Advertisement

މިދިޔަ މަހު އިމްޕޯޓު އިތުރުވެ، މަހުގެ އެކްސްޕޯޓް އަނެއްކާ ވެސް ދަށަށް

26 ފެބުރުވަރީ 2024 - 11:05 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަސް ދޯނިތަކެއް. މިދިޔަ މަހު މަހުގެ އެކްސްޕޯޓު ވަނީ 31 ޕަސެންޓު ދަށަށް ގޮސްފަ -- ފޮޓޯ: އާއިދު/އަދަދު


މިދިޔަ މަހު އިމްޕޯޓު އިތުރުވެ، މަހުގެ އެކްސްޕޯޓް އަނެއްކާ ވެސް ދަށަށް

26 ފެބުރުވަރީ 2024 - 11:05 0

މިދިޔަ ޖެނުއަރީ މަހު ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރު އަނެއްކާ ވެސް ދަށަށް ގޮސްފައިވާކަން ކަސްޓަމްސް މިއަދު އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭއިން އާންމުކޮށް އެކްސްޕޯޓު ކުރަނީ މަހުގެ ބާވަތްތަކެވެ. އެ ތަފާސްހިސާބަށް ބަލާއިރު، ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 173 މިލިއަން ރުފިޔާގެ މަހެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަސް އެސްޕޯޓްކުރި އަދަދަށް ވުރެެ 31 ޕަސެންޓް ދަށް މިންވަރެކެވެ.

މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކުރީ ކަނޑުމަހުގެ ބާވަތްތަކެވެ. އެގޮތުން ފިނި ކުރި މަހާއި ތައްޔާރުކުރި މަހުގެ ބާވަތްތައް ހިމެނޭހެން ޖުމްލަ 145 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓް ކުރީ ތައިލެންޑް، ޖަރުމަނު އަދި އިނގިރޭސިވިލާތަށެވެ.

ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 31 ޕަސެންޓު އިތުރު އަދަދެކެވެ.

އިމްޕޯޓު ކޮށްފައި މުދަލުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.1 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކޮށްފައިވާއިރު، އިލެކްޓްރިކް ސާމާނާއި މެޝިނަރީސް ގޮތުގައި 935 މިލިއަން ރުފިޔާގެ މުދާ އަދި ކާބޯތަކެތީގެ ގޮތުގައި 926 މިިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީ، އޮމާން އަދި އިންޑިއާ އިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ކަސްޓަމަށް 5.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާ އިރު ހަތް ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މަހު މުދާ ހިފައިގެން ރާއްޖެއަށް 132 ކާގޯ އުޅަނދެއް އައި އިރު 140 އުޅަނދު ރާއްޖެއިން މުދާ ހިފައިގެން ފުރި އެވެ.