Advertisement

އެމްޑީޕީއަށް އާ ލީޑަރެއް، ބޭނުމީ ރީނދޫ ލަޝްކަރުގެ އާ ބާރަކަށް ވާން

25 ފެބުރުވަރީ 2024 - 12:09 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ އާ ރައީސް އަބްދުﷲ ޝާހިދު "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއު - ފޮޓޯ: މިރާން ނާޝިމް / އަދަދު


އެމްޑީޕީއަށް އާ ލީޑަރެއް، ބޭނުމީ ރީނދޫ ލަޝްކަރުގެ އާ ބާރަކަށް ވާން

25 ފެބުރުވަރީ 2024 - 12:09 2

މިނިވަން ހިޔާލު ފާޅުކުރުމުގެ ހައްގުގެ ފިކުރު ތަމްސީލްކުރާ ސިޔާސީ ޖަމިއްޔާއެއް ގޮތަށް މޯލްޑިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މީގެ 20 އަހަރު ކުރިން ވުޖޫދަށް އައީ އެ ހައްގުގެ ބޭނުން ކުރުމުގެ މާހައުލު ނެތް ޒަމާނެއްގަ އެވެ.

ސިޔާސީ ޕާޓީތައް ހެދުން މަނާ ކަމެއްގެ ގޮތުގައި އަދި އެއް ބަޔަކަށް "ނޭދެވޭ" ކަމެއް ގޮތުގައި އޮއްވައި، އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް ފަލްސަފާގެ އެ ފިކުރު ތަމްސީލްކުރާނެ ޕާޓީއެއް އުފެއްދީ ކޮޅުނބުގައި ބަޔަކު އަރުވާލެވިގެން ތިބެ، އެންމެ 42 މީހުންގެ ސޮޔާއެކު އެވެ. އޭރު ޕާޓީގެ ވާދަވެރިންނަށް ތިބި ބަޔަކު ވެސް އެ ހަރަކާތާ ގުޅި، މިއަދު އެއީ ބައި ލައްކައަށް ވުރެ ގިނަ މެންބަރުންގެ ޕާޓީއެކެވެ.

ދެ ފަހަރު މަތިން ވެރިކަން ހިންގުމުގެ ފުރުސަތު ލިބި، އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެގެން ދިޔައީ އެތައް ނާކާމިޔާބީއަކާއި ދަތި ވަގުތުތަކެއް ވެސް ޕާޓީގެ މެންބަރުން ތަޖުރިބާ ކުރުމަށް ފަހު އެވެ. ފުރަތަމަ ވެރިކަން، ދައުރު މެދު ތެރެއިން ނިމި، ހަތް އަހަރުގެ މަގުމަތީގައި އިހުތިޖާޖުތަކެއް ވެސް ކުރަންޖެހުނެވެ.

އަނެއްކާ ވެސް މިއީ އެ ޕާޓީއަށް ނާޒުކު ވަގުތުކޮޅެކެވެ. އެތެރޭގެ ހިޔާލުތަފާތުވުންތަކާއި ބާރުގެ ކޯޅުންތަކުގެ ތެރެއިން އެއް ބަޔަކު ޕާޓީން ވަކިވެގެން ދިޔައިރު، އޭގެ އަސަރު ދެއްކީ ރިޔާސީ އިންތިހާބުގެ ނަތީޖާއިންނެވެ. ސަރުކާރުގައި އެ ޕާޓީ ދެމިތިބުމުގެ ފުރުސަތު ގެއްލުނީ އެވެ.

މި ނާޒުކު ދަނޑިވަޅުގައި ޕާޓީގެ ރައީސްގެ މަގާމަށް ވަޑައިގަތީ ކުރިން އެ ޕާޓީގެ ވާދަވެރިޔެކެވެ. އެއީ ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވުމަށް ފަހު، މީގެ 11 އަހަރު ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތް އަބްދުﷲ ޝާހިދެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދި އެމްޑީޕީގެ ދެވަނަ ސަރުކާރު ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމު އަދާ ކުރެއްވި ޝާހިދު "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ އޭނާގެ އަމާޒުތައް ހިއްސާކޮށްދެއްވައިފަ އެވެ. އަދި، އޭނާއާ ގުޅުވައި "މައުމޫނީ ފިކުރެއްގެ" ބޭފުޅެއް ކަމަށް ދެކެވޭ ވާހަކަތަކަށް، ޖަވާބުދާރީވެވަޑައިގަތެވެ.

