Advertisement

ރައީސަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތައް "ވާނުވާގައި" އޮއްވައި ވޯޓަށް

20 އޭޕްރީލް 2024 - 15:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ރައީސަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތައް ވާނުވާގައި އޮއްވާ ވޯޓަށް - ފޮޓޯ: ރައީސް އޮފީސް


ރައީސަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތައް "ވާނުވާގައި" އޮއްވައި ވޯޓަށް

20 އޭޕްރީލް 2024 - 15:15 0

މާދަމާ ދިވެހި ރާއްޖޭގެ ވޯޓުލެވޭ އާބާދީ ނުކުމެ ކުރިއަށް އޮތް ފަސް އަހަރަށް ހޮވާ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރަކު އިންތިހާބުކުރާނެ އެވެ. މިއީ ގައުމުގެ ސިޔާސީ މަޝްރަހުގައި އަދި ގައުމީ ހުރިހާ މަސްދަރެއްގައި ވެސް މުހިންމު ނިންމުމެކެވެ.

މިފަދަ ނިންމުމަކަށް ރައްޔިތުން ތައްޔާރުވާއިރު، ސަރުކާރުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ދަނީ މަޖިލިސް ދޭން ޖެހެނީ އެމަނިކުފާނުގެ ސަރުކާރަށް ކަމަށެވެ. މެޖޯރީޓީއެއް ވެސް ނޫނެވެ. އެކު ޖުމްލަ 93 ގޮނޑިވެސް "ސަރުކާރުގެ ކެންޑިޑޭޓުންނަށް" ދިނުމަށް ރައީސް ގޮވާލެއްވި އެވެ.

އެ ވިދާޅުވި ސަރުކާރުގެ ކެންޑިޑޭޓުންގެ ތެރޭގައި ވެރިކަންކުރާ ޕާޓީއަށް ނިސްބަތް ނުވާ ކެންޑިޑޭޓުން ވެސް އެބަތިއްބެވެ. ރައީސް ސިފާކުރައްވާ ގޮތުގައި އިދިކޮޅަށް މަޖިލިސް ދިނުމަކީ ރިސްކެކެވެ. އެފަދަ ރިސްކެއް ނުނަގާ ސަރުކާރަށް ވޯޓުދޭއިރު ސަރުކާރުގެ އަސްލާއި ވެރިމީހާގެ ފަތިފުށް ވެސް ސާފުވާންޖެހެ އެވެ.

ނަމަވެސް އެ ނަސީބު މިފަހަރު ދިވެހި ވޯޓުވެރިންނަކަށް ނުލިބޭނެ އެވެ. ސަބަބަކީ ރައީސް މުއިއްޒުއަށް ކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތަކެވެ. އެ ތުހުމަތުތައް ސާފުކޮށްދިނުމުގެ ބަދަލުގައި، ތަހުގީގުކުރުމުގެ ބަދަލުގައި މުއައްސަސާތަކާއި އިދާރާތައް ނިދާފައިވުމެވެ.

އޭސީސީއިން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު އިންތިހާބުގެ ކުރިން ނުދިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް މުއިއްޒުއަށް ކުރެވޭ ހިޔާނާތުގެ މައްސަލަތަކެއް ބަލަމުންދާ ކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމުގެ އަޑުތައް ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ފެންމަތިވި އެވެ. ނަމަވެސް އޭރުވެސް އޭސީސީއިން މިކަމާ ގުޅިގެން ބަހެއް ނުބުނި އެވެ،

އޭސީސީގައި އޮތް ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލު ހޯދަން މި ނޫހުން އެދުނީ މިދިޔަ މަހުގެ ތެރޭގަ އެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ހުށަހެޅި މި ހުށަހެޅުމުގެ ޖަވާބުގައި އޭސީސީއިން ބުނީ އެކަމުގެ ތަފުސީލު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އެގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ 21 ދުވަހުގެ އިތުރަށް 14 ދުވަހުގެ މުއްދަތެއް އިތުރުކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެއާއެކު މި އިންތިހާބުގެ ކުރިންވެސް ރައީސް މުއިއްޒުގެ ކޮރަޕްޝަނުގެ މައްސަލަތައް ހާމައެއް ނުވާނެ އެވެ. ރައްޔިތުންގެ އަރިހުން 93 ގޮނޑިއަށް އެދޭ ވެރިޔާގެ ފަތިފުށް އޮންނާނީ ފޮރުވިފަ އެވެ. ރައްޔިތުން ވޯޓުދޭން ޖެހޭނީ އެ އަނދިރީގައި ތިބެގެންނެވެ.

