Advertisement

އެފްއޭއެމްގެ ކޮރަޕްޝަން ތަހުގީގު އަވަސްކުރަން ޕީޖީ އާއި ފުލުހުން މަޝްވަރާކޮށްފި

24 މާރިޗު 2024 - 13:00 0

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެފްއޭއެމްގެ ކޮރަޕްޝަން ތަހުގީގު އަވަސްކުރަން ޕީޖީ އާއި ފުލުހުން މަޝްވަރާކޮށްފި

24 މާރިޗު 2024 - 13:00 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން މަޝްވަރާކޮށްފި އެވެ.

ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަންކަަމަށް ބަލާއިރު، މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

"މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވެ އެވެ." ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުުން، އެފްއޭއެމްގެ މި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާ ބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެ އެވެ.

"ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާ މެދު ގޮތެއް ނިންމުމަށް މި އޮފީހަށް (ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް) ހުށަހަޅުއްވައި ދެއްވުމަށެވެ." ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހާމަކޮށްފައިވެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ދައުވާ

(އެފްއޭއެމް އަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ދޭ ފައިސާގެ ތެރެއިން 10،000 ޑޮލަރު، އެފްއޭއެމްގެ ރައީސް ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި، ބޭނުންކޮށްފައިވާތޯ، އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ އެއް ވަަނަ ދުވަހު އެވެ.

ބައްސާމް، އެފްއޭއެމް ރައީސްގެ މަގާމުގައި ހުރެ، ބެންކް އޮފް ސިލޯންގައި އޮތް އެފްއޭއެމް އެކައުންޓަކަށް ފީފާ އިން ޖަމާކުރި 10،000 ޑޮލަރު، ލިޔުންތަކެއް ހުށަހަޅައި، ބެންކް އޮފް މޯލްޑިވްސްގައި އޮތް ބައްސާމްގެ އަމިއްލަ އެކައުންޓަަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކޮށްފަ އެވެ. އެހެންވެ، ބައްސާމްގެ އެކައުންޓަށް މި ފައިސާގެ ތެެރެއިން ޖަމާވެފައިވަނީ 9،999 ޑޮލަރެވެ.

ބައްސާމް އެކައުންޓަށް ޖަމާވި، މި ފައިސާ (9،999 ޑޮލަރު)ގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން މައުރީންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބައްސާމް ދިރިއުޅޭ ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފަ އެެވެ.

މި ދައުވާގައި ދައުލަތުން ނިންމާފައިވަނީ، ބައްސާމް އަތުން 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ. މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި އޮތީ، 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު، ފަސް އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަަށް ލުމެވެ.

ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާގައި ފާހަގަކޮށްފައިވަނީ، ބެންކް އޮފް ސިލޯން އެކައުންޓުން ބައްސާމްގެ އަމިއްލަ ބީއެމްއެލް އެކައުންޓަށް ޑޮލަރު ފޮނުވާފައިވަނީ، ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ގޮތުގައި ބެންކަށް ލިޔުން ހުށަހަޅައިގެންނެވެ. އެކަމަކު، އެ ފައިސާ އަނބުރާ އެފްއޭއެމް އަށް ލިބުނު ކަމުގެ އެއްވެސް ލިޔުމެއް ފެންނަން ނެތެވެ. އެހެންކަމުން، ނިންމާފައިވަނީ މިއީ އެފްއޭއެމްގެ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ކަމަށެވެ.

މި ސަބަބުތަކަށް ބަލައި، ހިޔާނާތުގެ ދައުވާ ވެސް ބައްސާމަށް ކުރިއިރު، މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ފުލުހުން ބަލަމުން އަންނަ އެފްއޭއެމްގެ އެހެން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެފްއޭއެމަށް ފީފާ އިން ދިން 1.9 މިލިއަން ޑޮލަރުގެ އިންޓަރެސްޓް ފްރީ ލޯނަށް ހިޔާނާތްތެރިވެފައިވާ މައްސަލަ އެކެވެ. މި ފައިސާގެ ތެރެއިން ވެސް ބޮޑުބައެއް އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން އެނގިފައިވެ އެެވެ. ކޮވިޑް ލޯންގެ މައްސަލައިގައި އެފްއޭއެމްގެ ފަރާތުން ފީފާ އިން ބޭނުންވާ މައުލޫމާތު ވެސް އެއްކޮށް ސާފުވެފައި ނުވެ އެެވެ.

އެފްއޭއެމް އިން އަންނަ މަހުގެ 20 ވަނަ ދުވަހު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހުނީ، ފީފާ އާއި އޭއެފްސީގެ އެންގުމަށެވެ. އެ އިންތިހާބުގައި ވާދަކުރަން ބައްސާމް ވެސް ކެންޑިޑެސީ ހުށަހަޅާފައިވާކަން އެނގިފައިވެ އެވެ. އެފްއޭއެމްގައި މި ވަގުތު ހުރި މައްސަލަތަކާއި ދިވެހި ފުޓްބޯޅަ އޮތް ހާލަތު ދެނެގަންނަން ފީފާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.