ހާމާނު ސުވާލު ކުރުމުން އަންހެން މީހާ ބުންޏެވެ. އަހަރެން މިއަދު ހެނދުނު ހޭލައިގެން ބެލިއިރު އަހަރެންގެ ކަންބަޅި އޮތީ މަރުވެފަ އެވެ. އަހަރެން އޭތި ހިފައިގެން އަހަރެންގެ ކަލާނގެ ކައިރިއަށް މިއައީ އޭތި ދިރުވުމަށްޓަކަ އެވެ. ހާމާނު ވަރަށް ވިސްނުންތެރިކަމާއެކު މަޑުކޮށްލާށޭ ބުނުމަށް ފަހު އެތެރެއަށް ވަދެފައި, ދިރިއޮތް ކަންބަޅިއެއް ހިފައިގެން ނުކުމެ އަންހެން މީހާއަށް ދީފައި ބުނެފި އެވެ. ވަރަށް ދެރަ އެވެ. މިއަދަކީ ފިރުއައުނު މާބޮޑަށް ކަމަކާ މަޝްއޫލުވެގެން އުޅުއްވާ ދުވަހެކެވެ. ފިރުއައުނު މިއަދު އުޅުއްވަނީ ޖަމަލު ޚަލްޤުކުރެއްވުމުގަ އެވެ. އެހެން ވީމާ ތިޔަ ކަހަލަ ކުޑަ ކަންބަޅިއެއްގެ ކަންތަކުގައި ފިރުއައުނަށް ދަންނަވާކަށް ނުކެރޭނެ އެވެ. މިދިރި އޮތް ކަންބަޅި ހިފައިގެން ކަމަނާ އަވަހަށް މިތަނުން ދާށެވެ.
ދުވަހުގެ އިރު އޮއްސޭހާއިރު, ފިރުއަނު ހާމާނާ ބައްދަލުވުމުން މިއަދުގެ ހަބަރުތަކަކީ ކޮބާތޯ ހާމާނާ ސުވާލުކޮށްފި އެވެ. ހާމާނު ފިރުއައުނަށް ބުންޏެވެ. މިއަދު ވަރަށް އާދަޔާ ހިލާފު ކަމަކާ ދިމާވި އެވެ. މަރުވެފައި އޮތް ކަންބަޅިއެއް ހިފައިގެން އަންހެނަކު އައެވެ. އެ އަންހެން މީހާ އެދުނީ މަނިކުފާނާ ބައްދަލުކޮށްދޭށެވެ. އަދި އެ ކަންބަޅި ދިރުވައިދިނުމަށް އެކަމަނާ އެދުނެވެ. މި ހަބަރު އަހާފައި ފިރުއައުނު ބިރުން ރޫރޫލައިގަތެވެ. އަދި ބުންޏެވެ. ދެން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟
ހާމާނު ބުންޏެވެ. މަނިކުފާނު އެއްވެސް ކަމަކާ ހާސްވާނެ ކަމެއް ނެތެވެ. އަހަރެން ހެދި ގޮތަކީ ދިރި އޮތް ކަންބަޅިއެއް އެކަމަނާއަށް ދިނީ އެވެ. އަދި ބުނީމެވެ. ފިރުއައުނު އުޅުއްވަނީ ޖަމަލު ހެއްދެވުމުގައި މާބޮޑަށް މަޝްއޫލުވެގެންނެވެ. އެހެން ވީމާ ތިޔަ ކަހަލަ ކުޑަ ކަންބަޅިއެއްގެ ކަންތަކުގައި ފިރުއައުނަށް ދަންނަވާކަށް ނުވާނެ އެވެ. ފިރުއަނު އެހިނދު މޭފުއްޕާލާފައި ހާމާނަށް ބުންޏެވެ. އޭ ހާމާނެވެ! ޖަމަލު ޚަލްޤުކުރުމުގައި ހުންނަ އުނދަގޫކަން ތިބާއަށް އެނގޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އެހިނދު ހާމާނު ބުނިކަމުގައިވެ އެވެ. މި ހާމާނުގެ މައްޗަށް ވެސް ތޯއެވެ؟
ދެން އެހެން ވާހަކައެއް ވިދާޅުވާށެވެ! އަންނަމްލު ސޫރަތުގައި ބަޔާންވެފައިވާ ބަލްޤީސް ރަނިންގެ ވާހަކަ އެވެ. ބަލްޤީސް ރަނިންނަށް އިސްލާމްކަމުގެ ދައުވަތު ދެއްވައި, މާތް ނަބިއްޔާ ސުލައިމާންގެފާނު ސިޓީފުޅު ފޮނުއްވުމުން އެކަމަނާ ހެއްދެވި ގޮތެވެ. އަންނަމުލު ސޫރަތުގެ 32 ވަނަ އާޔަތުގައި އެވަނީ އެވެ. "އެކަމަނާ ވިދާޅުވި އެވެ. އޭ ގައުމުގެ ބޮޑުންނޭވެ! އަހުރެންގެ މިކަންތަކުގައި ތިޔަބައި މީހުންނަށް ފެންނަ ގޮތް އަހުރެންނަށް ބުނެދޭށެވެ! ތިޔަބައި މީހުން ހާޒިރުވެ މަޝްވަރާ ދިނުމުން މެނުވީ އަހުރެން ގޮތެއް ކަނޑައެއް ނާޅާނަމެވެ."
