Advertisement

މަޝްރޫއުތަކަށް ކުރާ ހޭދަ މަޑުޖެހުނުއިރު، އެހެން ކެޕިޓަލް ހަރަދުތައް ބަޖެޓަށް ވުރެ މަތިންކޮށްފި

19 ނޮވެންބަރު 2024 - 13:16 0

އަމަން ހަލީމް

އަމަން ހަލީމް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ: މި ވަގުތު ހިންގަމުން އަންނަ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއަކީ މިއީ -- ފޮޓޯ: މިރާޝް ނާޝިމް/އަަދަދު


މަޝްރޫއުތަކަށް ކުރާ ހޭދަ މަޑުޖެހުނުއިރު، އެހެން ކެޕިޓަލް ހަރަދުތައް ބަޖެޓަށް ވުރެ މަތިންކޮށްފި

19 ނޮވެންބަރު 2024 - 13:16 0

އުމްރާނި ވަސީލަތްތައް ބިނާކުރަން ކުރާ ހަރަދު ދަށަށް ގޮސް، ކެޕިޓަލް ހަރަދުތަކުގެ ތެރޭގައި ހިމެނޭ އެހެން ހަރަދުތަކަށް މި އަހަރަށް ފާސްކުރި ބަޖެޓުގައި ހުރި އަދަދަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނިމުނު ހަފުތާގެ ތެރޭގައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި މި ހިނގާ ނޮވެމްބަރު 7، ގެ ނިޔަލަށް ކެޕިޓަލް ހަރަދުތަކަށް 11.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މި ހަރަދުގެ ތެރެއިން އެންމެ ބޮޑު ބަޔެއް ހަރަދުކުރީ އިންފްރާސްޓްރަކްޗާ އެސެޓުތަކަށް ނޫނީ އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ މަޝްރޫއުތަކަށެވެ. އެ ގޮތުން އެފަދަ މަޝްރޫއުތަކަށް 4.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހަރަދުކުރި 6.5 ބިލިއަން ރުފިޔާއަށް ވުރެ ދެ ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އުމްރާނީ ތަރައްގީއަށް ކުރާ ހޭދަ ދަށްވިއިރު، ކެޕިޓަލް ހަރަދުތަކުގެ ތެރޭގައި ހިމެނޭ ކެޕިޓަލް އިކުއިޕްމަންޓާއި ބިމާއި އިމާރާތްތަކާއި ދަރަނި ދޫކުރަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފައިވެ އެވެ. ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް އެންމެ ބޮޑަށް ހަރަދުކޮށްފައި ވަނީ ބިމާއި އިމާރާތްތަކަށެވެ. އެ ދާއިރާއިން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ކުރި ހަރަދުތައް

  • ބިމާއި އިމާރާތްތަކަށް - 1.2 ބިލިއަން ރުފިޔާ
  • ކެޕިޓަލް އިކުއިޕްމަންޓު - 357.1 މިލިއަން
  • ލޯނު ދޫކުރުން - 14.1 މިލިއަން ރުފިޔާ

ޖުމްލަ ޕީއެސްއައިޕީ ބަޖެޓަށް ބަލާއިރު، އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކަނި އަށް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ބިމާއި އިމާރާތްތަކަށް ކުރާ ހަރަދުގެ ބޮޑު ބަޔެއް ވެސް ހިމެނެނީ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގަ އެވެ. މިހާރު ޕީއެސްއައިޕީގެ ބާކީ އޮތީ 900 ވަރަކަށް މިލިއަން ރުފިޔާ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ބިން ހިއްކުމާއި، އެއާޕޯޓުތައް އެޅުމާއި ބަނދަރުތައް ހެދުމުގެ އިތުރުން މަގު ހެދުމާއި ގެދޮރު ބިނާކުރުމެވެ.