Advertisement

މިފްކޯ ދެކޮޅު ޖައްސަން އޮތީ ހަތަރު ގޮތުން އެއްގޮތް: ވޯލްޑް ބޭންކު

26 ފެބުރުވަރީ 2024 - 12:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިފްކޯގެ ފެސިލިޓީއެއްގައި މަހެއް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. އެ ކުންފުނީގެ ދަރަނި 2.5 ބިލިއަނަށް ވުރެ އިތުރުވާނެ ކަމަށް ބެލެވޭއިރު ހަރަދުތައް މެނޭޖުކުރަން ވޯލްޑް ބޭންކުން ވަނީ އެދިފައި --- ފޮޓޯ: މިފްކޯ


މިފްކޯ ދެކޮޅު ޖައްސަން އޮތީ ހަތަރު ގޮތުން އެއްގޮތް: ވޯލްޑް ބޭންކު

26 ފެބުރުވަރީ 2024 - 12:33 0

މަސް ގަނެ އެކްސްޕޯޓު ކުރުމަށާއި މަސްވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް އުފައްދާފައިވާ ސައްތައިން ސައްތަ ސަރުކާރު ކުންފުނިން, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ), ގެ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ ދަރަނިން ސަލާމަތްކުރުމަށް އޮތީ ހަތަރު ގޮތުން އެއްގޮތް ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި ބުނެފި އެވެ.

އަބަދު ވެސް މާލީ ތާށިކަމަކުން އަރައިނުގަނެވިގެން އުޅޭ މިފްކޯ މި ސަރުކާރުން ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. ދުނިޔޭގެ މާކެޓުގައި ހުންނަ އަގަށް ވުރެ ބޮޑުކޮށް މަސް ގަންނަން ޖެހުމާއި މަސްވެރިންނަށް ދޫކުރާ ތެލުގެ ސަބްސިޑީއާ ގުޅިގެން މިފްކޯ ހިންގަމުންދަނީ އަބަދުހެން ދަރަނީގަ އެވެ.

ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ކަންޓްރީ އެންވާރަމަންޓަލް އެނަލިސިސް - ޓުވާޑްސް އަ މޯ ސަސްޓެއިނަބަލް އެންޑް ރިޒީލިއަންޓް އިކޮނޮމީ" ރިޕޯޓުގައި ވަނީ މިފްކޯގެ މާލީ ހާލަތާ މެދު އަބަދުވެސް ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ފައިދާވާ ކުންފުންޏަކަށް ވުމުގެ ފުރުސަތު އޮތް ނަމަވެސް މަހުގެ އަގު ދަށްވުމާއި ތެލުގެ އަގު ބޮޑުވުމާއި ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ބޮޑުވުމުގެ ސަބަބުން މިފްކޯ ދަރަނިވެރިވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ދަރަނި ދެއްކުމުގެ ޒިންމާއާ ހަވާލުވަނީ ސަރުކާރުން ކަމަށާއި މިހާތަނަށް ސަރުކާރުތަކުން މިފްކޯއިން ފައިދާ ނެރެން ގެނައި ބަދަލުތައް ކާމިޔާބުވެފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިފްކޯ ތިން ބައިކޮށް ފެކްޓްރީތައް ވަކި ކުންފުނިތަކަށް ހެދުމުން ވެސް އަދި އެސްޓީއޯގެ ދަށަށް އެ ކުންފުނި ގެނައުމުން ވެސް މާލީ ހާލަތު ރަނގަޅު ނުވާކަން ފާހަގަކޮށްފައިވެ އެވެ. "މަސްވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން" މަހުގެ އަގުބޮޑު ކުރުމާ ގުޅިގެންނާއި ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން މިފްކޯގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

މަސް އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރުމަށް އަމާޒުކޮށް މިފްކޯގެ ފެސިލީޓީތައް ބޮޑުކުރި ނަމަވެސް ހިންގުމުގައި ދޯހަޅި ކަމާއި މަސް ވިއްކަން ޖެހޭ ޑައިރެކްޓް މާކެޓުތަކުގެ ބަދަލުގައި އިންޓަމީޑިއަރީ މާކެޓުތަކަށް ވިއްކާނަމަ މިފްކޯއަށް ފައިދާ ނެރެން އުނދަގޫވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ބޭންކުން ވަނީ މިފްކޯ ދެކޮޅު ޖައްސައި ފައިދާ ނެރުމަށް ހަތަރު ގޮތެއް ހުށަހަޅާފަ އެވެ.

