Advertisement

ފެކްޓު ޗެކް: އަރަބިއްޔާ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތެއް ނުފެށުނު!

24 ފެބުރުވަރީ 2024 - 20:06 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ މާލޭގެ 381 ނަންބަރު ކޮށި. -- ފޮޓޯ: އަދަދު


ފެކްޓު ޗެކް: އަރަބިއްޔާ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތެއް ނުފެށުނު!

24 ފެބުރުވަރީ 2024 - 20:06 3

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގައި ލިޔެފައި ވަނީ "އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް،" ވެރިކަމުގެ ފުރަތަމަ 14 ހަފުތާތެރޭގައި ފަށާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާ ސްކޫލު އިމާރާތް ކުރަން ކަނޑައަޅާފައި އޮތީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެކަމަށްޓަކައި އެތަނުގައި ހުރި އިމާރާތް ތަޅައި ބިން ސާފުކޮށް، އިމާރާތް ޑިޒައިންކޮށް، ބަޔަކާއެކު އެތަން އިމާރާތް ކުރުމުގެ އެއްބަސްވުން ހެދި އެވެ.

ވެރިކަން ބަދަލުކުރުމަށް ފަހު އެ ޕްލޭނުގެ ބަދަލުގައި އާ ސަރުކާރުން ނިންމީ ކުރީގެ ކުނިކޮށި ހުރި ކޮށީގައި އަރަބިއްޔާ ސްކޫލު ހެދުމަށެވެ. އެބިން އަރަބިއްޔާ އަށް ހަމަޖެއްސުމަށް ފަހު ރައީސް އޮފީހުން ނޮވެމްބަރު 21، 2023 ގައި ނޫސް ބަޔާނެއް ނެރުނެވެ.

"އަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި 'ހަފުތާ 14' ގައި އަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވައިފި އެވެ. އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. 'ހަފުތާ 14'ގައި އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.


މިއަދަކީ ހަފުތާ 14 ގެ އެންމެ ފަހު ދުވަހެވެ.

މިއަދު 381 ނަންބަރު ކޮށީގައި އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމާ ގުޅޭ ދެ ބޯޑެއް ޖެހި އެވެ. އަދި އަރަބިއްޔާ ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެތަނަށް ވަޑައިގެންނެވި ކަމަށް އެ މިނިސްޓްރީގެ އެކްސްގައި ޕޯސްޓުކުރެއްވި އެވެ.

"އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ބައްލަވައިލެއްވުން. މިއީ ހަފްތާ14 މަގުޗާޓުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ މަޝްރޫއުއެއް،" މިހެން ލިޔެ ޕޯސްޓުކޮށްފައި ވަނީ ހަތަރު ގަނޑު ފޮޓޯއާއެކު އެވެ.

އެ ފޮޓޯތަކުން ފެންނަނީ މިނިސްޓަރާއި މިނިސްޓްރީގެ ބައެއް އިސްވެރިންނާއި އަރަބިއްޔާ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނެވެ.

އެ ކޮށީގައި ބަހައްޓާފައި ހުރި ބޯޑުގައި ލިޔެފައިވާ ގޮތުން 10 ބުރީގެ ސްކޫލު އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ އަމިން ކޮންސްޓަރަކްޝަންއާ އެވެ.

ކުރީގެ ސަރުކާރުން ބާ ޖަމާލުއްދީން ސްކޫލު ބިމުގައި އިމާރާތް ކުރަން ނިންމާފައި އޮތީ ހަ ބުރީގެ ސްކޫލު އިމާރާތެކެވެ. އެ މަޝްރޫއު އަމިން ކޮންސްޓަރަކްޝަންއާ ސެޕްޓެމްބަރު 2022 ގައި ހަވާލުކުރީ އަރަބިއްޔާ އިމާރާތް ކުރުމުގެ އިތުރުން، ޖަމާލުއްދީން ސްކޫލުގެ އިމާރާތަށް ބައެއް އިތުރުކުރުމާ އެކު އެވެ. އެ ދެ މަޝްރޫއު ހަވާލުކުރީ ޖުމްލަ 168 މިލިއަން ރުފިޔާ އަށެވެ.