އަދަދު: ސިޔާސީ ކަންކަން ދެކެ ފޫހިވެފައިވާ ދުވަސްވަރެއްގައި ޕާޓީ ވަރުގަދަކުރާނީ ކިހިނެއް؟

ޝާހިދުގެ ޖަވާބު ފެއްޓެވީ ރައީސް ސޯލިހުގެ ހިދުމަތަށް ޝުކުރު އަދާ ކުރައްވަމުންނެވެ. އަދި ވިދާޅުވީ، އިހުތިޖާޖުގެ ރޫހު މީގެ ކުރީގެ އަހަރުތަކުގައި ފެނުނު ގޮތަށް މިއަދު ނުފެންނަނީ، ހިޔާލު ފާޅުކުރުމުގެ ހައްގު ޔަގީންކޮށްދީ އެ ކަމަށް އަމާން މާހައުލެއް ރައީސް ސޯލިހު ގާއިމުކޮށްދެއްވުމުން ކަމަށެވެ.

ޝާހިދު: "އަޅުގަނޑުމެންނަށް ނެރުވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ދުވަހު، ފެނުނު ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާން މާހައުލެއް ރައްޔިތުންނަށް ހޯދައިދެވުން. އެފަދަ މާހައުލެއް ހޯދައިދެވުނީމައި ކޮންމެ ދުވަހަކު ކޮންމެ ރެއަކު ނުކުމެ މަގުމަތީގައި 2004، 2005 ގައި މީހުން މުޒާހަރާކޮށް އުޅުނުހެން އަބަދު ޖައްސައިގެން ނޫޅޭނެ. އެއަށްވުރެ ސުލްހަވެރި އަމާން މާހައުލެއް ރައީސް ސޯލިހު ގާއިމުކޮށްދެއްވީ."

އޭގެ ފަހުގައި ޝާހިދު ދެން ފާހަގަ ކުރެއްވީ ޒުވާނުން، ވޯޓުގެ ހަރަކާތުގައި ބައިވެރިކުރަން އޭނާ ހިތްވަރު ދިނުމަށް އިސްކަން ދެއްވާނެ ކަމެވެ.

ޝާހިދު: "ރާއްޖޭގެ ޒުވާނުން، ސިޔާސީ ހަރަކާތާއި ސިޔާސީ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ވޯޓުގައި ބައިވެރިވުން. ވޯޓުގައި ބައިވެރިވުމަށް ޒުވާނުންނަށް ހިތްވަރު ދިނުން، ޒުވާނުން ސިޔާސީ ލީޑާޝިޕަށް ނުކުތުމަށް ހިތްވަރު ދިނުން. އެ ކަންކަމުގައި އަޅުގަނޑުމެން އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނަން."

އަދި ޒުވާނުން ބާރުވެރި ކުރުމުގެ މަސައްކަތް މި ވަގުތު އެންމެ ރަނގަޅަށް ކުރެވެމުން އަންނަނީ ވެސް އެމްޑީޕީގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ ކަމަށް ބާރު ދެއްވުމުގެ ގޮތުން ފާހަގަ ކުރެއްވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެ ޕާޓީން ނުކުތް ކެންޑިޑޭޓުންނެވެ.

ޝާހިދު: "މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން ވާދަކުރާ 89 ދާއިރާއަށް، ލިސްޓަށް ބެލިޔަސް ފެންނާނެ އެތައް އާ މޫނެއް ސިޔާސީ ހަރަކާތަށް ނުކުމެ އިންތިހާބުގައި ވާދަކުރާ ތަން. ކުރީގެ ބައެއް މޫނުތައް ވެސް ހިމެނޭ. އެއީ ދުނިޔެ ހިނގަމުންދާ ގޮތް. އެކަމަކު އެމްޑީޕީގެ ކާމިޔާބީއަކީ، އާ މޫނުތައް އެބަ ނުކުމޭ އަބަދުވެސް. ޒުވާނުންނަށް މި ލީޑާޝިޕް ހަވާލުކުރުމަކީ، ހަވާލުވާނެ ޒުވާނުން ބިނާ ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް."

