Advertisement

ރޯދަމަހު އިންތިހާބު ބޭއްވުން މަނާވުމުން، އާ ތާރީހެއް ކަނޑައަޅަން އީސީގެ ކުއްލި ބައްދަލުވުމެއް

29 ފެބުރުވަރީ 2024 - 21:43 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ރޯދަމަހު އިންތިހާބު ބޭއްވުން މަނާވުމުން، އާ ތާރީހެއް ކަނޑައަޅަން އީސީގެ ކުއްލި ބައްދަލުވުމެއް

29 ފެބުރުވަރީ 2024 - 21:43 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގުކުރުމުން އިލެކްޝަން ކޮމިޝަން (އީސީ)އިން ކުއްލި ބައްދަލުވުމެއް ފަށައިފި އެެެވެ.

އެނގިފައިވާ ގޮތުގައި އީސީން މިހާރު ފަށައިގެން ކުރިއަށް ގެންދާ ބައްދަލުވުމުގައި ނިންމާނެ އެންމެ މުހިއްމު ކަމަކީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާނެ އާ ތާރީހެއް ކަނޑައެޅުމެވެ.

ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް މަޖިލީހުން އިއްޔެ ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިރޭ އެވެ.

މިގާނޫނު ތަސްދީގުކުރި އިރު އިލެކްޝަނުން ވަނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ދުވަހަކީ މިހާރު ވެސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މާޗު 17، ކަމަށެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ހަތްވަނަ ދުވަސް ކަމަށްވާތީއާ އެ ދުވަސްވަރަކީ ސްކޫލްތަކުގެ މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރު ކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެ ކަންބޮޑުވުންތަކާ އެކު އިލެކްޝަނުން ހުށަހެޅީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުން ދެ ހުށަހެޅުމެއް އެ ދުވަހު މަޖިލީހަށް އީސީން ހުށަހެޅި އެވެ.

އިސީން ހުށަހެޅި ފުރަތަމަ ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް 9، ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ އެވެ.

އީސީން ހުށަހެޅި ދެވަނަ ގޮތަކީ އިންތިހާބު އިއުލާނުކުރަންޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އިންތިހާބު އަވަހަށް ބޭއްވުމުގެ ފުރުސަތު އީސީއަށް ލިބޭނެ އެވެ.

އެ ހުށަހެޅުން އިލެކްޝަނުން ހުށަހެޅީ ރައީސް އެދިވަޑައިގަތުމުން ކަމަށް ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ރައީސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަމުން ކަމަށެވެ.