Advertisement

ޖެނުއަރީގައި ސިއްހީ ހިދުމަތްތައް ފިޔަވައި ހުރިހާ ދާއިރާއަކުން ތަކެތީގެ އަގު ދަށަށް

29 ފެބުރުވަރީ 2024 - 13:56 0

އަމަން ހަލީމް

އަމަން ހަލީމް

ހޮސްޕިޓަލެއްގެ ވޯޑެއްގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހަަރަކާތްތެރިވަނީ: ސިއްހީ ދާއިރާގެ އަގުތައް މަތިވާން މެދުވެރިވީ ބައެއް އާލާތްތަކާއި އައުޓުޕޭޝަންޓު ފަރުވާގެ އަގު މަތިވުމުން -- އަދަދު ފައިލް ފޮޓޯ


ޖެނުއަރީގައި ސިއްހީ ހިދުމަތްތައް ފިޔަވައި ހުރިހާ ދާއިރާއަކުން ތަކެތީގެ އަގު ދަށަށް

29 ފެބުރުވަރީ 2024 - 13:56 0

ހުސްވި އަހަރުގެ ޑިސެމްބަރު މަހަށް ވުރެ މި އަހަރުގެ ޖެނުއަރީގައި ޖުމްލަ އިންފްލޭޝަން 0.17 ޕަސެންޓު ދަށްވެފައިވާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު މި އަހަރުގެ ފުރަތަމަ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފި އެވެ.

އެންމެ ފަހުގެ ސީޕީއައި ރިޕޯޓުގައިވާ ގޮތުގައި ހުސްވި މަހުގެ ތެރޭގައި އަގު އެންމެ ބޮޑަށް ދަށްވާން މެދުވެރިވީ ފެނާއި ކަރަންޓާއި ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު (އެޕްލަޔަންސް)ގެ އިތުރުން މޭވާ އާއި ތަރުކާރީގެ އަގު ދަށްވުމުން ކަމަށެވެ. ޖުމުލަކޮށް ބަލާއިރު ސިއްހީ ފަރުވާގެ ދާއިރާ ފިޔަވައި ސީޕީއައިގައި ބަލައި މައިގަނޑު އެހެން ހުރިހާ ދާއިރާއެއްގެ އަގުތައް ޖެނުއަރީއަށް ވުރެ ދަށެވެ.

ސިއްހީ ދާއިރާގެ އަގުތައް އުފުލުނީ އެނދުމަތިވެފައިވާ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އުފައްދާ އެސިސްޓިވް އުފެއްދުންތަކުގެ އަގު 4.6 ޕަސެންޓު އުފުލި، އައުޓްޕޭޝަންޓު ހިދުމަތުގެ އަގު 1.7 ޕަސެންޓު މަތިވުމުންނެވެ. ޖުމްލަކޮށް ބަލާއިރު ސިއްހީ ދާއިރާގެ އަގުތައް އުފުލުނީ 1.5 ޕަސެންޓެވެ.

އަގު އެންމެ ބޮޑަށް ދަށްވީ ދާއިރާތައް

  • ފަރުނީޗަރާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު - 1.5- ޕަސެންޓު
  • މުވާސަލާތީ ހިދުމަތްތައް - 0.4- ޕަސެންޓު
  • ކުއްޔާއި ފެނާއި ކަރަންޓާއި ތެލާއި އެހެނިހެން ހަކަތައިގެ ބާވަތްތައް - 0.3- ޕަސެންޓު
  • ދަތުރުފަތުރު - 0.3 ޕަސެންޓު
  • އަންނައުނާއި ފައިވާނާއި ބޫޓު - 0.2 ޕަސެންޓު

މަހުން މަހަށް އަގުތައް ދަށްވީ ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅައިބަލައިއިރު މި އަހަރުގެ ޖެނުއަރީގައި ގިނަ ދާއިރާތަކުގެ އަގުތައް ހުރީ އުފުލިފަ އެވެ.

އެގޮތުން ވޭތުވި އަހަރުގެ ތެރޭގައި އެންމެ އަގު މަތިވީ ކާބޯތަކެއްޗާއި ރޯމަހުންނެވެ. ރޯމަހުގެ އަގު 7.4 ޕަސެންޓު އުފުލިފައިވާއިރު، ކާބޯތަކެތީގެ އަގު 4.6 ޕަސެންޓު އުފުލުނެވެ. އޭގެ އިތުރުން އިންޝުއަރެންސާއި މާލީ ހިދުމަތްތަކުގެ ދާއިރާގެ އަގުތައް ވެސް ފަސް ޕަސެންޓު މައްޗެވެ.

އަހަރުން އަހަރަށް ބަލައިއިރު ޖުމްލަ އިންފްލޭޝަން ހުރީ 0.8 ޕަސެންޓު މަތިވެފަ އެވެ.