މި މައްސަލަތަކުގެ ތެރެއިން ކިރިޔާވެސް ތަފުސީލެއް ލިބެން ހުރީ ފެބްރުއަރީ 13، 2022، ގައި އޭސީސީއިން އާންމުކުރި މުއިއްޒުގެ މައްސަލަތަކުގެ ލިސްޓެއްގަ އެވެ. ތަފުސީލު ވެސް ދީފައިވެ އެވެ.

އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވެއިރުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި ފުލެޓު ލިސްޓުގައި އޮޅުވާލުން ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.

ނަމަވެސް މި މައްސަލަތަކުގެ ތަހުގީގާ ގުޅޭ އެއްވެސް ތަފުސީލެއް އޭސީސީއިން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. މައްސަލަތައް ނިމިފައިވާ ކަމެއް ވެސް ނޭނގެ އެވެ.

މިކަމާ ގުޅިގެން އިދިކޮޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ދައުލަތުގެ ވެރިންނާއި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ވެރިން އިންތިހާބު ކުރުމުގެ ހައްގަށް ހުރަސް އެޅުމުގެ ގޮތުގައި އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ސިފަކޮށްފަ އެވެ.

"އެ މައުލޫމާތުތައް އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ ރައްޔިތުންނަށް ގާނޫނޫ އަސާސީން ކަށަވަރު ކޮށްދީފައި އޮތް އިންތިހާބީ ވެރިން ކަނޑައެޅުމުގު, އިހުލާސްތެރި ވެރިން ރައްޔިތުންގެ މައްޗަށް އިސްކުރަން ރައްޔިތުންނަށް ދީފައި އޮތް ބާރަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ހުރަސް އެޅުމުގައި މަގްސަދުގައި ކުރާ ކަމެއް," އެމްޑީޕީގެ "މިސްރާބު ހަމަމަގަށް" ކެމްޕޭންގެ ސްޕޯކްސްޕާސަން އަހްމަދު އީސާ، އެޕްރީލް 16، ގައި ވިދާޅުވި އެވެ.

ފުލުހުންނާއި އެފްއައިޔޫގެ އިންޓެލިޖެންސް ރިޕޯޓުތަކާއެކު ވެސް މުއައްސަސާތައް ނިދާފަ

ރައީސް މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ ފުލުހުންގެ އަދި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ އިންޓެލިޖެންސް ރިޕޯޓެއް ލީކުކޮށްލީ އެޕްރީލް 15، ގަ އެވެ.

ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ" ގެ އެކައުންޓުން ލީކުކޮށްލި މި ދެ ރިޕޯޓަކީ ސައްޖަ ރިޕޯޓުތަކެއްކަން މިކަމާ ގުޅިގެން "އަދަދު" އިން އެއްކުރި މައުލޫމާތުތަކުން ވަނީ ކަށަވަރުވެފަ އެވެ. މިއީ 2018 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ނަމަވެސް ނިމިދިޔަ ސަރުކާރުގައި ވެސް މި ރިޕޯޓުތަކާ ގުޅޭ ތަހުގީގެއް ހިންގާފައެއް ނުވެ އެވެ. ރައީސް މުއިއްޒު މި ރިޕޯޓުތަކާ ގުޅިގެން ވިދާޅުވީ ފުލުހުންގެ ރިޕޯޓަކީ ޑްރާފްޓެއް ކަމަށެވެ. އަދި، އިދިކޮޅުން 'އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް' އެމަނިކުފާނުގެ ބޮލުގަ އެޅުވޭނެ ކަމެއް ނުހޯދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރިޕޯޓުތައް ލީކުވިތާ ހަފުތާއެއް ވީއުރު މިހާތަނަށް ވެސް މި ރިޕޯޓުތަކާއި އަދި ރިޕޯޓުތައް ލީކުވި ސަބަބު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެއްވެސް އިދާރާއަކުން މައުލޫމާތު ލިބިފައި ނުވެ އެވެ.

