Advertisement

ގދ. ތިނަދޫ އެއާޕޯޓު އެއްބަސްވުމާ ގުޅޭ މައްސަލައެއް ނުބަލަން: އޭސީސީ

22 ފެބުރުވަރީ 2024 - 12:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގދ. ތިނަދޫ އެއާޕޯޓު އެއްބަސްވުމާ ގުޅޭ މައްސަލައެއް ނުބަލަން: އޭސީސީ

22 ފެބުރުވަރީ 2024 - 12:17 0

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު އެއްބަސްވުމާ ގުޅޭ މައްސަލައެއް ބަލަމުން ނުދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ، އެއާޕޯޓު އެއްބަސްވުމާ ގުޅޭ ޝަކުވާއެއް މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައި ނުވާ ކަމަށާއި އިސް ނަގައިގެން މައްސަލަ ބެލުމަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

އެއްބަސްވުމާ ގުޅޭ ޝަކުވާއެއް ކޮމިޝަނަށް ލިބުމުން އެ ޝަކުވާއެއް ބަލާނެ ކަމަށާއި އެއްބަސްވުމުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭ ނަމަ އެއްބަސްވުމާ ގުޅޭ ކަންކަން ބަލާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ބުންޏެވެ.

ތިނަދޫ އެއާޕޯޓުގެ އެއްބަސްވުމުގެ މައްސަލަ ފެންމަތިވެފައި ވަނީ މަސައްކަތް ހަވާލުކުރަން އުޅޭ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުގެ ސައްހަކަމާއި ގާބިލުކަމާމެދު ސުވާލު އުފެދުމާ ގުޅިގެންނެވެ.

އޭގެ ފަހުން ސަރުކާރުން މިއަދު ބުނީ އަންގާރަ ދުވަހު ސޮއި ކުރީ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ނޫން ކަމަށާއި ސޮއި ކުރީ އެމްއޯޔޫއެއްގައި ކަމަށެވެ.

އޭގެ އިތުރުން، މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށްފަހު، ބަލަން ޖެހޭ އެންމެހައި ކަންތައްތައް ބަލައި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ވެސް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

"މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރު ކުރުމަށްފަހު، ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަހުމުނާމާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނުވާއިރު، މިހާތަނަށް ދެއްކީ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. އަދި ތިނަދޫ ކައުންސިލާއި ރައްޔިތުންނަށް ވެސް އެ މަޝްރޫއު އެނގުނީ ޖަލްސާގެ ތެރެއިންނެވެ.