އެހެން ވިޔަސް އަންހެނުން ލީޑާޝިޕަށާއި، ކެންޑިޑެސީއަށް ނެރެވޭ ނިސްބަތާ މެދު ޝާހިދު ހިތްހަމައެއް ނުޖެހެ އެވެ. ވިދާޅުވީ، އޭނާގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ދެން ވާނީ، ކުރިއަށް އޮތް ތަނުގައި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުމުގެ މަސައްކަތް އިހުނަށް ވުރެ ވަރުގަދަކޮށް ހިންގުން ކަމަށެވެ.

ޝާހިދު: "އެމްޑީޕީ މިއީ އަންހެން ކެންޑިޑޭޓުން އެންމެ ގިނައިން ނެރުނު އެއް ޕާޓީ. [އެކަމަކު] އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް ވެސް މަދެއް ނޫން. އަޅުގަނޑުގެ އެންމެ އިސް އެއް މަސައްކަތެއް ގޮތަށް ދެކޭނަން ވީހާ ވެސް ގިނަ އަންހެނުން ލީޑާޝިޕް ލެވެލްއަށް، ސިޔާސީ ގޮތުން ބާރުވެރިކުރުމަށް މަސައްކަތް ކުރުން. އެމްޑީޕީގެ ހަރަކާތްތަކަށް ބަލާލާއިރު ވެސް އެންމެ ހަރަކާތްތެރީ އަންހެނުން. އެހެން ނަމަވެސް ލީޑާޝިޕްއަށް އަންނަން ބަލާއިރު އަދި އެ ފުރުސަތުތަކެއް ލިބިފައެއް ނެތް."

އަދަދު: ގްްރާސްރޫޓާ ގުޅުން ކުޑަވެގެން ދިޔަ ކަމަށް ގިނަ ބަޔަކު ދެކޭއިރު އެކަން ހައްލު ކުރާނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި ބަދަލެއްގެ ސަބަބުން ޕާޓީގެ ދަފްތަރުން އެތައް އާންމު މެންބަރުންނެއް އުނިވެގެން ދިޔަ އެވެ. އޭގެ ތެރޭގައި ޕާޓީ އުފެއްދި ޕާޓީގެ "އަސްލު" އެތައް މެންބަރުން ވެސް ހިމެނެ އެވެ. އެ މެންބަރުން ޕާޓީގެ "އަމިއްލަ" ދަފްތަރުން އުނިކުރުމުން އޭގެ ހިތްހަމަނުޖެހުން ބޮޑެވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ފުރަތަމަ އިސް ލީޑަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހި އެމަނިކުފާނުގެ ވަފާތެރިންގެ ބަޔަކު ޕާޓީ ދޫކޮށް ދިޔައިރު ވެސް، އެ ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ވެސް ގްރާސްރޫޓާއި ޕާޓީއާ ދެމެދު ގުޅުން ކުޑަ ވެގެން ދިޔުމެވެ. އެކަން ހައްލު ކުރަން ޕާޓީގެ ލީޑާޝިޕުން މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ޝާހިދު ގަބޫލު ކުރައްވަ އެވެ.

ޝާހިދު: "އެ ބޭފުޅުންނަށް އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ގުޅަން ވެސް ގުޅި. ބައެއް ބޭފުޅުންނަށް ގުޅައިގެން އަޅުގަނޑުމެންގެ ޕާޓީގެ ލީޑާޝިޕުން އެ މަސައްކަތް ކުރަން ވެސް ކުރެއްވި. އެކަމަކު ބައެއް ބޭފުޅުން ގަބޫލުފުޅު ކުރައްވާ ގޮތުގައި އަލުން ސޮއިކުރާކަށް ނުޖެހޭ. [އެބޭފުޅުން ވިދާޅުވަނީ] ތިމަންނައަކީ ޕާޓީ އުފެއްދި އިރު އޭގެ އަސްލު މެންބަރެއް ކަމަށް. އެކަމަކު ޕާޓީން ކީއްތޯ ކުރާނީ ގާނޫނަށް އެ ބަދަލު ގެނައިމަ."