މަޝްރޫއުއަށް ބޮޑެތި ބަދަލުތަކެއް މިހާރު ގެނެސްފައިވާއިރު، 381 ކޮށީގައި ސްކޫލު އިމާރާތް ކުރުން ހަވާލުކުރަން ބީލަމަކަށް ހުޅުވައެއް ނުލަ އެވެ. އަދި އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ދުވަހާއި ހަރަދެއް ވެސް ހާމައެއް ނުކުރެ އެވެ.

އަދިވެސް އެ ކޮށި ބޭނުންކުރަނީ އާރުޑީސީގެ ސައިޓެއްގެ ގޮތުގަ އެވެ. އެ ކޮށީގައި މިހާރު ވެސް މައިގަނޑު ތިން އިމާރާތެއް އެބަ ހުއްޓެވެ. އެއީ އާރުޑީސީގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކަކާއި އޮފީހެއްގެ ގޮތުގައި ބޭނުންކުރާ ތަނަކާއި، އެ ކުންފުނީގެ ވެހިކަލްތަކާއި މަގު ހެދުމަށް ބޭނުންކުރާ ސާމާނު ގުދަން ކުރަން ހަދާފައިވާ އިމާރާތެވެ.

އެ ބިމުގައި އަމިން ކޮންސްރަކްޝަންގެ އެއްވެސް މުދަލެއް، މީހެއް ވެސް ނެތެވެ.


އެޑިއުކޭޝަން މިނިސްޓަރުގެ ބަސް

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުން 381 ނަންބަރު ކޮށީގައި އަރަބިއްޔާ ސްކޫލު އިމާރާތް ކުރަނީ ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ކުރެހުން ވެސް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަމާޒަކީ 2026 ގެ ދިރާސީ އަހަރު ފެށެން ވާއިރަށް އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު [އަމަލީ] މަސައްކަތް އެ ފެއްޓީ ނޫންތޯ؟ މިއަދުން ފައްޓައިގެން އަމަލީ މަސައްކަތް ހިނގަމުން ދާނީ. ހަމަ ބިން ކޮނުމާއި ބިންގާ އެޅުމުގެ މަސައްކަތް، ހަމަ އަމަލީ މަސައްކަތް ފެއްޓިގެން އެ ދިޔައީ،" މިނިސްޓަރު އަދަދު ނޫހަށް ވިދާޅުވި އެވެ.

އެތަނުގައި އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ދާތަން ނުފެންނާތީ، އެއީ ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އިމާރާތް ކުރާ ކޮށި އަމިން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ މިއަދު ކަމަށެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލަށް ކަނޑައަޅާފައިވާ ކޮށީގައި އާރުޑީސީގެ މުވައްޒަފުންނާއި އުޅަނދާއި ސާމާނު. -- ފޮޓޯ: އަދަދު


އެ ސައިޓުގައި އާރުޑީސީގެ މުވައްޒަފުންނާއި ތަކެތި ހުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ "އެ މީހުން ދެތިން ދުވަހެއްގެ ތެރޭގައި އެތަނުން ނުކުންނާނެ" ކަމަށެވެ.

މި މަޝްރޫއުއާ ގުޅޭ ގޮތުން އަމިން ކޮންސްޓަރަކްޝަނުން ބަހެއް ނުބެ އެވެ.

މި ކޮށީގައި އަރަބިއްޔާ ސްކޫލު އިމާރާތް ކުރަން ނިންމައި، އަދި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ބައްލަވައިލެއްވުމަށް މިއަދު ވަޑައިގެންނެވި ނަމަވެސް، އެތަނުގައި އަމަލީ އެއްވެސް މަސައްކަތެއް ނެތެވެ. އެފަދަ ނިޝާނެއް ވެސް ނެތެވެ. އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުން ކަމުގެ ހަގީގަތް އޮޅިގެންދެ އެވެ.

ސަރުކާރުގެ ހަފުތާ 14 މަގުޗާުޓުގައި އަރަބިއްޔާ ސްކޫލު އިމާރާތްކުރުުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނެފައި އޮތަސް، މިއަދާ ހަމައަށް އެތަނުގައި ބޯޑެއް ބެހެއްޓުން ފިޔަވައި އެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ގޮތުގައި އެ ސައިޓުގައި އިތުރު މަސައްކަތެއް ކޮށްފައެއް ނެތެވެ.