25 ފެބުރުވަރީ 2024 - 14:59 0
މުހައްމަދު ޝަހްޒާން
ރައްޔިތުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދަން ފެށްޓެވި "އަހާ" ފޯރަމްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
25 ފެބުރުވަރީ 2024 - 14:59 0
އެއްވެސް ރަށެއް ތަފާތު ނުކޮށް ހިދުމަތް ކުރުމުގެ ސިޔާސަތުގެ ދަށުން ވަށަފަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށައި މިދިޔަ ސަރުކާރުން އެ ރަށުގައި ފަށާފައިވާ މަޝްރޫއުތައް މިއަހަރު ތެރޭގައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒުގެ ބައްޕަ ނިސްބަތްވެލައްވާ ވަށަފަރަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ އެރަށުގެ ތަރައްގީއަށްޓަކައި ކޮށްދޭނެކަމަށް ކެމްޕޭނު ތެރޭގައި ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން ކޮށްދޭންޖެހޭ އިތުރު ކަންކަން ވެސް ކޮށްދީ ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ.
"މިއަހަރު ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބިން ހިއްކުމުގެ މަޝްރޫއު ވެސް އަދި ދެން ހުރި މަސައްކަތްތައް ވެސް ކުރިއަށް ގެންދާނަން، ވަކީން ހާއްސަކޮށް ބިން ހިއްކުމުގެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހަމަ ތިބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންގޮސްދޭނެކަން ހަމަ ދަންނަވާލަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މިއަހަރުގެ ބަޖެޓު ފާސްކުރިއިރު، މަޝްރޫއުތައް ކުރިއަށް ގެންގޮސް އެއްކޮށް ނިންމައިލެވޭ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ މަސައްކަތްތައް ފެށުން ބިނާވަނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރެއްގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ރައީސް ވަނީ ވަށަފަރު ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމު ކުރުމާއި އެ ރަށު ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް ބިނާކޮށްދިނުމުގެ އިތުރުން ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ވެސް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް މިއަހަރު ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
"އެހެންވީމާ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް އެކަން ފެށޭ ގޮތަށް ހަމަޖެހުނުހައި އަވަހަކަށް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކޮންމެވެސް ވަރެެއްގެ އަދަދެއް ހިމަނާފައި އެބައޮތް، އެހެންނަަމަވެސް ބަޖެޓުގެ ތެރެއިން އެކަން އެންމެ ކުރީކޮޅު ފެށުމާ ނުފެށުން މި ބިނާވަނީ އަޅުގަނޑުމެންގެ އާމްދަނީ މި ލިބޭ މިންވަރާއި ހުރިހާ ކަމެއްގެ މައްޗަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރާވައި ތަރުތީބު ކުރާނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރު ކޮށްގެން ކަމަށެވެ.
ބޮޑުމިނުގައި 35.5 ހެކްޓަރު ހުންނަ ހއ. ވަށަފަރަކީ 900 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ނަމަވެސް އެރަށުގައި ދިރިއުޅޭ އާބާދީއަކީ 400-500 އެވެ.
ބޭރު ފަތުރުވެރިންނާއި ދިވެހިންގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވަށަފަރުގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.
Comment