ޝާހިދު ގަބޫލު ކުރައްވާ ގޮތުގައި، ރާއްޖެއަށް ބޭނުންވާ ތަރައްގީ އާއި ހެޔޮ ބަދަލުތައް ދެން ވެސް ގެނެދެވޭނެ ޕާޓީއަކަށް އޮތީ އެމްޑީޕީ ކަމަށް އާންމު ގިނަ ރައްޔިތުން ދެކެ އެވެ. އެހެންވެ، އެމްޑީޕީން ފެށި ސިޔާސީ މަސައްކަތް އެ ގޮތުގައި ދެމިއޮތް ކަމުގެ ޔަގީންކަންދީ، އަލުން އަނބުރާ ވަކިވެ ދިޔަ މެންބަރުން ޕާޓީއަށް ގެނައުމާއި ޕާޓީއަށް ތާއީދު ހޯދުމަކީ އޭނާ ކުރައްވާނެ މަސައްކަތެކެވެ.

ޝާހިދު: "އަޅުގަނޑު އަތޮޅުތަކަށް މި ކުރާ ދަތުރުތަކުގައި އަދިވެސް ގިނަ ބަޔަކު މި ގަބޫލުފުޅު ކުރައްވަނީ، އެމްޑީޕީއަށޭ ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނެވޭނީ. ރާއްޖެއަށް ބޭނުންވާ ހެޔޮ ވެރިކަންކުރެވޭނީ. އަޅުގަނޑުމެންގެ މުޅި ފޯކަސް މި ވަގުތު މި އޮތީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް. ރައީސް ސޯލިހު، ޗެއާޕާސަން ފައްޔާޒު [އިސްމާއިލް]، އަޅުގަނޑާ ތިން މީހުން ދަތުރުތައް ކުރާނަން. އެ ދަތުރުތަކުގެ ތެރެއިން އަޅުގަނޑުމެން ގްރާސްރޫޓާ ގުޅުންތައް ބަދަހި ކުރުމަށް މަސައްކަތްތައް ކުރާނަން."

އެމްޑީޕީގެ އާ ރައީސް އަބްދުﷲ ޝާހިދު "އަދަދު" ނޫހަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު


އަދަދު: އެޖެންޑާ-19 އިން ހާސިލްނުވެ އެތައް ކަމެއް އެބަ އޮތް، ރައްޔިތުންނަށް ދެން ދޭނެ ޔަގީންކަމަކީ ކޮބައި؟

މި ސުވާލުގެ ޖަވާބުގައި ޝާހިދު ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ ރާއްޖޭގައި ގާއިމުކޮށްފައިވާ ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެވެ. އަދި އެ ނިޒާމުގެ ތެރެއިން އެމްޑީޕީއަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނު ދުވަހު، އެ ޕާޓީން އަމަލު ކުރި ގޮތާއި ވާދަވެރި ޕީޕީއެމަށް ސަރުކާރާއި މަޖިލިސް ލިބުނު ކަންކަން ވެގެން ދިޔަ ގޮތެވެ.

ޝާހިދު: "އެމްޑީޕީގެ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ވެސް ކުރީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އެމްޑީޕީއަކީ ސަރުކާރުގައި އޮތަސް އިދިކޮޅުގައި އޮތަސް، ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭ ޕާޓީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އިހުތިރާމު ކުރާ ޕާޓީ. މިނިވަން މުއައްސަސާތައް ރައްކާތެރިކޮށްދޭ ޕާޓީ. ރާއްޖޭގެ ރައްޔިތުން ބޭނުންވާ އުފާވެރި ރާއްޖެ ހޯދައިދޭނެ ޕާޓީ."

