Advertisement

ހޫނުގަދަ ކްލާސް ރޫމްތައް ފިނި ކުރަން ރައީސް އަންގަވައިފި

27 ފެބުރުވަރީ 2024 - 09:12 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މަކުނުދޫގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އޭސީ ހަރުކުރުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ނަމަ އަމިއްލަ ވިޔަފާރިވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ހޫނުގަދަ ކްލާސް ރޫމްތައް ފިނި ކުރަން ރައީސް އަންގަވައިފި

27 ފެބުރުވަރީ 2024 - 09:12 0

ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހޫނު ގަދަ ކްލާސް ރޫމްތައް ފިނި ކުރަން އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި ބައެއް ރަށްތަކަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުތަކުގައި ހދ. މަކުނުދޫއަށް ވަޑައިގެން ވިދާޅުވީ، ކްލާސް ރޫމްތައް ފިނި ކުރަން އެ ރަށު ސްކޫލުގެ ކުދިން އެދިފައިވާ ކަމަށާއި ކްލާސް ރޫމްތައް ފިނި ކުރުމަށް އެދި ވަރަށް ގިނަ ސްކޫލްތަކުން ވެސް އެދެމުންދާ ކަމަށެވެ.

"އަޅުގަނޑާ ސަލާންކުރަން ސަފުގައި ތިބި ވަރަށްކުޑަ ކުދިންތަކެއް، ސްކޫލް ކުދިންތަކެއް، އަޅުގަނޑާ ސަލާންކުރަމުން ދިޔައިރު، އެކުދިން އެދުނީ، ތިމަންނަމެންގެ ކްލާސްރޫމްތައް ވަރަށް ހޫނޭ، އޭސީ ކޮށްލައިދޭށޭ. އެއީ، އެ ކުދިން އަޅުގަނޑު ގާތު ސިއްރު ސިއްރުން ބުނި ވާހަކައަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އޭސީ ހަރުކޮށްގެން ނުވަތަ "ފިނިކުރެވޭނެ ކޮންމެވެސް ކަހަލަ ނިޒާމަކުން" ކްލާސްރޫމްތައް ފިނިކުރަން އެމަނިކުފާނު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއަށް އަންގަވާފައިވާނެ ކަމަށެވެ.

"އާދެ، އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގޮތަށް ހުރި ސްކޫލް، ކްލާސް ރޫމްތަކުގެ މާހައުލު ރަނގަޅުކޮށްދޭން. އެއީ، އޭސީ ހަރުކޮށްގެން، ނޫނީވިއްޔާ ފިނިކުރެވޭނެ ކޮންމެވެސް ކަހަލަ ނިޒާމަކުން ފިނިކުރުމަށް. ވަރަށްގިނަ ސްކޫލްތަކުން އާދޭ ރިކްއެސްޓް. އެހެންވީމާ، އެ މަސައްކަތް އެބަ ކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިން ބައިވެރިވާން ބޭނުންވާ ނަމަ އެކަމަށް އެމަނިކުފާނެ މަރުހަބާ ކިޔުއްވާނެ ކަމަށެވެ.

"ދެން މިކަމުގައި ބައިވެރިވާނެ ބަޔަކު ތިބިއްޔާ، މި ދެންނެވީ ޕްރައިވެޓް ސެކްޓާގައި ތިބޭނެ، ވިޔަފާރިވެރިން ވެސް، ސަރުކާރުގެ މިކަހަލަ ކަންކަމުގައި ބައިވެރިވާން ބޭނުންވާ. އެއީ، އަޅުގަނޑު ހަމަ ވަރަށް މަރުހަބާ ކިޔާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކްލާސްރޫމްތައް އޭސީ ކުރުމަށާއި ބިލުދައްކަން އިތުރު ހަރަދުތަކެއް ދާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"ކޮންމެގޮތެއްވިޔަސް، ބަޖެޓުން ދެކަމެއް ވާނެ. އެއްކަމަކީ، އެކަމަށް ހަރަދު ހިނގާނެ، އޭސީ ކުރުމަށް. ދެވަނަ ކަމަކީ ބިލް ދެއްކުން. މިއީ އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމެއް. ކޮންމެގޮތެއްވިޔަސް، ސަރުކާރުން އެ ބިލް ދައްކާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.