Advertisement

ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

23 ފެބުރުވަރީ 2024 - 18:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފޮރިން މިނިސްޓަރު ޒަމީރު އާއި އެމެރިކާގެ ސެކެޓްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް ވާމާ ބައްދަލުކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ


ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

23 ފެބުރުވަރީ 2024 - 18:42 0

ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އިއްޔެ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެފައިވާއިރު، އެމެރިކާގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ގައުމުގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗާޑް ވާމާ އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު އާއި ޑެޕިއުޓީ ސެކްރެޓަރީ ވާމާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުއްވާލެއްވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި މަޝްވަރާ ބައްދަލުވުމުގައި ޑިމޮކްރެޓިކް އުސޫލުތަކާއެކު ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، އިގްތިސާދީ ތަނަވަސްކަމާއި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

މިނިސްޓަރު ޒަމީރު އާއި ޑެޕިއުޓީ ސެކްރެޓަރީ ވާމާ ވަނީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވިސާގެ ކަންކަން ހަރުދަނާކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ.މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖެ އާއެކު ބަދަހި ގުޅުމެއް ދެމެހެއްޓުމަށް އެމެރިކާ ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، ސެކްރެޓަރީ ބައިލެޓަރަލް ޑރ.ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު، ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު އަދި ޑެސްކް އޮފިސަރު ސައިފުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.