އެޖެންޑާ-19 އިން ހާސިލްވި އެތައް ކަމެއް ވެސް އެބަ އޮތެވެ. ބަރުލަމާނީ ހަޔާތުގައި އެންމެ ގިނަ ބިލުތައް މަޖިލީހަށް ސަރުކާރުން ފޮނުވީ މިދިޔަ ފަސް އަހަރުގެ ރިޔާސީ ދައުރުގައި ކަން ޝާހިދު ފާހަގަ ކުރެއްވި އެވެ. ވަޒީފާގެ ގާނޫނަށް ގެނައި ބަދަލުތަކާއި، މިނިމަމް ވޭޖާއި، މަސައްކަތްތެރިންގެ ހައްގުތަކުގެ އެކި ގާނޫނާއި، ފުލުހުންގެ ހިދުމަތުގެ ގާނޫނާއި، މަސްވެރިންގެ ގާނޫނު ފަދަ މުހިންމު މަސައްކަތްތަކެއް ވެސް ކުރެވުނެވެ.

ހާސިލްނުވެ ދިޔަ ކަންކަމުގެ ތެރޭގައި، ޖަވާބުދާރީކުރަނިވި ދައުލަތެއް ބިނާ ކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީއަށް ގެންނަން ހުށަހެޅި ބައެއް އިސްލާހުތަކުގެ ވައުދު އޮތީ ނުފުއްދި އެވެ. ޝާހިދު ގަބޫލު ކުރައްވާ ގޮތުގައި އެ މަސައްކަތް ދެން ވެސް ކުރެވޭނީ އެމްޑީޕީއަށެވެ. އަދި އޭގެ ޔަގީންކަން އާންމުންނަށް، އެމްޑީޕީއަށް ދެން ވެސް ދެވޭނެ އެވެ.

ޝާހިދު: "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބެލުމުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތެއް. ސަރުކާރުން ބިލުތައް އެކުލަވައިލުން. ބިލުތައް ފޮނުވުން. ނަމަވެސް މަޖިލީހުގައި ދިމާވި އެކިއެކި ކަންކަމާ ގުޅިގެން މަޖިލިސް ގިނަ ދުވަސްތަކަކަށް މެދުކެނޑި ލަސްވެގެން ދިޔަ. އެހެންވިޔަސް ވަރަށް ގިނަ ބިލުތައް ފާސްކުރެވިގެން ވެސް ދިޔަ. ނުވެދިޔަ ކަންކަމަށް އަނެއްކާ ވެސް އަޅުގަނޑުމެން ހިތްވަރުކޮށްފައި، 20 ވަނަ މަޖިލީހުގައި އެމްޑީޕީން އިސް ނަގައިގެން ކުރިއަށް ގެންދާނަން. އެމްޑީޕީއަށް ދެން ވެސް އެ ކަން ވާނީ. މިހާތަނަށް ވީ ކަމެއް ވެސް ވީ އެމްޑީޕީއަށް."

އަދަދު: ވޯޓެއް ނެތި ޝާހިދަށް މަގާމު ލިބުމުން، ޕާޓީގައި ޑިމޮކްރެސީ ދަށްވާ ކަމަށް ގަބޫލު ކުރެވޭތޯ؟

ޝާހިދު، އެމްޑީޕީގެ ރައީސް ކަން ލިބުނީ އޭނާ ފިޔަވައި އެހެން މީހަކު ކުރިމަތިލުމުން އިންތިހާބަކާ ނުލަ އެވެ. މީގެ ކުރިން އެމްޑީޕީގައި ރައީސް ކަމަށް އެކަކު ކުރިމަތިލި ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް އޮވެ އެވެ. ބޭނުމަކީ އާންމު މެންބަރުންގެ ރުހުން އެ މީހަކަށް އޮތް ކަން ޔަގީން ކުރުމެވެ. އަސާސީ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ބައެއް މީހުން ފާޅު ކުރާ ހިޔާލުތަކަށް ޝާހިދު ޖަވާބެއް ދެއްވި އެވެ.

