Advertisement

އަނަސް މަރާލިތާ ހަތް އަހަރު ފަހުން، ދައުވާ ރައްްދުވާ އެންމެން ސަލާމަތް ވެއްޖެ

25 ފެބުރުވަރީ 2024 - 21:02 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަނަސްގެ މަރު މައްސަލާގައި ދައުވާ އުފުލާފައިވާ މީހުން


އަނަސް މަރާލިތާ ހަތް އަހަރު ފަހުން، ދައުވާ ރައްްދުވާ އެންމެން ސަލާމަތް ވެއްޖެ

25 ފެބުރުވަރީ 2024 - 21:02 1

ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން, އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖުލައި 31، 2017 ގައި ހިނގި އެ ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ، އޭނާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނާއި މަރާލުމުގެ ދައުވާ އުފުލި ތިން މީހެއްގެ މައްސަލަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.

ހަމަލާ ދިން މީހުންގެ މޫނު ފާހަގަވާން ނެތް އިރު، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ދިން މީހުނަށް ވެސް މޫނު ފާހަގަކޮށްދެވިފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަވަމުން ފާހަގަ ކުރެއްވީ ވެސް ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށެވެ.

ދައުވާ އުފުލި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ކަރުދާހެެކެވެ. އެހެންވެ އެއީ ވެސް ބުރަދަން ދެވޭނެ ހެއްކެއް ގޮތުގައި ޝަރީއަތުން ބަލައެއް ނުގަތެވެ.

މީގެ ހަތް އަހަރު ކުރިން އަނަސް މަރާލީ މާލޭގައި ހިންގާ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އެ މަންޒަރުގެ ވީޑިއޯ ކުރިން އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި، ވަޅި ހިފައިގެން ތިން ގްރޫޕެއް އައުމުން މަގުމަތީގައި ހުރި އަނަސް ދުވެފައި ބިރުން ވަންނަނީ ގަރާޖަށެވެ.

ގޭންގު މެންބަރުން އައިސް ގަރާޖު ތެރެއަށް ވަދެ ފަހަރަކު މީހަކު އަނަސް ގަޔަށް ވަޅި ހަރަމުންދިޔަ މަންޒަރު ވެސް ވީޑިއޯއިން ފެނުނެވެ.

އަނަސް މަރާލުމުގެ ދައުވާ ކުޑަކުއްޖެއްގެ މައްޗަށް ވެސް އުފުލި އެވެ. އޭނާގެ މައްސަލަ ގެންދިޔައީ ޖުވެނައިލް ކޯޓުގަ އެވެ. ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ.