Advertisement

ތިނަދޫ އެއާޕޯޓު އެމްއޯޔޫގައި ސޮއިކުރީ އިކޮނޮމިކް ކައުންސިލުން ފޮނުވުމުން: މުއްތަލިބު

22 ފެބުރުވަރީ 2024 - 12:43 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބު ކެބިނެޓު ބައްދަލުވުމެއްގައި. ހުރިހާ ބޮޑު މަޝްރޫއެއް ހިންގަނީ މި މިނިސްޓްރީގެ ބެލުމުގެ ދަށުން --- ފޮޓޯ: ރައީސް އޮފީސް


ތިނަދޫ އެއާޕޯޓު އެމްއޯޔޫގައި ސޮއިކުރީ އިކޮނޮމިކް ކައުންސިލުން ފޮނުވުމުން: މުއްތަލިބު

22 ފެބުރުވަރީ 2024 - 12:43 2

ގދ. ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަން ތައިލޭންޑްގެ ކުންފުންޏަކާ އެކު ފަހުމުނާމާއެއްގައި ސޮއިކުރީ އިކޮނޮމިކް ކައުންސިލުން އެގޮތަށް ނިންމައި ފޮނުވުމުން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ތިނަދޫ އެއާޕޯޓު މަޝްރޫއުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކުރީ ތައިލޭންޑްގެ ޕޭން ޕެސިފިކް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެ މަޝްރޫއު ހަވާލު ކުރި ތައިލެންޑު ކުންފުނީގެ މައްސަލަތައް މި ނޫހުން ވާނީ އިއްޔެ ފެންމަތިކޮށްފަ އެވެ.

ގއ. ވިލިނގިލީގައި ހުރި "އަދަދު"ގެ ނޫސްވެރިޔާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ދަތުރުކުރަމުންދާ މުއްތަލިބަށް އެ ކުންފުންޏާ ގުޅޭ ބެކްގްރައުންޑް ޗެކެއް ސަރުކާރުން ހަދާފައިވޭތޯ އަހާފަ އެވެ.

"އިކޮނޮމިކް ކައުންސިލުން ނިންމާފައި އަޅުގަނޑުމެންނަށް ފޮނުވީމައި އަޅުގަނޑުމެން ސޮއިކުރީ," އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

އަންގާރަ ދުވަހު ސޮއި ކުރީ އެއާޕޯޓު މަޝްރޫއުގެ އެގްރިމެންޓުގައި ކަމަށް ބުނުމަށްފަހު، ސޮއި ކުރީ އެމްއޯޔޫއެއްގައި ކަމަށް މިހާރު ބުނަނީ ކީއްވެތޯ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބުއާ "އަދަދު" އިން މިއަދު ސުވާލު ކުރުމުން އޭނާ މިއަދު ވިދާޅުވީ، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރި ކަމަށް ސަރުކާރުން ކުރިން ބުނެފައި ނުވާނެ ކަމަށެވެ.

"ތިޔަ ބޭފުޅުންނަށް ދިވެހި ނޭނގެނީތޯއޭ ނޫނިއްޔާ ގަސްތުގައި އޮޅުވާލަނީތޯއޭ. އެއީ ފުރަތަމަ ވެސް ޖަލްސާގައި އިއުލާނުކުރީ ފަހުމުނާމާއެއްގައި ސޮއިކުރި ވާހަކަ. އެމްއޯޔޫއެއްގެ ވާހަކަ. ރައީސް އޮފީހުގެ ވެބްސައިޓުގައި ވެސް އޮތީ އެމްއޯޔޫއެއްގެ ވާހަކަ," މުއްތަލިބު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ދިވެހިންނާއި އިނގިރޭސިން ޝާއިއުކޮށްފައިވާ ހަބަރަށް "ފަހުމުނާމާ" އެއްގައި ސޮއިކުރިކަން މިހާރު ވަނީ އިތުރުކޮށްފަ އެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުން "އަދަދު" ނޫހުން ކުރި ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ކުންފުންޏަކީ އެފަދަ ބޮޑު މަޝްރޫއުއެއް ހިންގުމުގެ މާލީ ގާބިލުކަން ހުރި ކުންފުންޏެއް ނޫނެވެ.

އޭގެ އިތުރުން އެ ކުންފުނީގެ ވެރިންނަނީ ރާއްޖޭގައި ދެ މަޝްރޫއުއެއް ހިންގަން ދެ ރަށެއް ނަގައި އެ ރަށްތަކަށް ޓެކްސް ނުދައްކާ ތިބި ބައެކެވެ. އެ ދެ މަޝްރޫއުގެ އީއައިއޭ ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ.