Advertisement

ޕީޖީ ޝަމީމުގެ އަތުލިޔުން ފޮންޓު "މަގޭ ހުސޭނު" ލޯންޗުކޮށްފި

29 ފެބުރުވަރީ 2024 - 09:41 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

"މަގޭ ހުސޭނު" ފޮންޓު ލޯންޗުކުރުން -- ފޮޓޯ؛ އަދަދު


ޕީޖީ ޝަމީމުގެ އަތުލިޔުން ފޮންޓު "މަގޭ ހުސޭނު" ލޯންޗުކޮށްފި

29 ފެބުރުވަރީ 2024 - 09:41 1

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ އަތުލިޔުން ފޮންޓު ކަމަށްވާ "މަގޭ ހުސޭނު" އިއްޔެ ލޯންޗުކޮށްފި އެވެ.

މާލޭ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮންޓު ލޯންޗުކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ.

"މަގޭ ހުސޭނު" ފޮންޓަކީ ދިވެހި އުފެއްދުމެއް ކަމަށްވާއިރު، މި ފޮންޓު ޑިޒައިންކޮށް، ކުރަހައި އަދި ފޮންޓުގެ ޑިޖިޓަލް މަސައްކަތްތައް ވެސް ކުރީ ދިވެހިންނެވެ.

މި ފޮންޓާ ގުޅޭ ގޮތުން ޕީޖީ ޝަމީމު ވިދާޅުވީ، ފޮންޓުގެ ފަންނީ މަސައްކަތްތައް ކުރި ލޫޕްކްރާފްޓް ޕްރައިވެޓް ލިމިޓެޑަށް އަދި މުޅި ފޮންޓު ކިޔަން ފަސޭހަވާނެ ގޮތަށް ބެހެއްޓުމާ ގުޅޭ ގޮތުން އޭނާގެ އަނބިކަނބަލުން މަރްޔަމް ސަމްރާ އާދަމް ސަލީމްއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ޝަމީމްގެ ބައްޕަ އަލްމަރުހޫމް މުހައްމަދު ޝަމީމްއަކީ "ހަވީރު" ނޫސް އަތުން ލިޔުއްވައިގެން ނެރުއްވި ބޭފުޅަކަށްވާއިރު، އޭނާ ވިދާޅުވީ އަތު ލިޔުމަށް ޝައުގުވެރިކަން އުފެދުނީ ބައްޕަގެ ފަރާތުން ކަމަށެވެ.

"ބައްޕަ ލިޔުއްވަން އިންނަވާއިރު، މޭޒުގެ އެއްފަރާތުގައި ފަންސުރެއް ދީފައި އަޅުގަނޑު ބައިންދާފައި އިންނަ ހަނދާންވޭ. އެހެން ބޭންދުމުގެ ސަބަބުން ލިޔުމުގެ ޝައުޤުވެރިކަން އޮތީ އަށަގެންފައި،" ޝަމީމް ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ޕީޖީ ޝަމީމް ފަދަ ބޭފުޅަކު މިފަދަ ފޮންޓެއް ނެރުމުގައި އިސް ނަންގަވައިގެން މަސައްކަތް ކުރެއްވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށައި، އަދި މިއީ ދިވެހި އުފެއްދުމެއް ކަމުންވެސް އުފާ ކުރާ ކަމަށެވެ.

ޝަމީމް ވަނީ އޭނާގެ ބްލޮގުގައި ފޮންޓަށް "މަގޭ ހުސޭނު" ނަން ދެވުނު ސަބަބު އޮޅުންފިލުވައި ދެއްވާފަ އެވެ.