ޝާހިދު: "ގައުމީ މަޖިލީހުގެ މެންބަރުން މި ވިދާޅުވަނީ އެއް ކެންޑިޑޭޓަކު ވީމަ މެންބަރުންގެ 10 ޕަސެންޓު ހޯދަން ޖެހެއޭ، ދެ ބޭފުޅަކު ކުރިމަތިލައިގެން ވޯޓުލާ މީހުން ކިތަންމެ މަދަކަސް، އެއް ވޯޓަކުން ވެސް މީހަކު ހޮވެންޏާ ކޮބައިތޯ އެހާ ބޮޑު އެކްސަސައިޒެއް ހިންގުމުގެ ޖަސްޓިފިކޭޝަނަކީ. ދެން އަޅުގަނޑެއް ނޫން އެ މާއްދާއަށް ބަދަލު ގެނައީކީ ވެސް. އަދި އެއީ އަޅުގަނޑު މި މަގާމަށް ކުރިމަތިލާން ވެގެން ގެނައި ބަދަލެއް ވެސް ނޫން."

ޝާހިދު ވިދާޅުވީ، އޭނާ މަގާމާ ހަވާލުވީ އެ ކަމަށް ޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު އެދުމުންނާއި ރައީސް ސޯލިހާއި ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ލަފާ ވެސް އެ ކަމަށް ލިބިވަޑައިގަތުމުންނެވެ.

ޝާހިދު: "އަޅުގަނޑު މި މަގާމަށް ނުކުންނަން އެތައް މެންބަރުންނެއް، ރައީސް ސޯލިހު ވެސް، ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް، އެދިގެން ނުކުތީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްވެސް ބޭފުޅަކު އަޅުގަނޑާ ވާދަ ނުކުރެއްވީ އަޅުގަނޑުގެ ލީޑާޝިޕާ މެދުގައި އެމްޑީޕީގެ މެންބަރުންގެ އޮތް އިތުބާރު ބޮޑު ކަމުން. ޔަގީންކަން ބޮޑު ކަމުން."

އަދަދު: ޝާހިދަކީ "މައުމޫނީ ފިކުރު" ގެ ބޭފުޅެއް ކަމަށް ދެކެވާ ވާހަކަތަކަށް ދަންނަވާނީ ކީކޭތޯ؟

"މައުމޫނީ ފިކުރު" ގެ ގޮތުގައި އެމްޑީޕީގެ ސަޕޯޓަރުން ދައްކާ ވާހަކައަކީ ހުދުމުހުތާރު ސިފަތަކެއްގެ ވާހަކަ އެވެ. މައުމޫނުގެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށްވާ ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި ވަރަށް ގިނަ ބޭފުޅުން މި ވަގުތު އެމްޑީޕީގައި އެބަ ތިއްބެވި އެވެ. ޝާހިދަކީ ވެސް އެއިން އެއް ބޭފުޅެކެވެ. އެކަމަކު ޝާހިދު ގަބޫލު ކުރައްވާ ގޮތުގައި، އޭނާއަކީ އަބަދުވެސް މިނިވަން ހިޔާލުގެ ފިކުރުގެ ބޭފުޅެކެވެ.

ޝާހިދު: "ފެށެނީ އަޅުގަނޑު ރައީސް މައުމޫނުގެ އަރިހުގައި އުޅުއްވި ހިސާބުންތޯ. ނޫނީ ފެށެނީ މިނިވަން ހިޔާލާއި ފިކުރު ރާއްޖެއަށް ތައާރަފުކުރުމުގައި މަސައްކަތް ފެށި ހިސާބުންތޯ. އަޅުގަނޑާއި ރައީސް ނަޝީދުގެ ހަނދާނުގައި އަބަދުވެސް އޮވޭ ސަންގު ނޫހުގެ ނަމުގައި މަޖައްލާއެއް ނެރުން. އޭގެ އެއް ޗެނަލް ބޯޑުގެ މެންބަރެއް އަޅުގަނޑަކީ."