މިފްކޯ އެސްޓީއޯގެ ދަށުގައި ބޭއްވުން

އެސްޓީއޯގެ ދަށުގައި މިފްކޯ ބޭއްވުމަށް ފަހު މިފްކޯގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން, މި ގަނޑުކުރުމަށް ފަހު ބޭރުކުރާ މަހުގެ އުފެއްދުންތައް މަދު ކުރުމަށް ފަހު ދަޅުގައި ބަންދުކުރާ އުފެއްދުންތައް އިތުކުރުމަކީ އެ ކުންފުނީގެ އާމްދަނީ 30 ޕަސެންޓުން އިތުރުވާނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

މި ސިޔާސަތުތައް ތަންފީޒު ކުރުމަށް ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެއީ, މިފްކޯގެ ހިންގުމުގެ ހަރަދު ބޮޑުވުމާއި ޔޫރަޕާއި އެމެރިކާގެ މާކެޓުތަކަށް މަސް ވިއްކަން ފުރުސަތު ނެތުމުންނެވެ. ރާއްޖޭގެ ބައެއް ޕްރައިވެޓް ކުންފުނިތަކުން މި މާކެޓުތަކަށް މަސް ވިއްކި ނަމަވެސް މިފްކޯއަށް އެ ކުންފުނިތަކުން ނެރުނު ފައިދާ ނެރެވިދާނެ ކަމާ މެދު ސުވާލުއުފައްދާފައިވެ އެވެ.

މިފްކޯ ޕްރައިވަޓައިޒްކޮށް ސަބްސިޑީ ސީދާ މަސްވެރިންނަށް ދޭން ފެށުން

އެ ކުންފުނީގެ ތާރީހުން ތަޖުރިބާއަށް ބަލާއިރު ޕްރައިވަޓައިޒް ކުރުމުގައި މުހިންމު ބައެއް ކަންކަމަށް ވިސްނަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. އެއީ, މިފްކޯ ޕްރައިވަޓައިޒް ކުރާނީ އެއްކޮށްތޯ ނުވަތަ ވަކި ތިން ކުންފުނީގެ ގޮތުގައިތޯ ބެލުމާއި, އާންމުންނަށް ހިއްސާ ވިއްކައިގެން ކުންފުނީގެ އަގު މަތިކުރެވޭނެތޯ ބެލުމެވެ.

އޭގެ އިތުރުން, ޕްރައިވެޓައިޒް ކުރުމަށް ފަހު ވެސް އެންމެ ކުޑަކޮށް މަސް ގަންނަން ޖެހޭ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުގައި އެ ކުންފުނިން މަސް ގަންނަން ޖެހޭތޯ ވެސް ބަލަން ޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

މިފްކޯ ހެޔޮގޮތުގައި ޕްރައިވަޓައިޒް ކުރުމަކީ އެ ކުންފުނީގެ މާލީ ބުރަތައް ފިލުވާލައި ދަރަނިތައް ދެއްކުމަށް ސަރުކާރަށް އޮތް އުނދަގޫތަކުން އަރައިގަނެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

ނަމަވެސް, ޕްރައިވަޓައިޒް ކުރުމުން މަސް ގަންނަ އަގު ދަށްވާނެތީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އަގު ދިނުމުގެ ގޮތުން މަސްވެރިންނަށް ސީދާ ސަބްސިޑީ ދޭން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މިފްކޯގެ ހިއްސާ އާންމުންނަށް ވިއްކުން

ހިއްސާގެ ބާޒާރުގައި މިފްކޯ ލިސްޓުކޮށް މުޅިން ވަކި މެނޭޖުމަންޓެއްގެ ދަށުން އެ ކުންފުނި ހިންގޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާ ދީފައިވެ އެވެ. މިކަމުގެ މުޅި ފޯކަސް އޮންނަން ޖެހޭނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކޮށް ހަރަދު ކުޑަ ކުރުމަށެވެ. ކުންފުނީގެ ހިންގުން ތެދުކޮށް, ހަރަދު ކުޑަ ކުރުމަށް ފަހު ޕްރައިވެޓް އިންވެސްޓަރުންނަށް އިތުރު ޝެއާ ވިއްކަން ވެސް ހުށަހަޅާފައިވެ އެވެ.