މި ދެ ވާހަކައިގެ ތެރެއިން ކޮންމެ ވާހަކައަކުން ވެސް ފެންނާނީ އިންސާނެއްގެ ހުރި ގޮތެކެވެ. ތަބީއަތެކެވެ. އޭގެ އިތުރުން ވެރިކަން ހިންގުމުގެ ނިޒާމެއްގެ ބާވަތެކެވެ. ފިރުއައުނު އާއި ހާމާނާ ދެމެދު ހިނގާދިޔަ ހާދިސާއިން އެ ފެންނަނީ ކަމުނުދާ ސިޔާސީ ލީޑަރެއްގެ އެންމެ މަތީ ދަރަޖައިގެ ރޭވުންތެރި ކަމާއި މަކަރުހީލަތެވެ. މަވަންތަކަމާއި ބޮޑާކަމުގެ އިންތިހާއެވެ. އެފަދަ ލީޑަރުން އެ މީހުންގެ ރައްޔިތުންނަށް އޮޅުވާލާ ފަދައިން އޭނާގެ ޓީމުގައި އޭނާގެ ބާރުވެރިކަން ނަގަހައްޓައިދިނުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ އެންމެ ގާތް މީހާގެ މައްޗަށް ވެސް ދައްކާނީ ކިބުރުވެރިކަމުގެ ގޮތްތަކެވެ.
ދެން ދެވަނަ ވާހަކައަށް ނަޒަރެއް ދެއްވާށެވެ! ބަލްޤީސް ރަނިންނަކީ ޤުރުއާނުގައި ބަޔާންވެފައިވާ ލީޑަރުންގެ ތެރެއިން އެމީހެއްގެ ދަށުގައި ތިބި އެންމެން ދެ ދުނިޔޭގެ ބާއްޖަވެރިކަމާ ދިމާއަށް ގެންގޮސް ދެއްވި ކާމިޔާބު ލީޑަރެވެ. އެ ކަމަނާގެ ލިޑަޝިޕްގެ މުޅި ތަބީއަތް ބިނާކޮށްފައި އެއޮތީ ކަމުވޮށިގެންވާ މީސްމީހުންނާ މަޝްވަރާކޮށްގެން ވެރިކަން ހިންގުމުގެ މައްޗަށެވެ. ރައްޔިތުންގެ މައްޗަށް ތިމާގެ މަމޮޅުކަން ދެއްކުމުގެ ބަދަލުގައި, އިންސާނީ ޖަމާއަތަކައިގެން ވެރިކަން ކުރުމުގައި އެ ޖަމާއަތުގެ ބައިވެރިވުން ޝާމިލުވެފައިވާ ގޮތެއްގެ މަތީން ވެރިކަން ހިންގުމަށެވެ.
ކުރިމަތީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ކުރިޔަށް ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވާ ދައުވަތަކީ ވޯޓުލާން ތިބި މީހުންގެ ގޮތްބާވަތް ދެނެގަތުމުގެ ދައުވަތެވެ. ކުރިމަތިލާ މެންބަރަކީ ކޮން ކުލައެއްގެ ނުވަތަ ކޮން ޕާޓީއެއްގެ މެންބަރެއްތޯ ނުވަތަ މި ސަރުކާރު މެންބަރެއްތޯ ކުރީ ސަރުކާރު މެންބަރެއްތޯ ބެލުމުގެ ބަދަލުގައި އޭނާގެ ސިޔާސީ މިޒާޖު ދެނެގަތުމުގެ ދައުވަތެވެ.