އޭނާ އެމްޑީޕީއަށް މިދިޔަ 11 އަހަރު ދުވަހު ކޮށްދެއްވި ހިދުމަތް އެ ޕާޓީގެ އާންމު މެންބަރުން މިއަދު ބަލައިގަންނަ ކަމަށް ޝާހިދު ގަބޫލު ކުރައްވަ އެވެ.

ޝާހިދު: "އަޅުގަނޑު އެމްޑީޕީއާ ގުޅުނީ އެމްޑީޕީ ސަރުކާރުގައި އޮއްވައެއް ނޫން. އެމްޑީޕީ ބާރުގައި އޮއްވައެއް ނޫން. އެމްޑީޕީއާ ގުޅުނީ އެމްޑީޕީ މަގުމަތި ވެފައި އޮއްވާ. އާ ބާރެއްގެ ގޮތުގައި އެމްޑީޕީ އަޅުގަނޑު ބަލައިގަތީ. އާޓިފިޝަލް ބީޗުގަ، ކާނިވާ ސަރަހައްދުގައި އެހާތަނަށް ބޭއްވި އެންމެ ބޮޑު ބައްދަލުވުމުގައި އަޅުގަނޑު އެމްޑީޕީއާ ގުޅުނީ. އެއިރުން ފެށިގެން މިހާތަނަށް އައި އިރު އެމްޑީޕީއަށް ބޭނުންވި ކޮންމެ ވަގުތަކު ވެސް އެންމެ ކުރީ ސަފުގައި އަޅުގަނޑު ހުންނާނީ. އެކަމަކު މިވީހާ ދުވަހު އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް މަގާމަކަށް އަޅުގަނޑު ކުރިމަތިލައިފައެއް ވެސް ނޯންނާނެ."

އަދަދު: ރިޔާސީ އިންތިހާބު 2028 ގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަ ހުންނެވިތޯ؟

ސިޔާސީ މަސްރަހަކީ ވަރަށް އަވަސް ބަދަލުތަކެއް އަންނަ ކަމެކެވެ. މީގެ ފަސް އަހަރު ކުރިން އޭނާ ހުންނަވާނެ މަގާމަކާއި، އަމިއްލަ ޒާތީ މަސްލަހަތުގެ މަސައްކަތަށް ވިސްނަވައިގެން އެއްވެސް އިރެއްގައި މަސައްކަތް ނުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަބަދުވެސް ވިސްނުން ބަހައްޓަވަނީ، އެ ވަގުތަށް އޭނާގެ ހިދުމަތް ގައުމަށާއި ޕާޓީއަށް ބޭނުންވެފައިވާ ކަމެއްގައި ފޯރުކޮށްދެއްވުމަށް ކަމަށް ވިދާޅުވި އެވެ.

ޝާހިދު: "އަޅުގަނޑު ސިޔާސީ ކަންކަމުގައި އުޅޭތާ ލައްކަ ޒަމާން ވެއްޖެ. ސިޔާސީ މަސައްކަތުގައި ފަސް އަހަރަކީ ވަރަށް ދިގު މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި، މީގެ ފަސް އަހަރު ފަހުން ތިމާ ހުންނާނެ ތަނަކާ މެދު ވިސްނައިގެން މަސައްކަތް ކުރަން ފަށައިފިނަމަ ޕާޓީއާ މެދު ނުސްވިނެނީ. މި ވަގުތު އެހެން ވިސްނުމެއް. ހަމައެކަނި ވިސްނުމަކީ އެމްޑީޕީ ވަރުގަދަ ކުރުން. އެމްޑީޕީއަށް މަޖިލިސް ހޯދައިދިނުން."

ޝާހިދާއެކު އެމްޑީޕީން މި ފަށަނީ ފަސޭހަ ދަތުރެއް ނޫނެވެ. ނަމަވެސް މީގެ ކުރިން އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެގެން އެމްޑީޕީން ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. މިފަހަރު ވެސް އެކަން ދަމަހައްޓަންޖެހެ އެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހެ އެވެ. ޝާހިދުގެ ޓެސްޓަކީ އެއީ އެވެ.