ސިޔާސީ ގޮތުން މިއީ ކުރަން ދަތިވެދާނެ ކަމެއް ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން ސަރުކާރުން މިފްކޯގެ ތެރެއަށް ނުވަދެ ބޭނުންވާ އަގުގައި މަސްވެރިންގެ އަތުން މަސް ގަނެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ނަމަވެސް, މިކަމުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީގައި ޕްރައިވެޓް ކުންފުނިތަކުން އަމިއްލަ އިންވެސްޓްމަންޓު ކުރުމަށް ފަސްޖެހުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަސް ގަންނަ އޮޕަރޭޝަނާއި ވިޔަފާރި އޮޕަރޭޝަންތައް ވަކިކުރުން

ފަހު ކަމެއްގެ ގޮތުން ވޯލްޑް ބޭންކުން ލަފާ ދިނީ މިފްކޯގެ މައިގަނޑު ދެ އޮޕަރޭޝަންތައް ވަކި ކުރުމަށެވެ. އެއީ, މަސްވެރިންގެ އަތުން މަސް ގަންނަ އޮޕަރޭޝަނައި ބޭރަށް މަހާއި މަހުގެ އުފެއްދުންތައް ވިއްކާ އޮޕަރޭޝަންތައް ވަކިކުރުމަށެވެ. މަސް ގަންނަން ކުންފުނިން ކޯލްޑް ސްޓޯރޭޖުގެ ހިދުމަތް އެ ކުންފުނިން ދޭއިރު ދެވަނަ ކުންފުނިން އެ މަސް ޕްރޮސެސްކޮށް, ދަޅުގައި ބަންދުކޮށް, ބޭރަށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މިކަމުގެ ސަބަބުން މިފްކޯގެ އިޖުތިމާއީ ޒިންމާތަކާއި ވިޔަފާރީގެ ބޭނުންތައް ވަކި ކުރެވޭނެ ކަމަަށާއި މަސްވެރިންނަށް މިކަމުގެ ސަބަބުން އެ އިންޑަސްޓްރީގެ ފައިދާގެ ބޮޑު ބައެއް ލިބޭނެ ގޮތް ވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

މަސް ގަންނަ ކުންފުނި ވެގެންދާނީ މޮނޮޕޮލީއަކަށް ކަމަށާއި އެ ކުންފުނި މަސައްކަތް ކުރާނީ ރާއްޖޭގައި ހަރަކާތްތެރިވާ މަހުގެ އުފެއްދުންތަކަށް މަސް ވިއްކާ ކުންފުންޏަށް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. އަދި, ކޯލްޑް ސްޓޯރޭޖުތައް އިތުރުކުރުމަށް ސަރުކާރުތަކުން ފަށާފައިވާ ޕްރޮޖެކްޓުތަކާ އެކު މަސް ރައްކާ ކުރުމަށް ހިނގާ ހަރަދާއި އިސްރާފު ކުޑަވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެެވެ.

މިއިން ކޮންމެ ހުށަހެޅުމެއް ވެސް ވަރަށް ރަނގަޅަށް ދިރާސާކުރަން ޖެހޭ ކަމަށާއި ނިންމުންތައް ނިންމާއިރު ހަމައެކަނި މާލީ ގޮތުން ކުރާ އަސަރުތަކަށް ބަލައިގެން ނުވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި އިޖުތިމާއީ ގޮތުން ކުރާނެ އަސަރުތަކަށް ވެސް ވިސްނަން ޖެހޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.