Advertisement

ވޮލީ އިންތިހާބެއް ބާއްވައި އާ ރައީސަކާ އެކު އަވަހަށް ކުރިއަށް ދިއުން މުހިންމު

29 ފެބުރުވަރީ 2024 - 10:37 0

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ރަނޭ.--- ފޮޓޯ: އަދަދު


ވޮލީ އިންތިހާބެއް ބާއްވައި އާ ރައީސަކާ އެކު އަވަހަށް ކުރިއަށް ދިއުން މުހިންމު

29 ފެބުރުވަރީ 2024 - 10:37 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) މަގާމުން އިސްތިއުފާ ދިނުމަށް ފަހު، އާ އިންތިހާބެއް ބާއްވައި، ރައީސެއް ހޮވައިގެން، އަވަހަށް އެސޯސިއޭޝަންގެ ކަންކަން ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވިދާޅުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން، ރަނޭ ވަނީ ވީއޭއެމްގެ ރައީސްގެ މަގާމުން، 1 މާޗް އިން ފެށިގެން އިސްތިއުފާ ދޭން ނިންމާފައިވާކަން ވޮލީ އެސޯސިއޭޝަނަށް ސިޓީ އަކުން އަންގައިފަ އެވެ.

ވަޒީފާގެ ގޮތުން، އަބޫދާބީ އަށް ދިރިއުޅުން ބަދަލުކުރަން ޖެހޭތީ، މަގާމުން އިސްތިއުފާ ދޭން ނިންމެވި ރަނޭ ވަނީ، މަގާމުގައި ހުރެ ހާސިލްކުރެވުނު ގިނަ ކަންތައްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އިންތިހާބުވި ރަނޭ، ދައުރުގައި ބާކީ އެއް އަހަރު އޮއްވައި އިސްތިއުފާދިންއިރު، އޭނާ އަށް މަގާމުގެ ފަހު ދުވަސްތައް ވީ ގޮންޖެހުން ބޮޑު ކަންތައްތަކަކަށެވެ.

ރަނޭ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ވޮލީ ކުޅުމުގެ ކަންކަން ކުރިއަރުވަން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްދެވުނުއިރު، އެސޯސިއޭޝަން ހިންގުމުގައި ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވިދިޔަ އެވެ.

އޭގެއިން އެންމެ ބޮޑު ކަންތައްތަކަކީ، އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި އަހަރީ އާންމު ޖަލްސާތައް ގަވާއިދުން ބޭއްވުމަކީ ނުވެ އޮތް ކަންތައްތަކެވެ. މީގެއިން ބައެއް ކަންކަން ފުރިހަމަ ނުވެ އަހަރުތަކެއް ވެފައިވާތީ، ވޮލީ އެސޯސިއޭޝަންގެ ނަން އުވާލާ ޖަމިއްޔާތަކުގެ ލިސްޓަށް ވެސް އެރި އެވެ. އެކަމަކު، މިދިޔަ ސަރުކާރުގައި އާންމުކުރި އެ ލިސްޓް ބާތިލް ކުރަން ފަހުން، ސްޕޯޓްސް މިނިސްޓްރީން ނިންމީ، ބައެއް ކަންކަން އިސްލާހު ކުރަން ޖެހޭތީ އެވެ.

އެކަމަކު، ވޭތުވެދިޔަ ހަތަރެއް ނޫނީ ފަސް މަސް ތެރޭ ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން، އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ އިތުރުން، އަހަރީ އާންމު ޖަލްސާގެ ކަންކަން ވެސް އޮތީ ނިންމައި، ކަލަންޑަރެއް ވެސް މި އަހަރަށް އިއުލާނުކޮށްފަ އެވެ.

"އެހެންވީމަ، އަޅުގަނޑު ބޭނުންވަނީ ވޮލީގެ އާ ރައީސަކު އަވަހަށް އިންތިހާބުވެ، އެސޯސިއޭޝަންގެ ކަންކަން ހިންގައިގަންނަން، އާ އަސާސީ ގަވާއިދު އެ އޮތީ، ދެން އަންނަ ރައީސަކަށް ވެސް ފަސޭހަވާނެ ގޮތަށް،" ރަނޭ ވިދާޅުވި އެވެ.

ވޮލީ އެސޯސިއޭޝަންގެ އާ އަސާސީ ގަވާއިދު ފާސް ކުރުމުގައި ވެސް އުނދަގޫ މަރުހަލާތަކެއް ދިޔަ އެވެ. އެ ގޮތުން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އާއި އޮލިމްޕިކް ކޮމިޓީއާ ވެސް މަޝްވަރާ ކުރުމަށް ފަހު، އެންމެ ފަހުން، ކްލަބްތަކުން ފާސްކުރި އަސާސީ ގަވާއިދު ވަނީ ސްޕޯޓްސް ކޮމިޝަނަރު އޮފީހުން ވެސް ފާސްވެފަ އެވެ.