Advertisement

ސަރުކާރުން މިހާރު ބުނަނީ ސޮއި ކުރީ އެއާޕޯޓު މަޝްރޫއުގެ އެމްއޯޔޫއެއްގައި ކަމަށާއި ކުންފުނީގެ މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރާނެ ކަމަށް

22 ފެބުރުވަރީ 2024 - 09:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތިނަދޫ އެއާޕޯޓްގެ މަޝްރޫއު ތައިލޭންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާ ހަވާލުކުރުން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


ސަރުކާރުން މިހާރު ބުނަނީ ސޮއި ކުރީ އެއާޕޯޓު މަޝްރޫއުގެ އެމްއޯޔޫއެއްގައި ކަމަށާއި ކުންފުނީގެ މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރާނެ ކަމަށް

22 ފެބުރުވަރީ 2024 - 09:20 0

ގދ. ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ސޮއިކުރީ އެމްއޯޔޫއެއްގައި ކަމަށާއި ކޮންޓްރެކްޓްގައި ސޮއިކުރާނީ ކުންފުނީގެ މާލީ ގާބިލުކަން ކަށަވަރު ކުރާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުން އަންގާރަ ދުވަހު ބުނެފައި ވަނީ "ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި" ކަމަށެވެ. އަދި "ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް" ހަވާލުކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ނަމަވެސް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސޮއި ކުރީ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ އެމްއޯޔޫއެއްގައި ކަމަށާއި ހަގީގީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށެވެ.

"މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރު ކުރުމަށްފަހު، ބަލަންޖެހޭ އެންމެހައި ކަންތައްތައް ބަލައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވަނީ މަޝްރޫއު ހަވާލު ކުރަން މަސައްކަތް ކުރާ ކުންފުނީގެ ޕްރޮޕޯޒަލާ ގުޅޭ ތަފުސީލެއް ދީފަ އެވެ.

"ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑުން ހުށަހަޅާފައި ވަނީ ހަތަރު ކިލޯ މީޓަރު ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޕެސެންޖާ ޓަމިނަލް އަދި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ގާއިމު ކުރުމަށް،" މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މަތީ ފަންތީގެ ރިސޯޓާއި ޔޮޓް މެރީނާއަކާއި އަދި ފްލައިން ސްކޫލެއް ތަރައްގީ ކުރުމަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަހުމުނާމާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައި ނުވާއިރު، މިހާތަނަށް ދެއްކީ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. އަދި ތިނަދޫ ކައުންސިލާއި ރައްޔިތުންނަށް ވެސް މި މަޝްރޫއު އެނގުނީ ޖަލްސާގެ ތެރެއިންނެވެ.