Advertisement

ރެއާލަށް ބަދަލުވާން ބޭނުންކަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ރައީސަށް އަންގާފައި

21 ފެބުރުވަރީ 2024 - 12:22 0


ރެއާލަށް ބަދަލުވާން ބޭނުންކަން އެމްބާޕޭ ވަނީ ޕީއެސްޖީގެ ރައީސަށް އަންގާފައި

21 ފެބުރުވަރީ 2024 - 12:22 0

ޕެރިސް (ފެބްރުއަރީ 21) - މި ސީޒަނަށް ފަހު، ޕީއެސްޖީގެ ކޮންޓްރެކްޓް ހަމަވުމުން އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ފޯވާޑް، ކީލިއަން އެމްބާޕޭ، ދެން ގުޅޭނީ ރެއާލް މެޑްރިޑާ ކަން ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ އަށް އަންގައިފި އެވެ.

މޮނާކޯ ދޫކޮށް، 2017 ވަަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި، އެމްބާޕޭ، 25، ވަނީ، 2022 ވަނަ އަަހަރު ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ ނިިޔަލަށް ހަމަވާއިރު، އެމްބާޕޭ ތަކުރާރުކޮށް ބުނަމުން އައީ އެހެން ޓީމަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެމްބާޕޭ، ޕީއެސްޖީގައި އިތުރަށް މަޑުނުކުރާނެ ކަމަށް ބެލެވެން ފެށީ، މިދިޔަ އަހަރު އޭނާގެ ކޮންޓްރެކްޓް އިތުރު ކުރެވޭ ގޮތަށް އޮތް މާއްދާ އަށް އަމަލުނުކުރަން ނިންމުމުންނެވެ.

ޕީއެސްޖީން އެމްބާޕޭގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ކަނޑައެޅި ތާރީހަކީ، މި މަހު 13 ވަަނަ ދުވަހެވެ. އޭގެ ކުރިން، އެމްބާޕޭ ވަނީ ޕީއެސްޖީގެ ރައީސް އަލް ހަލީފާއާ ބައްދަލުކޮށް، އޭނާ ކުރިއަށްދާން ނިންމާފައިވާ ގޮތް ސާފުކޮށްދީފަ އެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން، މީޑިއާތަކަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެމްބާޕޭ ނިންމި ނިންމުމަކީ ރެއާލާ ގުޅުން ކަމަށް ވަނީ އަލް ހަލީފާ ގާތުގައި ބުނެފަ އެވެ.

އެމްބާޕޭ އަކީ ޕީއެސްޖީ ވަނީ އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އެއީ، 244 ގޯލު ޖަހައިގެންނެވެ.

ރެއާލުން ވަރަށް އަވަހަށް އެމްބާޕޭގެ ޑީލް އިއުލާނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ގޮތުން، ރެއާލުން އެމްބާޕޭއާ އެކު ސޮއިކުރަން ތައްޔާރުކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ، ސީޒަނަކު 17 މިލިއަން ޑޮލަރުގެ މުސާރައެއް، ލިބޭ ގޮތަށާއި ސޮއިކުރާއިރު، 161 މިލިއަން ޑޮލަރުގެ ބޯނަސް އެގްރީމެންޓެއްގަ އެވެ. މި ބޯނަސް ދޭނީ ކޮންޓްރެކްޓްގެ މުއްދަތަށް ބަހާލައިގެން ސީޒަނެއްގައި ވަކިވަރެކެވެ. އަދި އެމްބާޕޭއާ އެކު ރެއާލުން ހަދާ ކޮންޓްރެކްޓްގައި ރެއާލުން އެމްބާޕޭ ބޭނުންކޮށްގެން ކުރާ އިސްތިހާރުތަކުގެ ވަކި ޕަސެންޓެއް އޭނާ އަށް ދޭނެ އެވެ. މި ކަންކަމަށް ބަލާއިރު، ސީޒަނެއްގައި އެމްބާޕޭގެ މުސާރަ އުޅޭނީ ޖުމްލަ އެކު ބަލާއިރު، 30 މިިލިއަން ޑޮލަރުގަ އވެެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެމްބާޕޭ އަށް ރެއާލްގެ ހަތް ނަމްބަރު ދޭން ވިނީޝިއުސް ޖޫނިއާ އެއްބަހެއްނުވެ އެވެ. އެހެންވެ، އެމްބާޕޭ ބޭނުންކުރާނީ ރެއާލްގެ 10 ނަމްބަރު ޖޯޒީ ކަމަށް ވެ އެވެ. އެއީ، މި ސީޒަނަށް ފަހު، ލޫކަ މޮޑްރިޗް، ރެއާލުން ގޮސްފިނަަމަ އެވެ.