ހިޔާނާތްތެރިވުމާއި ނުހައްގު މުއްސަދިކަންފަދަ ނުހަނު ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި އޮތް މި ރިޕޯޓުތަކާ ގުޅޭ ގޮތުން ސަރުކާރު އަދި ކަމާބެހޭ އިދާރާތައް ވެސް ހިމޭނުން އޮތްއިރު، ރައީސް މުއިއްޒުގެ އެކައުންޓަށް ފެބްރުއަރީ 1, 2017، އިން ފެށިގެން އޮކްޓޯބަރު 15, 2018، ގެ ނިޔަލަށް ޖަމާވެފައިވާ ފައިސާއާ ގުޅޭ ރިޕޯޓެއް ސެޕްޓެމްބަރު 2, 2023 ގައި "އަދަދު" ނޫހުގައި ޝާއިއު ކޮށްފައިވާނެ އެވެ.

ރައްޔިތުންނަށް ހަގީގަތް ސާފެއް ނޫން

މި ރިޕޯޓުގައިވާ ފައިސާއަކީ ލީކުވި ޑޮކިއުމެންޓުތަކުގައި ވެސް ހުރި ވާހަކަތަކެކެވެ. ރައީސްގެ ދުލުން މިކަންކަމަށް އިންކާރު ކުރެއްވި ނަމަވެސް ތަހުގީގީ އިދާރާއެއްގެ ބަސްނެތި ރައްޔިތުން ތިބޭނީ އޮޅުމެއްގަ އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މިކަންކަން ހާމަނުވުމުގެ ސަބަބުން އޮޅުވާލެވެނީ ރައްޔިތުންނަށް ކަމަށެވެ. ވޯޓުލާން ޖެހޭއިރު ރައްޔިތުންނަށް ހަގީގަތް އިނގެން ޖެހޭ ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުންބޮޅުންވާނެ، މިހާރު އެ ކިޔައިގެން އުޅެނީވެސް ރައީސްގެ ކެންޑިޑޭޓުންނޭ، ޕާޓީގެ ކެންޑިޑޭޓުންނެއްވެސް ނޫން ކިޔަނީ، ރައީސްގެ ކެންޑިޑޭޓު، ސަރުކާރު ކެންޑިޑޭޓު، އެހެންވީމަ ރައީސަށް މިހާ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އެކަމުގެ ހަގީގަތް މިކަމުގަ ޝާމިލްވާ މިނިވަން މުއައްސަސާތަކުން ހާމަކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޖަލު ހުކުމަކުން މިނިވަންވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ކަންކަމުގައި އޭސީސީއިން ގެންގުޅޭ އުސޫލުތަކާމެދު އެމަނިކުފާނު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މީގެ އިތުރުން އިދިކޮޅު އެމްޑީޕީއާއި ޔާމީނުގެ ޕީއެންއެފުން ވެސް ވަނީ މި މައްސަލަތައް ބަލަން ގޮވާލާފަ އެވެ. އޭސީސީއިން ބަލަމުންދާ މައްސަލަތަކުގެ ތަފުސީލު ހާމަކުރަން ގޮވާލާފަ އެވެ. ނަމަވެސް ވޯޓުލާން 12 ވަރަކަށް ގަޑިއިރަށް ވެފައިވާއިރު، މިކަމުގައި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކުރުމުގެ ވިސްނުމެއް ގެންގުޅޭ މަންޒަރެއް ނުފެނެ އެވެ.

އިދިކޮޅަށް މަޖިލިސް ދިނުމަކީ ރިސްކެއް ކަމަށް ރައީސް ވިދާޅުވާ ބީދައިން، އެމަނިކުފާނުގެ ފަސްބައިގަހުރި ހަޑިތައް ސާފުނުވާހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް މަޖިލިސް ދިނުމަކީ ވެސް ރިސްކެއް ނޫންބާވަ އެވެ.