Advertisement

އިންތިހާބު ޕްރިވިއު: ޑިމޮކްރެޓިކް އުސޫލުތަކާ ދުރު ކެމްޕެއިނަކަށް ފަހު ވޯޓާ ހަމައަށް

20 އޭޕްރީލް 2024 - 14:11 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ަމަޖިލިސް ކެމްޕެއިނަށް ހަރުކޮށްފައި ހުރި ބިލްބޯޑުތަކެއް: އިންތިހާބަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން އެޗްއާރުސީއެމްގެ އެބައޮތް -- ފޮޓޯ: އިޔާދު އަބްދުލް ވައްހާބް/އަދަދު


އިންތިހާބު ޕްރިވިއު: ޑިމޮކްރެޓިކް އުސޫލުތަކާ ދުރު ކެމްޕެއިނަކަށް ފަހު ވޯޓާ ހަމައަށް

20 އޭޕްރީލް 2024 - 14:11 1

މިދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި އިވުނުޑު އަޑުތަކަކީ އިންތިހާބާ ދިމާކޮށް ބިރު ދެއްކުމާއި ވަޒީފާގެ ބިރުދެއްކުމާއި ޕްރޮމޯޝަން ދިނުމާއި ރިޝްވަތު ބެހުމާއި މަޝްރޫއުތައް ފެށުމާއި މަޝްރޫއުތަކުގައި ސޮއި ކުރަމުންދާ ވާހަކަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މާދަމާ ރައްޔިތުން ވޯޓުލާން ނުކުންނައިރު، ހައްގު އަދާ ކުރަން މި ޖެހެނީ "އާދަޔާ ހިލާފު" މާހައުލެއްގެ ތެރެއިންނެވެ. ދައުލަތުގެ މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފެށުނީއްސުރެ ވެރިކަން ހިންގާ ޕީއެންސީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބިގެން ކަމަށެވެ. ވެރިކަން ހިންގާ ބާރުގެ އިތުރުން ގާނޫނުތައް ހެދުމުގެ ބާރު ވެސް އެމަނިކުފާނަށް ލިބިގެން ކަމަށެވެ.

ސަރުކާރަށް ފާރަވެރިވާން އުފައްދާފައިވާ މުއައްސަސާތަކުން ވަނީ ރައީސް އަދި ވެރިކަން ހިންގާ ޕާޓީގެ އެ ވާހަކަތައް ކުށްވެރިކޮށްފަ އެވެ. އެ ވާހަކަ ފާހަގަކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހުކުރު ދުވަހު ވަނީ ބަޔާނެއް ވެސް ނެރަފަ އެވެ.

"އެގޮތުން ވަކި ދާއިރާތަކުގެ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ވަކި މެންބަރެއް އިންތިހާބު ކުރަންޖެހޭ ކަމަށާއި ސީދާ ވަކިވަކި އާބާދީތަކަށް ތަރައްގީ ގެނައުމަށްޓަކައި ވަކި ކެންޑިޑޭޓެއް ހޮވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވޭ،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ވާހަކަ ތަފުސީލު ކުރަމުން އެ ކޮމިޝަނުން ބުނެފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް އިރު، އެއީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާ ބެހޭ މަސައްކަތެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ގާނޫނުތައް ހެދުމާއި ދައުލަތުގެ ބަޖެޓު ފާސް ކުރުމާއި ސަރުކާރު ޒިންމާދާރު ކުރުވުން ހިމެނޭއިރު، ކެމްޕެއިން ކުރުމުގެ ތެރެއިން މި މެންޑޭޓު އާންމުންނަށް އޮޅުން އަރާނެ ފަދަ ގޮތަކަށް ކެމްޕެއިން ކުރާކަން ފާހަގަ ކުރެވިފައިވޭ،" އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

ރައީސް ޑރ. މުއިއްޒު ރަށްރަށަށް ވަޑައިގެން ޕްރޮޖެކްޓުތައް އިފުތިތާހު ކުރުމަކީ ނުވަތަ އިއުލާނު ކުރުމުން ވޯޓަށް ނުފޫޒު ފޯރުވިދާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާނު ކުރުމަށްފަހު [ޖެނުއަރީ 30] ގެ ފަހުން ރައީސުލްޖުމްހޫރިއްޔާ 100 އަށް ވުރެ ގިނަ ރަށްރަށަށް ދަތުރުކޮށްފައިވޭ. ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ރަށްރަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރުމަކީ ކުރުން މުހިންމު ކަމަކަށްވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މި ދަތުރުތަކުގައި އެކި މަޝްރޫއުތައް އިއުލާނު ކުރުމާއި ސޮއި ކުރުމުގެ އިތުރުން ކުރީގައި ނިމިފައި ހުރި ނިމިފައި ހުރި ޕްރޮޖެކްޓުތައް އިފުތިތާހު ކުރުމަކީ އޭގެ ސަބަބުން އިންތިހާބަށް ނުފޫޒު ފޯރުވަން ފުރުސަތު އޮތް ކަމެއް،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ދޮގު ހެދުމާއި ވަޒީފާގެ ބިރު ދެއްކުމާއި ވޯޓު ގަނެވިއްކުމުގެ މާހައުލެއް ވެސް އުފެދިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެ އެވެ.

"އެކި ކެންޑިޑޭޓުންނާ ގުޅޭ ގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ގަސްތުގައި ގެއްލުން ދިނުމުގެ ނިޔަތެއް ނެތި ނަމަވެސް ފަތުރަމުންދާކަމާއި ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ވަޒީފާގެ ބިރުދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުންފަދަ ނޭދެވޭ ކަންކަން ހިންގަމުންދާކަމުގެ މައުލޫމާތު ލިބޭ،" އެޗްއާރްސީއެމްއިން އޭޕްރީލް 14، ގައި ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދައުލަތުގެ ވަސީލަތްތައް ކެންޑިޑޭޓުންގެ އަމިއްލަ މަންފާއަށް ބޭނުން ކުރަމުންދާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

"ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާއިރު، އެކަމުގައި ބައިވެރިވާ ފަރާތައް ޒިންމާދާރު ކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކުރެވޭ،" މަދަނީ ޖަމިއްޔާ ޓްރާންސްޕޭރންސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ޕީއެންސީގެ ކެންޑިޑޭޓުން ބާކީކޮށް، ސަރުކާރުން ވަކި ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރާތީ އެ މައްސަލަ ވެސް އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ކޮމިޝަނުން ގަބޫލު ކުރަނީ އޭގެ ސަބަބުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމަށް ލިބޭ ހައްގަށް އުނިކަން ލިބެ އެވެ.

"ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ކެންޑިޑޭޓުންނަށް އެ ކޯލިޝަންގެ ފަރާތުން ތާއީދުނުކޮށް އެ ދާއިރާތަކަށް ކުރިމަތިލާފައިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރާ ފަރާތެއް އިހްތިޔާރު ކުރުމުގެ ހައްގަށް އުނިކަމެއް އައުމަށް ފުރުސަތު އޮތް ކަމެއް،" އެ ބަޔާނުގައިވެ އެވެ.

ނުފޫޒާއި ބިރުދެއްކުމާއި ރިޝްވަތު ދިނުމުގެ ތެރެއިން މާދަމާ ރައްޔިތުން ވޯޓުލާން ނުކުންނާނެ އެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް މި އިންތިހާބުގައި މި އޮތީ މިނިވަން، އިންސާފުވެރި މާހައުލެއް ނޫނެވެ. ވޯޓުލާ މީހުންގެ އެތައް ހައްގެއް މި ވަނީ ގެއްލިފަ އެވެ.