Advertisement

ރައީސް ވިދާޅުވަނީ ރާއްޖޭގެ ސިޔާސަތުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުން ތައުރީފުކުރާ ކަމަށް

25 ފެބުރުވަރީ 2024 - 20:05 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒު ބާރަށުގައި ވާހަކަދައްކަވަނީ; ރާއްޖޭގެ ސިޔާސަތުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުން ތައުރީފުކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ރައީސް ވިދާޅުވަނީ ރާއްޖޭގެ ސިޔާސަތުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުން ތައުރީފުކުރާ ކަމަށް

25 ފެބުރުވަރީ 2024 - 20:05 0

ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތަކަށް, ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ މާލީ އިދާރާތަކުން ތައުރީފު ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. ބާރަށު ރައްޔިތުންނާ ބައްދަލުކުރައްވައި, ރައީސް ވިދާޅުވީ އިގްތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ނުފެށި ނަމަ ޑިފޯލްޓްވެ, ބޭރުގެ ދަރަނިތައް ދެއްކުމުގައި ރާއްޖެއިން ފެއިލްވާނެ ކަމަށާއި އްޖެ އޮންނާނީ އިގްތިސޯދީ ގޮތުން އަރައި ނުގަނެވޭ ހިސާބަކަށް ގޮސްފައި ކަމަށެވެ.

އެމަނިކުފާނު އިއުލާނު ކުރެއްވި އިގުތިސޯދީ އެޖެންޑާއާ އެއްކޮށް މަސައްކަތް ފެށުމުން މިއަދު ރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް އެޅި ކަންކަން ރަނގަޅުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ސިޔާސަތުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތައުރީފު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވޯލްޑް ބޭންކުން ވެސް އަޅުގަނޑާ ބައްދަލުކުރި މީޓިގައި ވޯލްޑް ބޭންކުގެ މި ސަރަހައްދަށް ކަނޑައަޅާފައި ހުރި ވައިސް ޕްރެޒިޑެންޓް ވެސް ވިދާޅުވީ ހަމަ އެހެން, ތިމަންނައަށް ހަމައެކަނި ބުނެވެން އޮތީ ހަމަ ވަރަށް ތައުރީފު ކުރަމޭ ވަރަށް ރަނގަޅޭ ތި ނިންމާ ނިންމުންތައް. ނިންމާގައި ތިހިރި ސިޔާސަތުތައް, އެ މަގުން ކުރިއަށް ދިޔައިމައޭ ގައުމަށް ފައިދާ ހުރީ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އައިއެމްއެފްގެ މި ރީޖަންގެ ރިޕްރެޒެންޓޭޓިވް, މާލޭގައި އަދި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ދުބާއީގައި އެމަނނިކުފާނާ ބައްދަލުކުރައްވާ ވެސް އެ މަގުން ތައުރީފު ކުރެއްވި ކަމަށެވެ.

"މި ދެބޭފުޅުން, ހާއްސަކޮށް ދުބާއީގައި އަޅުގަނޑާ ބައްދަލުކުރި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ވިދާޅުވީ ރާއްޖޭގެ ކުރިމަގު ތި ނިންމާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ދިޔައިމަ ހަމައެކަނި ފެންނަނީ ކުރިއަށްދާ ތަނޭ. ފެންނަނީ އުޖާލާ ކަމޭ," ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލީ އިދާރާތަކުން ރާއްޖެއަށް ތައުރީފު ކުރި ކަމަށް ރައީސް ވިދާޅުވިއިރު, މާލީ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، ހުރިހާ ދާއިރާއަކުން ހަރަދު ކުޑަކޮށް، ހާލަތު ރަނގަޅު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވޯލްޑު ބޭންކުން ވަނީ ބުނެފަ އެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅުކަން ފާހަގަކުރައްވާ ރައީސް ވާހަކަ ދެއްކެވިއިރު, މިމަހު ކުރީކޮޅު ތ. އަތޮޅަށް ވަޑައިގެން, އެމަނިކުފާނު ވަނީ ކުރިއަށް އޮތީ ތަދު ދުވަސްތަކެއްކަން ފާހަގަ ކުރައްވައި، މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ދަތިވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.