Advertisement

ޝަމީމް މަރާލަން އުޅުނު ކަމަށް ބަލައި، ތަހުގީގު ގެންދާ ކަމަށް ބުނެފި

26 މާރިޗު 2024 - 12:57 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޝަމީމް މަރާލަން އުޅުނު ކަމަށް ބަލައި، ތަހުގީގު ގެންދާ ކަމަށް ބުނެފި

26 މާރިޗު 2024 - 12:57 1

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހުގީގު މިހާރު ބައްޓަން ކޮށްފައި ވަނީ އޭނާ މަރާލަން އުޅުނު މައްސަލައެއް ގޮތަށް ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ސީނިއާ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ޕްރޮސެކިއުޓަރުން ބައިވެރިވެގެން ތަހުގީގު ގެންދިޔުމުގެ މަރުހަލާގަ އެވެ.

އެ ގޮތުން މައްސަލަ ބަލަމުން ދަނީ އެއީ ޝަމީމް މަރާލުމުގެ ގަސްތު އޮވެގެން ދިން މައްސަލައެއް ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހަމަލާ ދީފައި އެ ވަނީ، އޭނާ މަރާލުމުގެ ގަސްތު އޮވެގެން، މަރާލަން ދިން ހަމަލާއެއް ގޮތުގައި ބަލައިގެން، މި ވަގުތު ތަހުގީގު ގެންދަނީ،' އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ 31، ގައި ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.

އެ މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުން ކަމަށެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހަމަލާދިން ދުވަހާ ޖެހިގެން އައި ދުވަހެވެ.

ހަމަލާދިން ކަމަށް ބުނާ ދެ މީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމަށްޓަކައި އެ މީހުން ތިބީ ސައިކަލްގެ ނަން ބޯޑު ބަދަލުކޮށް، މޫނު ނުފެންނަ ގޮތަށް ހެލްމެޓުގެ އިތުރުން މާސްކެއް ވެސް އަޅައިގެން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކިޔައި ދިނެވެ.