Advertisement

އިންތިހާބު ރޯދަމަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކޮށްފި

29 ފެބުރުވަރީ 2024 - 20:31 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


އިންތިހާބު ރޯދަމަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކޮށްފި

29 ފެބުރުވަރީ 2024 - 20:31 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މި ބިލު ތަސްދީގު ކުރެއްވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފަޔާއެކު ކަމަށެވެ.

ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުނުކޮށް، އަލުން މަޖިލީހަށް ފޮނުވާލާފައި ވަނިކޮށް، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރައީސް މުއިއްޒު މިހާރު އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ބިލް ތަސްދީގު ކުރެއްވުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

އުތުރުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ގުޅައި ނުރަސްމީކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް އެބޭފުޅުން ނުރަސްމީކޮށް އެއްސެވީމާ ދެންނެވިން, މީގެ ދުވަސްކޮޅެއް ކުރިން ހިނގި ކަމެއް މިއީ، އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވަދޭށޭ. އެއް ދުވަސް ކުރިން ވިޔަސް ވަރިހަމަޔޭ ބާއްވާށޭ. ދެން އެ ބޭފުޅުން [ކޮމިޝަނުން] އެދުނީ މަޖިލީހުގައި," ރައީސް ވިދާޅުވި އެވެ.

މަޖިލިސް ބާއްވާނެ ތާރީހަކާ ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ހާޒިރުު ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު، 21 ގަ އެވެ.

އިލެކްޝަނުން ވަނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ދުވަހަކީ މިހާރު ވެސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މާޗު 17، ކަމަށެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ހަތް ވަނަ ދުވަސް ކަމަށްވާތީއާ އެ ދުވަސްވަރަކީ ސްކޫލްތަކުގެ މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރު ކަމަށް ވާތީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އިދިކޮޅު އެމްޑީޕީ އަދި ޑެމޮކްރޭޓްސްއިން ވެސް ވަކާލާތު ކުރަނީ އިންތިހާބު ރޯދަ މަހުގެ ފަހަށް ބަދަލުކުރުމަށެވެ.