ތިމާއަށް ވޯޓުލީ މީހާ ހަނދާން ނެތި ވޯޓުލީ މީހުންގެ މައްޗަށް ބޮޑާވެގަނެ ދާއިރާގެ ގޮނޑިއަކީ ތިމާގެ އަމިއްލަ މުދާގަނޑަކަށް ހަދައި, އެއިން ވިޔަފާރިކުރަން ފަށަނީ އޭނާއަކީ ވަކި ޕާޓީއެއްގެ މީހަކަށް ވެގެންނެއް ނޫނެވެ. އަދި ވަކި ކުލައެއްގެ ސިޔާސީ ވިސްނުން އޭނާގައި ހުރެގެންނެއް ނޫނެވެ. އަދި މެންބަރުކަން އަދާކުރުމުގައި ވޯޓު ދިން މީހުންގެ މަޝްވަރާ އާއި ލަފާ އަބަދުވެސް އަހައި, ރައްޔިތުންނަށް ލާބަޔާއި މަންފާ ހުރީ ކޮން ކަމަކުންތޯ ވިސްނާ ފިކުރުކޮށް އެ މަގަށް މެންބަރު ކަން ކުރަނީ ވެސް އެ މެންބަރަކީ ކޮންމެހެން ސަރުކާރުގެ މެންބަރަކަށް ވެގެން ނުވަތަ ނުވެގެންނެއް ވެސް ނޫނެވެ. ހުރިހާ ވެސް ކަމަކީ, އެ މީހެއްގައި ހުންނަ ގޮތެވެ. އެމީހެއްގެ މިޒާޖެވެ. އެމީހާގެ ހުރި ސިފައެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަމަ އެންމެ ކަމަކަށް ސަމާލުކަން ދެއްވިޔަސް, ވަރަށް ބޮޑު ތަނުން ދިވެހިންގެ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުގައި މިދިޔަ ހަފުތާގައި ވެސް އަޅުގަނޑު ދެންނެވީމެވެ. އަދި އެ ގޮތުން ވޯޓު ދޭ މީހާ އަކީ ތެދުވެރިއެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރީމެވެ.
ދިވެހި ލޮބުވެތި ރައްޔިތުންނޭވެ! އެކުވެރި ހާމާނަށް ވެސް ދޮގުހަދާ ނުވަތަ އޮޅުވާލާ މަކަރު ހަދާ މީހަކުކަން ޔަގީން ކަށަވަރުވާ މީހަކަށް ވޯޓު ނުދެއްވާށެވެ! އޭގެ ބަދަލުގައި ކަންކަމުގައި މަޝްވަރާކުރުމާއި އަނެކުންގެ ރައުޔާއި އިރުޝާދަށް އިހުތިރާމުކުރާ މީހާއަށް އިސްކަންދޭށެވެ!
ދެދުނިޔޭގެ ބާއްޖަވެރިކަމާ ދިމާއަށް މިސްރާބުކޮށްދޭނޭ ކޮންމެ ލީޑަރެއްގައި ހުރުން އެންމެ އެދެވިގެންވާ ސިފައަކީ މަޝްވަރާކުރުމުގެ ސިފައެވެ. ރައްޔިތުންގެ މަޖިލީހަކީ އޭގެ ޒާތުގައި ދިވެހިންގެ ކަންކަން ދިވެހިންގެ މަޝްވަރާގެ މަތީން ކުރުމުގެ ބޭނުމުގައި ދިވެހިން އެބައިމީހުންގެ ގާނޫނު އަސާސީން އުފައްދާފައި އޮތް ތަނެކެވެ. އެސިފަ އޭގެ ޒާތުން ނެތް މީހަކީ އެތަނުގެ މަސްއޫލިއްޔަތު އުފުލުމަށް ކުފޫ ހަމަވާނެ މީހެއް ނޫނެވެ. އަދި އެސިފަ އަމުދުން ނެތިފައި, ތިމާގެ އެންމެ ގާތުގައި ހުންނަ މީހާއަށް އޮޅުވާލައި އުޅޭ މީހުން އެއީ އެތަނާ ކައިރި ކުރުން އެއްވެސް ގޮތަކަށް ހެޔޮވާނޭ ބާވަތަކުގެ ބައެއް ނޫނެވެ.
ސިޔާސީ ވިސްނުމާއި ސިޔާސީ ރޭވުންތެރިކަމަކީ މަކަރާއި ހީލަތާއި އިޔަހޫދިކަންކަމުގައި ގަބޫލުކުރެވިފައި އޮންނަ އޮތުން ނިމުމަކަށް އަންނަންޖެހެ އެވެ. އަދި އެކަން ނިމުމަކަށް ގެނައުމުގެ ފެށުމަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ އިންތިހާބުކަމުގައި ހެދޭނީ ރައްޔިތުން އެކަން އެގޮތަށްވުމަށް ބޭނުންވުމުންނެވެ.
Comment