Advertisement

ޖަނާގެ އިލްތިމާސެއް: އިގުތިސޯދީ ހާލަތާ މެދު ދޮގު ހަބަރު ނުފަތުރާ، އެއީ ގައްދާރުވުން

22 ފެބުރުވަރީ 2024 - 12:06 0

އަމަން ހަލީމް

އަމަން ހަލީމް

ވިލިނގިލީގައި ބޭއްވި ޖަލްސާގައި ޖަނާ ވާހަކަދައްކަވަނީ: ޖަނާއަކީ އިގުތިސޯދީ ކަންކަމުގައި ރައީސްއަށް ލަފާދޭ އިސް އެޑްވައިޒަރު -- ފޮޓޯ: ރައީސް އޮފީސް


ޖަނާގެ އިލްތިމާސެއް: އިގުތިސޯދީ ހާލަތާ މެދު ދޮގު ހަބަރު ނުފަތުރާ، އެއީ ގައްދާރުވުން

22 ފެބުރުވަރީ 2024 - 12:06 0

ދިވެހި އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ފަތުރާ ދޮގު ހަބަރުތަކުގެ ސަބަބުން ގެއްލުންވާތީ އެފަދަ ހަބަރުތައް ނުފެތުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިޔަފާރީގެ ކަންކަމުގައި ރައީސްއަށް ލަފާ އަރުވާ އިސް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާ (ޖަނާ) މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާއެއްގައި ޖަނާ މިހެން ވިދާޅުވީ ރާއްޖެ ޑީފޯލްޓަކަށް ދާން އުޅޭ ކަމަށް ބުނެ އެކި މަންސަތަކުގައި އެކި ގޮތްގޮތަށް ވާހަކަތައް ދައުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ނުހަނު ކަންބޮޑުވެ ހުންނަވާ ދެއްކެވި ވާހަކައިގައި ޖަނާ ވިދާޅުވީ ރާއްޖެއަށް އިންވެސްޓުމަންޓުތައް ހޯދަނީ ވިޔަފާރިވެރިން ލާރި ހުރި ތަންތަނަށް ދަތުރުކޮށްގެން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ދޮގު ހަބަރު ފެތުރުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ސީދާ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމައި ދިވެހިރާއްޖޭގެ އިކޮނޮމީއާ ބެހޭގޮތުން ނެރޭ ކޮންމެ ނޭދެވޭ ހަބަރަކީ އެއީ އިންވެސްޓަރުގެ މާޒުމަތީގައި ކޮންމެ ދުވަހަކު ހެނދުނު ވެސް އޮންނާނެ އޭނަ އިންވެސްޓުކުރާ ގައުމަކާ ބެހޭގޮތުން އެ ގައުމެއްގެ ހާލަތު،" ޖަނާ ވިދާޅުވި އެވެ.

"މިސާލަކަށް މިތަނުގެ ޕާލިމެންޓުގައި ހިނގާ މަންޒަރުތައް ވަރަށް ކަންބޮޑުވޭ އަޅުގަނޑުމެންގެ ރަހުމަތްތެރިން. އެގޮތަށް ނެރޭ ނުބައި ނިއުސްއަކުން އޭގެ ނޭދެވޭ އަސަރު ކުރާނީ އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް."

ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޖަނާ މިހެން ވިދާޅުވި ނަމަވެސް، އޭގެ ކުރިން ރާއްޖޭގެ މާލީ ހާލަތާ މެދު ކަންބޮޑުވުން ހުރި ކަން ދޭހަވާ މޭރުމަކުން ވެސް ވާހަކަދެއްކެވި އެވެ. އެގޮތުން ރައީސް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ "ހަމައިން ނެއްޓިފައި [އޮތް] މުޅި އިކޮނޮމިކް ސައިކަލް" ގައި ހުރި އޮޅުންބޮޅުންތައް ފިލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިގުތިސޯދާ ގުޅޭގޮތުން ރަނގަޅު މައުލޫމާތު ފެތުރުން މުހިންމުވާ ސަބަބެއްގެ ގޮތުގައި ޖަނާ ފާހަގަކުރެއްވީ ޓެކްސް އާމްދަނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަންފާއަށްޓަކައި ހިންގާ އާސަންދަ އާއި ސަބްސިޑީ ފަދަ ކަންކަމަށް ހޭދަ ކުރަނީ ޓެކްސް ފައިސާއިން ކަމަށާއި، މިކަން ކުރަނީ އިގުތިސޯދު ފުޅާކޮށްގެން އިތުރުވާ ޓެކްސް ފައިސާއިންނެވެ.

ކަން މިހެން ހުރުމާއެކު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އިންވެސްޓަރުންގެ އިތުބާރަށް އަސަރުކުރާ ގޮތަށް ދޮގު ހަބަރު ފަތުރާ މީހުން ޖަނާ ސިފަކުރީ ގައްދާރުންގެ ގޮތުގަ އެވެ.

"މިހާ ރީތިކޮށް އޮތް ކަމެއްގެ ތެރޭގައި ދޮގު ހަބަރު ފަތުރާ ޕެނިކް އުފައްދާ އެބޭފުޅުން ހާސްވާނެ ކަންތައްތައް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއަށް ވުރެ ގައްދާރު، އެއަށް ވުރެ ދިވެހި ގައުމަށް ގެއްލުން ދެވޭނެ ބަޔަކު ނުތިބޭނެ." އޭނާ ވިދާޅުވި އެވެ.

ޖަނާ ގެންދަވަނީ މި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. މިހާތަަނަށް ރައީސް ދެ ގައުމަކަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ، އޭނާ އަންނަނީ އިންވެސްޓަރުންގެ ފޯރަމްތަކުގައި ވެސް ސަރުކާރުގެ އިގުތިސޯދީ އެޖެންޑާ އިންވެސްޓަރުންނަށް ވިއްކުމުގައި މުހިންމު ރޯލެއް ކުޅެމުންނެވެ.