Advertisement

ރައީސްއަކަށް ހުންނެވީ ގާނޫނުން ބަނދެވިފައި ނުވާ ރަސްކަލެއް: ފައްޔާޒް

29 ފެބުރުވަރީ 2024 - 18:39 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްޑީޕީ ޗެއާމަން ފައްޔާޒް: ފައްޔާޒް ވިދާޅުވީ ވެރިކަމުގައި ހުންނެވި ޑިމޮކްރަސީގެ މަހްފޫމު ބަލައިނުގަންނަ، ގާނޫނު ނުހިނގާ ބޭފުޅެއް ކަމަށް -- ފޮޓޯ: އެމްޑީޕީ


ރައީސްއަކަށް ހުންނެވީ ގާނޫނުން ބަނދެވިފައި ނުވާ ރަސްކަލެއް: ފައްޔާޒް

29 ފެބުރުވަރީ 2024 - 18:39 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގާނޫނު ހިނގާ ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނު ގެންގުޅުއްވަނީ ރަސްކަމުގެ ހަމަތައްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސިފަކުރައްވައިފި އެވެ.

ފައްޔާޒު "އަދަދު"އަށް ވިދާޅުވީ، ގާނޫނު އަދި ތިންބާރު ވަކިވެފައި އޮންނަ މަހްފޫމާއި މިނިވަން މުވައްސަސާތަކުގެ ބޭނުމާއި، ޑިމޮކްރަސީއެއްގެ މިނިވަންކަން މި ސަރުކާރަށް ނޭނގޭކަން ފާހަގަވާ ކަމަށެވެ.

"[އެމަނިކުފާނު] ހަމަ ގަބޫލުފުޅުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނެވުމަކީ ގާނޫނުން ބަނދެވިފައި ނުވާ، ރަސްކަލެއްގެ ބާރުތައް ލިބިފައިވާ ފަރާތެއްކަމަށް" ފައްޔާޒް ވިދާޅުވި އެވެ.

ރޯދަމަހު އިންތިހާބު ބޭއްވުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއާއި ސަރުކާރާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ނުކޮށް، އަލުން މަޖިލީހަށް ފޮނުވާލާފައި ވަނިކޮށް، އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އަދިވެސް އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ، ގާނޫނާއި މިއަދު ސުޕްރީމްކޯޓުން ކުރި ހުކުމް ސާފް ކަމަށާއި، މުޅިންވެސް ފެންނަނީ ގާނޫނު އަސާސީއަށް އިހްތިރާމްކުރުމެއް ނެތި ގޮންޖައްސަވާތަން ކަމަށެވެ.

މަޖިލިސް ބާއްވާނެ ތާރީހަކާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އެންމެ ފަހުން ހާޒިރުު ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު، 21 ގަ އެވެ. އެދުވަހު އިލެކްޝަނުން ވަނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ދުވަހަކީ މިހާރު ވެސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މާޗު 17، ކަމަށެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ހަތްވަނަ ދުވަސް ކަމަށްވާތީއާ އެ ދުވަސްވަރަކީ ސްކޫލްތަކުގެ މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރު ކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެ ކަންބޮޑުވުންތަކާ އެކު އިލެކްޝަނުން ހުށަހެޅީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުން ދެ ހުށަހެޅުމެއް އެ ދުވަހު މަޖިލީހަށް އީސީން ހުށަހެޅި އެވެ.

އިސީން ހުށަހެޅި ފުރަތަމަ ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް 9، ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ އެވެ.

އީސީން ހުށަހެޅި ދެވަނަ ގޮތަކީ އިންތިހާބު އިއުލާނުކުރަންޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އިންތިހާބު އަވަހަށް ބޭއްވުމުގެ ފުރުސަތު އީސީއަށް ލިބޭނެ އެވެ.

އެ ހުށަހެޅުން އިލެކްޝަނުން ހުށަހެޅީ ރައީސް އެދިވަޑައިގަތުމުން ކަމަށް ވިދާޅުވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ރައީސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަމުން ކަމަށެވެ.