29 ފެބުރުވަރީ 2024 - 11:23 1
އާމިނަތު ނިއުޝާ
މޯލްޑިވިއަންގެ ސީޕްލޭނެއް: ސަރުކާރުން ބުނަނީ މާދަމާ އެއާ އެމްބިއުލާންސް ހިދުމަތް ފަަށާނެ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
29 ފެބުރުވަރީ 2024 - 11:23 1
ކުއްލި ހާލަތުގައި ބަލި މީހުން އުފުލަން އެތެރޭގެ އެއާ އެމްބިއުލާންސްގެ އުދުހުންތަކަށް ބޭނުންކުރާނީ އެކަމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސީޕްލޭންއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާނީ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓަކާއި، ސީޕްލޭނެއް ކަމަށެވެ.
"ސީޕްލޭން ބޭނުންކުރާނީ ދުވާލުގެ ގަޑީގައި [އެކަނި]. ސީޕްލޭންގެ އެޑުވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެތީ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސީޕްލޭން އަދި ޑޭޝް-8 މަރުކާގެ ބޯޓު ވެސް ބޭނުންކުރަން ފަށާނީ އެއާއެމްބިއުލާންސެއް ގޮތަށް އެތެރެ ބަދަލުކޮށްގެން ކަމަށެވެ.
އިއްޔެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ފުރަތަމަ ފަހަރަށް މި އެއާއެމްބިއުލާންސްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކާލާފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކްސްގައި މިކަމާ ގުޅޭގޮތުން ކުރި ޕޯސްޓު ޑިލީޓުކުރައްވާފަ އެވެ.
މިކަމުގެ ތަފްސީލު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، އެއާޕޯޓެއް ނެތް ނުވަތަ އެއާޕޯޓާ ދުރު ރަށްރަށުން އެމެޖެންސީކޮށް މާލެ ގެންދަން ޖެހޭ ބަލިމީހުން އުފުލުމަށް ސީޕްލޭނެއް ބޭނުންކުރާނެ ކަމަށެވެ.
"މި ތައާރަފްކުރެވިގެންދާ ހިސާބުން ރައްޔިތުންނަށް، ރައްޔިތުންގެ ކްރިޓިކަލް ހާލަތްތައް ދިމާވާ ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެން ދާނެ، އެ ފަރުވާދޭން ނަގާ ވަގުތު ކުރުވެގެން ދިޔައިމަ" މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.
އެއާ އެމްބިއުލާންސްގެ ދަތުރުތައް ރާއްޖެއިން ބޭރަށްވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ، ލަންކާ އަދި ތައިލޭންޑަށެވެ. އިންޑީއާ އާއި ލަންކާއަކީ އެއް ދަތުރުން ދެވޭނެ ގައުމުތަކަށް ވާއިރު، "ސްޓޮޕަކަށް ފަހު" ތައިލޭންޑަށް ވެސް ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Comment