ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް :
މަސް ގަތުމަށްފަހު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 298 މިލިއަން ރުފިޔާގެ މައްސަލާގައި، މުޒާހަރާ ކުރަމުންދާ ދޯނިތަކަށް އެކަނި ފައިސާ ދޭން އެއްބަސް ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޫއްޑޫ ބަންދުކުރުމުން މަސް ނުކުރިފައި ދޯނިތަކެއް އެބަތިބި ކަމަށާއި މުޒާހަރާ ކުރާ ދޯނިތަކަށް އެކަނި ފައިސާ ދޭން އެއްބަސް ނުވެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްބަހެއް ނުވާނަން ހަމައެކަނި ފަޅުގައި ތިބި ވަކި ބަޔަކަށް ލާރި ދީފަ ނިންމާލާކަށް. އެއީ އަޅުގަނޑަށް އެބަ ގުޅާ އުތުރުން ވެސް. އަޅުގަނޑަށް އެބަގުޅާ ކޫއްޑޫގެ ފަޅަށް ނުވަދެވިފަ ތިބި މީހުން ވެސް އެކަމާ ދޭތެރޭ ކަންބޮޑުވެގެން،" ޝިޔާމް ވިދާޅުވި އެވެ.
ވަޒީރު ފާހަގަކުރެއްވީ ވަކި ބަޔަކަށް ފައިސާ ދިނުމުން ދޭހަވަނީ ފައިސާ ލިބެނީ މުޒާހަރާ ކޮށްގެން ކަމަށާއި އެކަމަކު މުޒާހަރާ ނުކުރިޔަސް ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭނެ ކަމަށެވެ.
ސަރުކާރުން މިހާރު ދީފައިވާ ތާރީހުތަކުގައި މަސްވެރިންނަށް ފައިސާ ދެވޭނެ ކަމަށް ވިދާޅުވެ މަސްވެރިންގެ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިކަމަށް ނުކުތުމަށް ވަޒީރު އަނެއްކާ ވެސް ގޮވާލައްވައިފަ އެވެ.
އޭގެ އިތުރުން، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ މައްސަލަ ހައްލުކޮށް، މައްސަލައިގެ އަދާހަމަތައް ހިއްސާކުރަން މިއަދު 2:00 ގައި މިފްކޯގެ އޮފިޝަލުންނާއި ފިނޭންސް މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް [މަޝްވަރާ ކުރެވޭނެ] މިހާރު އަތުގައި ހުރީ ކިހާ ފައިސާއެއްތޯ ދެވެން، މިހާރު ޕެންޑިންގައި ހުރި ބިލުތަކަށް ދައްކަން،" ޝިޔާމް ވިދާޅުވި އެވެ.
މުޒާހަރާ ކުރާ ދޯނިތަކަށް އެކަނި ފައިސާ ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ގދ. ތިނަދޫގައި ވަނީ މަސްވެރިންގެ މުޒާހަރާ ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި މައްސަލަ ހައްލުކުރަން މަސްވެރިންނާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޫއްޑޫ އަދި އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން މިހާރު ޑިމާންޑު ކުރަމުން ދަނީ ނުލިބި ހުރި ފައިސާގެ ތެރެއިން އެ ދޯނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށެވެ. ނަމަވެސް މިފްކޯއިން މިއަދު މަސްވެރިންގެ ގާތު ބުނެފައިވަނީ މިވަގުތަށް ދެވެން ހުރީ ހަފުތާއަކަށްވާ ފައިސާ ކަމަށާއި ފައިސާ ދޫކުރާނީ ހުރިހާ ދޯންޏަކަށް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment