Advertisement

މިފްކޯއިން ދެން މަސް ވިއްކާނީ އެ ކުންފުނީގެ ޝަރުތަށް އެެއްބަސްވާ ފަރާތްތަކަށް އެކަނި!

28 ފެބުރުވަރީ 2024 - 08:21 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިފްކޯގެ ސީއީއޯ ޝަމާހު. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަސް ރިޖެޓުވާ ވާހަކަ އަޑު ނީވޭނެ ކަމަށް.


މިފްކޯއިން ދެން މަސް ވިއްކާނީ އެ ކުންފުނީގެ ޝަރުތަށް އެެއްބަސްވާ ފަރާތްތަކަށް އެކަނި!

28 ފެބުރުވަރީ 2024 - 08:21 3

ސަރުކާރުގެ މަސް ކުންފުނި, މޯލްޑިވްސް އިންޑްސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވިއްކާ މަހުގެ ޝިޕްމެންޓުގެ ތެރެއިން މަސް ރިޖެކްޓުވެ ވަމުންދާ ގެއްލުން ހުއްޓުވުމުގެ ގޮތުން، އެ ކުންފުނިން ކަނޑައަޅާ ޝަރުތުތަކަށް އެއްބަސްވާ ކުންފުނިތަކަށް އެކަނި މަސް ވިއްކަން ނިންމައިފި އެވެ.

"މާޗު މަސް ނިމޭއިރު އަޅުގަނޑުމެން މި ނޫން ގޮތަކަށް މަހެއް ނުވިއްކާނަން. ހުރިހާ ރައްޔިތުންނަށް ދޭން އޮތް އުފާވެރި ހަބަރަކީ ކުރިއަށް އޮތް ތަނުގައި މިފްކޯގެ މަސް ރިޖެކްޓުވެގެން އުޅޭ ހަބަރެއް ނީވޭނޭ," މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އިއްޔެ ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ [މަސް ގަންނަ ބޭރު ކުންފުނީގެ] ކޮލިޓީ ކޮންޓްރޯލަރު ރާއްޖެ ގެނެސްގެން މަސް ގްރޭޑު ކުރެވި ޗެކު ކުރެވުނީމާ ރިޖެކްޓެއް ނާންނާނެ ނޫންތޯ."

އެސްއޯއީ ކޮމިޓީއަށް މިފްކޯގެ ވެރިން ހާޒިރުކުރީ އެ ކުންފުނީގެ ވަސީލަތްތައް ސިޔާސީ ބޭނުމަށް ބޭނުންކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

ރިޖެކްޓުވާ މަހާ ގުޅޭ ގޮތުން އެ ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުالله ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ ސީއީއޯ ޝަމާހު ވަނީ އޭނާ މަގާމާ ހަވާލުވުމަށް ފަހު ތައިލެންޑްގެ ކުންފުނިތަކާ އެ ކަމާ ގުޅިގެން މަޝްވަރާކުރެއްވިކަމަށް ވިދާޅުވެފަ އެވެ.

"3000 ޓަނު މިސާލަކަށް މި ފޮނުވަނީ. މަސް ލިބުނީމާ ބުނެފާނެ 500 ޓަނު ރިޖެކްޓޭ. ހިސްޓަމިން މަތިވެގެން. 500 ޓަނު މަދުވެސް އެބަވެޔޭ. މިހެން ވެސް އެބަ ބުނޭ. އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން ވާނެ ކަމަށް," މަސް ރިޖެކްޓުވާ ގޮތްތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އެއަށްވުރެ ހަރުދަނާކޮށް އެކަންކަން ދާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅިގެން މިފްކޯ މަސް ތައިލޭންޑުން ގަންނަ ފަރާތްތަކާ އެކު މަޝްވަރާ ކުރި ކަމަށް ޝަމާހު ވިދާޅުވި އެވެ. އެއަށްފަހު, އެކަން އިސްލާހު ކުރުމަށް ގޮތްތަކެއް ހުށަހެޅި ކަމަށް ކޮމިޓީގައި މައުލޫމާތު ހިއްސާކުރަމުން އޭނާ ވިދާޅުވި އެވެ.

"މަހެއް ރިޖެކްޓެއް ނުވާނޭ ތި ބޭފުޅުންގެ ކޮލިޓީ ކޮންޓްރޯލަރު ރާއްޖެ ވަޑައިގެން, އަޅުގަނޑުމެންގެ ބަނދަރުން ވިޔަފާރި ނިމެން ޖެހޭނޭ. ތި ބޭފުޅުންގެ ކޮލިޓީ ކޮންޓްރޯލަރު އެޕްރޫވް ކުރާ މަހެއް ނޫނީ އަޅުގަނޑުމެން ބޯޓަކަށް ނާރުވާނަމޭ. ކޮލިޓީ ކޮންޓްރޯލަރު ހުންނަވައިގެން މަސް ކިރާފަ ފައިސާ ދައްކާފައި ގެންދަވާށޭ," ޝަމާހު ކިޔައިދިނެވެ.

އެގޮތަށް އެ ކުންފުނިތަކުން އެއްބަސް ނުވި ކަމަށާއި އެއާއެކު އެހެން މާކެޓުތަކަށް ރާއްޖޭގެ މަސް ފޮނުވޭނެ ގޮތްތައް ހޯދަން މަސައްކަތް ފެށި ކަމަށް ޝަމާހު ވިދާޅުވި އެވެ. އެގޮތުން, އިނގިރޭސިވިލާތުގެ ކުންފުންޏަކާ އެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ރާއްޖޭން ފިނިކުރި މަސް އެންމެ ގިނައިން ބޭރުކުރަނީ ތައިލޭންޑަށެވެ.